ޝަރުޢީ ދާއިރާގެ އަޚްލާޤީ މިންގަނޑުތައް ހިފެހެއްޓުމަށް ބާރުއަޅައި، އަޚުލާގީ ގޮތުން ޚިޔާލުތަފާތުވުންތައް އުފެދިފައިވާ ފަނޑިޔާރުންނަށް މަޖުބޫރުކޮށް ރިޓަޔާ ކުރުވުމ ގެ ލުއި ދިނުމުގެ ބަދަލުގައި، އެ މީހުން ވަޒީފާއިން ވަކިކުރުން މާ މުހިންމު ކަމަށް ޕާކިސްތާނުގެ ސްޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.
ހުކުރު ދުވަހު އާންމުކުރި ނުވަ ސަފުހާގެ މި ތަފްސީލީ ހުކުމުގައި، ޖަސްޓިސް ޝާހިދު ވަޙީދު އިސްވެ ހުންނަވައިގެން މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ބެންޗުން ފާހަގަކުރެއްވި ގޮތުގައި، ޝަރުޢީ ދާއިރާގެ ބާރަކީ ހަތިޔާރެއް ނުވަތަ އަސްކަރީ ބާރެއް ނޫނެވެ. އެ ދާއިރާގެ ހަގީގީ ބާރަކީ ރައްޔިތުންގެ އިތުބާރާއި ފަނޑިޔާރުންގެ އަޚްލާޤީ މިންގަނޑުތަކެވެ. ފަނޑިޔާރެއްގެ ފަރާތުން ފެންނަ ނޭދެވޭ އަމަލުތަކުން އިތުބާރު ގެއްލިއްޖެ ނަމަ، އެ ފަނޑިޔާރަކު މަގާމުގައި ބެހެއްޓުމަކީ ގާނޫނުގެ ހުކޫމަތަށް އޮތް ބިރެއް ކަމަށް ކޯޓުން ބުންޏެވެ.
"ފަނޑިޔާރެއްގެ އަމާނާތްތެރިކަން ދެބައި ނުކުރެވޭނެ؛ އެއީ ފުރިހަމަ އެއްޗެއް ނުވަތަ އެއްގޮތަކަށް ވެސް ނެތް އެއްޗެއް،" ހުކުމުގައިވެއެވެ.
މި މައްސަލައަކީ ޕަންޖާބުގެ މައިލްސީގެ ކުރީގެ އެޑިޝަނަލް ޑިސްޓްރިކްޓް އެންޑް ސެޝަންސް ޖަޖު، އަފްޟަލް ޒާހިދު ވަޒީފާއިން ވަކިކުރުމާ ގުޅޭ މައްސަލައެކެވެ. އޭނާގެ މައްޗަށް ކޮރަޕްޝަންގެ ސީދާ ހެކިތަކެއް ހޯދިފައި ނެތް ނަމަވެސް، ފަނޑިޔާރުގެ ނަންފުޅު ކިލަނބުވެފައިވާ ކަމަށް އެތައް ފަހަރަކު ފާހަގަކުރެވުނެވެ. މީގެ ކުރިން ސަރވިސް ޓްރައިބިއުނަލުން ވަނީ އޭނާ ވަޒީފާއިން ވަކިކުރުމުގެ ބަދަލުގައި ރިޓަޔާ ކުރެވޭ ގޮތަށް އޭނާގެ އަދަބު ލުއިކޮށްދީފައެވެ. ނަމަވެސް ސްޕްރީމް ކޯޓުން މިހާރު ވަނީ އެ ނިންމުން ބާތިލުކޮށް، ފަނޑިޔާރު ވަޒީފާއިން ވަކިކުރުމަށް ނިންމައިފައެވެ.
ޖަސްޓިސް ވަޙީދު ލިޔުއްވި މި ހުކުމުގައި ފާހަގަކުރެއްވި ގޮތުގައި، ފަނޑިޔާރުންގެ މިންގަނޑަކީ ހަމައެކަނި ކުށެއް ނުކުރުމެއް ނޫނެވެ، އަދި ކުށުގެ ތުހުމަތުތަކުން މުޅިން ސަލާމަތްވެ ހުރުމެވެ. "ފަނޑިޔާރެއްގެ ނަންފުޅު ކިލަނބުވެފައި ވަނިކޮށް އޭނާ މަގާމުގައި ބެހެއްޓުމަކީ ޝަރުޢީ ދާއިރާގެ އަޚްލާޤީ ހަމަތަކަށް ދެވޭ ބޭއިންސާފު އަނިޔާއެއް،" ކޯޓުން ބުންޏެވެ.
އިސްލާމީ ޝަރީޢަތުގެ އަލީގައި މިކަން ސިފަކުރައްވަމުން ކޯޓުން ބުނީ، ފަނޑިޔާރުކަމަކީ ހަމައެކަނި ވަޒީފާއެއް ނޫން ކަމަށާއި، އެއީ މާތްވެގެންވާ އަމާނާތެއް ކަމަށެވެ. އަދި ފަނޑިޔާރެއްގެ އަޚްލާޤާމެދު އާންމުންގެ ހިތުގައި ސުވާލު އުފެދޭ ހިނދު، އެ ފަނޑިޔާރަކު ވަގުތުން މަގާމުން ދުރުކުރުމަކީ ޝަރުޢީ ދާއިރާގެ ވާޖިބެއް ކަމަށް ކޯޓުން ފާހަގަކުރިއެވެ.
މި ހުކުމަކީ ޝަރުޢީ ދާއިރާގައި ފަނޑިޔާރުންގެ ޒިންމާދާރުކަން އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ޕާކިސްތާންގެ ގާނޫނީ މާހިރުން ސިފަކުރެއެވެ. ޝަރުޢީ ދާއިރާގެ އިތުބާރު ހިފެހެއްޓުމަށްޓަކައި، ކޮރަޕްޓް ނުވަތަ އަޚްލާޤު ގޯސް ފަނޑިޔާރުން ވަޒީފާއިން ވަކިކުރުމަކީ އެ ދާއިރާ "ސަލާމަތްކުރުމަށް" ކުރަންޖެހޭ ކަމެއް ކަމަށް ވެސް ހުކުމުގައި ބުނެފައިވެއެވެ.



