ތާރީޚުގެ ތެރެއިން ބައެއް ފަހަރު އަންނަނީ ވަރަށް ޚާއްޞަ، އަދި ހައިރާންކުރުވަނިވި ހާދިސާތަކެވެ. އޭގެ ތެރެއިން އެއް ހާދިސާއަކީ 1865 ވަނަ އަހަރު ދިމިޝްގުގެ ޢިލްމުވެރިއެއް ކަމުގައިވާ އިމާމް ޢަބްދުއްރަޙްމާން ބިން ޢަބްދުﷲ އަލްބަޣްދާދީ އަށް ކުރިމަތިވި ޝައުޤުވެރި ދަތުރެވެ. އޭނާ އިސްތަންބޫލުން ބަޞަރާއަށް ދަތުރުކުރަމުން ދިޔަ އޮޑި، ކަނޑުގެ ގަދަ ވައިގެ ސަބަބުން މަގު އޮޅި، ދަތުރު ނިމުނީ ދުރު ބްރެޒިލްގެ އައްސޭރިއަށެވެ. މިއީ އޭރުގެ ސޫރިޔާގެ މީހުންނަށް އެއީ މުޅިން އާ، އަދި ނޭނގޭ ދުނިޔެއެކެވެ.
އަލްބަޣްދާދީއަކީ ހިތްވަރުގަދަ، ޢިލްމުވެރި، އަދި އިންސާނިއްޔަތަށް ހަމްދަރުދީވި ޝަޚްސިއްޔަތެކެވެ. ބްރެޒިލްގައި ހޭދަކުރެއްވި ތިން އަހަރު ދުވަހުގެ ތެރޭގައި، އޭނާ އެޤައުމުގެ ޙާލަތު ވަރަށް ތަފްޞީލުކޮށް ލިޔެ ރައްކާކުރެއްވި އެވެ. އޭނާގެ މި މުހިންމު ތަޖުރިބާތައް ފެންނަން އޮތީ އޭނާ ލިޔުއްވި މަޝްހޫރު ފޮތް "މުސައްލިތުލް ޣަރީބު ފީ ކުއްލި އަމްރިން ޢަޖީބު" (އާދަޔާ ޚިލާފު ކޮންމެ ކަމެއްގައި ބީރައްޓެހިންނަށް ލިބޭ ހިތްހަމަޖެހުން) އިންނެވެ.
ބްރެޒިލްގައި އޭނާގެ ލޮލުގައި އަޅައިގަތީ، އެފްރިކާގެ އަޞްލު މުސްލިމުންގެ ދަރިކޮޅުތަކެވެ. އެމީހުން އަޅުންގެ ގޮތުގައި އަޅުވެތިކަމުގެ ތެރޭގައި ތިބި ނަމަވެސް، އެމީހުންގެ ކިބައިގައި އިސްލާމީ އަސްލުތަކެއް އަދިވެސް ހުރިކަން އޭނާއަށް ފާހަގަކުރެވުނެވެ.
އަލްބަޣްދާދީ އެނބުރި ޤައުމަށް އަވަހަށް ވަޑައިގަތުމުގެ ބަދަލުގައި، އެމީހުންނަށް ދީނީ ތަޢުލީމު އުގަންނައި ދިނުމަށާއި، އިސްލާމީ ޝިޢާރުތައް އާލާކުރުމަށް އިސްކަންދެއްވި އެވެ. އޭނާ ވިދާޅުވީ އޭނާ އިސްލާމީ ހެދުމުގައި ފެނުމުން އެ އެފްރިކާ އަޅުން އޭނާގެ ގާތަށް އައިސް އެމ،ީހުން އިސްލާމީ ޝިއާރުތައް މަތިން ހަނދާން ނެތިފައިޥާ ކަން ކިޔައި ދިން ކަމަށެވެ.
-
އޭނާގެ ތާރީޚު ފޮތަކީ އޭރުގެ ބްރެޒިލްގެ އިޖްތިމާޢީ ޙާލަތާއި، އަޅުވެތިކަމުގެ ތެރޭގައި އޮތް މުޖުތަމަޢުގެ ބޭރުފުށާއި އެތެރެފުށް އެނގޭނެ އެންމެ ފުރަތަމަ ޢަރަބި ލިޔުމެވެ.
-
"ދިމިޝްގުގެ ކޮލަމްބަސް": އޭނާ އަށް މި ލަޤަބު ދެވިފައިވަނީ ބްރެޒިލް ހޯދި މީހަކަށް ވީތީއެއް ނޫނެވެ. އޭގެ ބަދަލުގައި، އެތައް އަހަރެއް ކުރިން، މުޅި ދުނިޔޭގެ މީހުންނަށް ނޭނގޭ އެ ދުރު ރަށްތަކުގެ ވާހަކަ ޢަރަބި ދުނިޔެއަށް ގެނެސްދިނުމުންނެވެ.
-
އޭނާގެ މި ދަތުރު، ފަހުން 19 ވަނަ ޤަރުނުގެ ފަހުކޮޅު ސޫރިޔާ އާއި ލުބްނާނުން ދެކުނު އެމެރިކާއަށް ދިޔަ ހިޖުރަވެރިންނަށް އޭނާގެ ފޮތް މަގުކޮށައިދިން ކަމަށް ބެލެވެއެވެ.
އަލްބަޣްދާދީގެ މި ދަތުރަކީ ދަތުރުކުރުމުގެ ރޫޙާއި، އިންސާނިއްޔަތަށްޓަކައި ޚިދުމަތް ކުރުމުގެ މަތިވެރި ނަމޫނާއެކެވެ.


