ނެދަލޭންޑްސްގެ މިސްކިތްތަކަށް ހަމަލާތައް އިތުރުވެ، ސަރުކާރުގެ އެހީތެރިކަމަށް މުސްލިމުން ގޮވާލައިފި

ނެދަލޭންޑްސްގެ މިސްކިތްތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތައް އިތުރުވަމުންދާތީ، ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމަށް ސަރުކާރުގެ މާލީ އެހީތެރިކަން ހޯދުމަށް އެ ގައުމުގެ މުސްލިމް ޖަމިއްޔާތަކުން ގޮވާލައިފިއެވެ. ނަމަވެސް، މިފަދަ އެހީއެއް ދިނުމަށް ޖަސްޓިސް މިނިސްޓްރީން ދެކޮޅު ހަދަމުންދާތީ، މުސްލިމް މުޖުތަމައުތަކަށް ވަނީ އަމިއްލައަށް ރައްކާތެރިކަން ކަށަވަރުކުރަން މަޖުބޫރުވެފައެވެ.

ފާއިތުވި މަދު ދުވަސްކޮޅެއްގެ ތެރޭގައި އެކި މިސްކިތްތަކަށް ދީފައިވާ ހަމަލާތަކުގެ ސަބަބުން މުސްލިމުންގެ ހިތްތަކުގައި ބިރުވެރިކަން ވަނީ އުފެދިފައެވެ. އޭގެ ތެރޭގައި، ދަ ހޭގްގައި ހުންނަ "ނޫރޫލް އިސްލާމް" މިސްކިތުގެ ފާރުގައި ނާޒީންގެ ނިޝާނާއި ނަސްލީ ތަފާތުކުރުމުގެ ޝިއާރުތައް ލިޔުމާއި، މެއި މަހުގެ ފަހުކޮޅު ރޮޓެޑަމްގެ "މެވްލާނާ" މިސްކިތަށް ބިޔަރު ފުޅި އުކައި އެ ބިނާއަށް ގެއްލުންދިން ހާދިސާތައް ހިމެނެއެވެ.

މުސްލިމް ޖަމިއްޔާތައް ތަމްސީލުކުރާ ސީއެމްއޯ އިން ބުނާ ގޮތުގައި، ޔަހޫދީންގެ އަޅުކަމުގެ ތަންތަނާއި ސްކޫލުތައް ހިމާޔަތްކުރުމަށް މިއަހަރު ސަރުކާރުން ވަނީ ގާތްގަނޑަކަށް 2 މިލިއަން ޔޫރޯގެ އެހީތެރިކަން ފޯރުކޮށްދީފައެވެ. ސީއެމްއޯގެ ޗެއާމަން މުހްސިން ކޮކްތާޝް ވިދާޅުވީ، ޔަހޫދީ މުޖުތަމައުގެ ރައްކާތެރިކަމަށް ސަރުކާރުން އަޅާ ފިޔަވަޅުތައް އެނގޭ ކަމަށާއި، ނަމަވެސް މުސްލިމުންނަށް ވެސް ހަމަހަމަ ފުރުސަތުތަކަކާއި ރައްކާތެރިކަމެއް ބޭނުންވާ ކަމަށެވެ.

ނަމަވެސް، ޖަސްޓިސް އެންޑް ސެކިއުރިޓީ މިނިސްޓްރީން ބުނެފައިވަނީ، މިސްކިތްތަކަށް ހާއްސަކޮށް މާލީ އެހީތެރިކަން ދިނުމަކީ އެ މިނިސްޓްރީގެ ޕްލޭނެއްގައި ހިމެނޭ ކަމެއް ނޫން ކަމަށެވެ. އަދި ސަލާމަތީ ފިޔަވަޅުތައް އެޅުމުގައި ބަލަނީ "އެތަނެއްގެ އައިޑެންޓިޓީއަށް ނޫން" ކަމަށާއި، ބަލަނީ ހަމައެކަނި ނުރައްކާ އޮތް މިންވަރަށް ކަމަށް އެ މިނިސްޓްރީގެ ތަރުޖަމާނަކު ވިދާޅުވިއެވެ.

މިފަދަ ހާދިސާތައް އިތުރުވަމުން ދަނީ ސިޔާސީ މަސްރަހު ހަލަބޮލިވެ، މުސްލިމުންނާ ދެކޮޅަށް އާންމުކޮށް ނަފްރަތުގެ ބަސްތައް ބުނުން އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. ރޮޓެޑަމްގެ މޭޔަރު ކަރޯލާ ޝޫޓެން ވިދާޅުވި ގޮތުގައި، މުސްލިމުންނާ ދެކޮޅަށް ހިންގާ ތަފާތުކުރުންތައް ރިޕޯޓުކުރާ ހޮޓްލައިނަށް ލިބޭ ޝަކުވާތައް އިތުރުވުމަކީ މިއީ "ހަގީގީ މައްސަލައެއް" އޮތް ކަމުގެ ހެއްކެކެވެ.

މި މައްސަލައާ ގުޅިގެން ޕާލަމެންޓުގައި ބަހުސް ކުރުމަށް ޑެންކް ޕާޓީގެ މެމްބަރު އިސްމާއިލް އަލްއައްބާސީ ވަނީ ހުށަހަޅުއްވާފައެވެ. އަދި އަންނަ މަހުން ފެށިގެން، މިސްކިތްތަކާ ދެކޮޅަށް ހިންގާ ހަމަލާތައް ރިޕޯޓުކުރުމަށް ހާއްސަ ޕޮއިންޓެއް ހުޅުވާނެ ކަމަށް ސީއެމްއޯ އިން ވަނީ އިއުލާނުކޮށްފައެވެ.

ހިއްސާ ކުރައްވާ!