ދަމާ ބާރު ނެތް މާހައުލެއްގައި ކުޅަނދުރު ހަތާ ހަދާނެ ގޮތް ބެލުމަށް ކުރި ތާރީޚީ ތަޖުރިބާ

އެމެރިކާގެ ގައުމީ ޖައްވީ އިދާރާ (ނާސާ) އިން 1984 ވަނަ އަހަރު ކުރިއަށް ގެންދިޔަ ޚާއްސަ ސައިންސް ތަޖުރިބާއެއްގައި، ދުނިޔޭގެ ދަމާބާރު ނެތް މާހައުލެއްގައި ކުޅަނދުރު އުޅޭނެ ގޮތާއި އެސޮރުމެން ހަތާ އުފައްދާނެ ގޮތް ދިރާސާކުރުމަށް 3,301 ކުޅަނދުރު އުޅަނދެއްގައި ޖަވައްސަށް ފޮނުވާލިއެވެ. "އެސްޓީއެސް-41ސީ" މިޝަންގެ ދަށުން ސްޕޭސް ޝަޓްލް ޑިސްކަވަރީގައި ކުރިއަށް ގެންދިޔަ މިއަޖާއިބުު ކުރުވަނިވި ތަޖުރިބާއަކީ ސައިންސްވެރިންގެ ސަމާލުކަން އަދިވެސް ހުއްޓެމުންދާ މުހިންމު ހޯދުމެކެވެ.

ހަތް ދުވަހުގެ މުއްދަތަށް ކުރިއަށް ދިޔަ މި މިޝަންގެ އިބްތިދާއީ މަރުހަލާގައި، ގްރެވިޓީ ނުވަތަ ދަމާބާރު ނެތުމުގެ ސަބަބުން ކުޅަނދުރުތަކަށް ވަނީ އުދުހުމުގައި ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހިފައެވެ. ފުރަތަމަ ކޮޅު އުދުހެން އުޅުމުގެ ތެރޭގައި ކުޅަނދުރުތައް އެސޮރުމެން ބަންދުކޮށްފައި ހުރި ޚާއްސަ ފޮށީގެ ފާރުތަކުގައި ޖެހި، ކޮންޓްރޯލް ނުވެގެން އުޅުނު ކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް، މަދު ދުވަސްކޮޅެއްގެ ތެރޭގައި ކުޅަނދުރުތައް ވަނީ މާހައުލަށް ހޭނި، ވަރަށް އާދައިގެ ގޮތަކަށް އުދުހެން ފަށާފައެވެ.

މި ތަޖުރިބާގެ މައިގަނޑު އަމާޒަކީ ދަމާބާރު ނެތް މާހައުލެއްގައި ކުޅަނދުރުގެ ދިރިއުޅުމުގެ އާދަކާދައަށް އަންނަ ބަދަލުތައް ދެނެގަތުމާއި، ދުނިޔޭގައި އުފައްދާ ކުޅަނދުރު ހަތާއާއި މާމުޔާއި މާހައުލުގެ ތެރޭގައި އުފައްދާ މާމުއިގެ ސާފްކަމާއި އަޅާކިޔުމެވެ. ކުޅަނދުރުތަކަށް ކާނާގެ ގޮތުގައި ދީފައިވަނީ ހަކުރާއި ފެން އަދި ޚައްސަކޮށްގެން ތައްޔާރުކޮށްފައިވާ ހާއްސަ އޮލަ މިކްސްޗަރެކެވެ.

މިޝަންގެ ހަތްވަނަ ދުވަހު އޮސްޓްރޮނޯޓުން ނެގި ނޯޓުތަކުގައިވާ ގޮތުން، ކުޅަނދުރުތައް ވަނީ މައިކްރޯގްރެވިޓީއަށް އެއްކޮށް ހޭނި، ފޮށީގެ އެކި ދިމާލަށް އަމިއްލައަށް އުދުހި އުޅެން ފަށާފައެވެ. އަދި ހައިރާންކުރުވަނިވި ގޮތަކަށް، އެތަކެތި ވަނީ ޖައްވުގައި 200 ސެންޓިމީޓަރުގެ ހަތާއެއް އުފައްދާފައެވެ.

ސައިންސްވެރިން ދިރާސާކުރި އިރު، ފަޒާގެ މާހައުލުގައި އުފެއްދި ކުޅަނދުރު ހަތާގެ ގޮޅިތަކުގެ ފުޅާމިން ދުނިޔޭގައި ހަދާ ހަތާތަކަށްވުރެ ކުޑަވެފައި، އޭގެ ފާރުތައް ބޯކަން ފާހަގަކުރެވުނެވެ. ނަމަވެސް، އެ ގޮޅިތަކުގެ ފުންމިން ހުރީ އާދައިގެ މިންގަނޑުގައެވެ. އަދި އެ ގޮޅިތަކުގައި މާމުއި ރައްކާކުރުމުގެ ގާބިލުކަންވެސް ކުޅަނދުރުތަކަށް ލިބިގެންވިއެވެ.

މިޝަން ނިމުނުއިރު ގިނަ ކުޅަނދުރުތައް ދިރިތިއްބެވެ. އަދި، ރާނީ ކުޅަނދުރު ވަނީ 35 ބިސް އަޅާފައެވެ. ނަމަވެސް އެމެރިކާއަށް އެނބުރި އައުމަށްފަހު އެ ބިހުން ކުޅަނދުރު އާލާވެފައެެއް ނުވެއެވެ. މީގެ ސަބަބެއް ސައިންސްވެރިންނަށް އަދިވެސް ސާފުވެފައެއް ނުވެއެވެ. މި ތަޖުރިބާއަކީ ޖަވުމުގެ ނިޒާމުގައި ދިރޭތަކެތި ހޭނޭ ގޮތް ދެނެގަތުމަށް ކުރެވުނު އެންމެ ކާމިޔާބު އެއް ދިރާސާއެވެ.

ހިއްސާ ކުރައްވާ!