ޔޫރަޕްގެ 18 ވަނަ ގަރުނާއި 19 ވަނަ ޤަރުނުގެ އަދަބީ ތާރީޚަށް ބަލާއިރު، އިސްލާމްދީނާއި ކީރިތި ރަސޫލާ مُحَمَّدُ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އާ މެދު އެ ޒަމާނުގައި އުފެދިފައި އޮތް ދީނީ ޚިޔާލުތަފާތުވުންތަކާ ދުރަށްޖެހި، އެކަލޭގެފާނުގެ މަތިވެރި އަޚުލާޤާއި، ސުންނަތަކާއި، އަދި ރިސާލަތުގެ މަތިވެރިކަމަށް އިންސާފުކޮށްފައިވާ މުހިންމު އަދަބީ އުފެއްދުންތަކެއް ފެންނަން އެބަހުއްޓެވެ. ޖަރުމަނުގެ ޔޯހަން ވޮލްފްގޭންގް ވޮން ގޯތޭ، އިނގިރޭސިވިލާތުގެ ތޯމަސް ކާލައިލް އަދި ފްރާންސުގެ ވިކްޓޯ ހޫގޯ ފަދަ މަޝްހޫރު އަދީބުންގެ ލިޔުންތަކުގައި، ކީރިތި ރަސޫލާ ﷺ ގެ ސީރަތާއި އެކަލޭގެފާނުގެ ޝަޚުޞިއްޔަތު ސިފަކޮށް ދީފައިވަނީ އިންސާނިއްޔަތަށް ބޮޑު އިގިލާބެއް ގެނެސްދެއްވި އަޒުމު ވަރުގަދަ، ތެދުވެރި، އިޚުލާސްްތެރި މާތް ބޭކަލެއްގެ ގޮތުގައެވެ.
ގޯތޭގެ ސިފަކުރެއްވުން: ރިސާލަތުގެ މާތްކަން ފުރިހަމަ ކޯރަކަށް
ޖަރުމަނުގެ އަދީބު ގޯތޭ ލިޔުއްވި "މުޙައްމަދުގެ މަދަހަ" Mahomets Gesang ޅެމުގައި، ކީރިތި ރަސޫލާ ﷺ ގެ ރިސާލަތު ފެތުރިގެން ދިޔަ ގޮތް ސިފަކުރައްވާފައިވަނީ ފަރުބަދަތަކުގެ މަތިން އުފެދިގެން އަންނަ ސާފު، ފެން އާރެއްގެ ގޮތުގައެވެ. އެ އާރު އޭގެ މަގުގައި ދަތުރުކުރަމުންދާއިރު، އެހެން ކުދިކުދި ފެންއާރުތައް އެއާ ގުޅެމުންގޮސް، އެންމެ ފުޅާ މަގުގައި އެ އާރުތައް އެކުވެ ބޮޑު ކޯރަކަށް ބަދަލުވެ އެވެ. އަދި، އެ ކޯރު އެތައް ބަޔަކު ގޮވައިގެން މާސިންގާ ކަނޑަކަށް ވާސިލުވާ މަންޒަރު ގޯތޭ ވަނީ ވަރަށް ފުރިހަމައަށް ސިފަކޮށްދެއްވާފައެވެ. މިއީ އިސްލާމްދީނުގެ ހިދާޔަތު މީހަކަށް ފަހު މީހަކާއި ހަމައިން ގޮސް ދުނިޔެއަށް ފެތުރިގެން ދިޔަ ގޮތް ޖަރުމަންގެ ފައިލަސޫފު ސިފަ ކޮށްދިން ގޮތުގެ ރީތި ތަސްވީރެކެވެ.
ތޯމަސް ކާލައިލް: ތެދުވެރިކަމާއި އިޚްލާޞްތެރިކަމުގެ މަތިވެރި ނަމޫނާއެއް
އިނގިރޭސި މުފައްކިރު ފައިލަސޫފު ތޯމަސް ކާލައިލް 1840 ގައި ދެއްވި ތާރީޚީ ތަޤުރީރުގައި، ކީރިތި ރަސޫލާ ﷺ ސިފަކުރެއްވީ "ނަބިއްޔެއްގެ ސޫރައިގައިވާ ބަޠަލެއް" ގެ ގޮތުގައެވެ. އެކަލޭގެފާނަށް މުޝްރިކުންނާއި މުނާފިގުން ކުރި ދޮގު ތުހުމަތުތައް ބާޠިލުކުރައްވަމުން ކާލައިލް ވިދާޅުވީ، ކަންކަމުގައި ތެދުވެރިކަމެއް ނެތް މީހަކަށް މީހަކަށް ފަހު މީހަކަށް އަސަރު ކުރުވައިގެން ރަނގަޅު މުޖުތަމައެއް ބިނާނުކުރެވޭނެ ކަމަށެވެ. އެހެންކަމުން މުޅި އުންމަތެއް ބިނާކުރައްވައި ޤަރުނުތަކަކަށް ދެމިގެންދިޔަ ޙަޟާރަތަކާއި ތަހުޒީބެއް ޤާއިމުކުރެއްވި ބޭކަލަކީ މުތުލަޤު ތެދުވެރިއެއ ްކަމުގައި ވާންޖެހޭނެ ކަމަށެވެ. އަދި ކައު މާތް ސާޙިބާ އެކަލޭގެފާނުގެ މާތްކަމާއި މަތިވެރިކަމާއެކުވެސް އަމިއްލަފުޅަށް ކޮއްތު ތައްޔާރުކުރައްވައި، އަންނައުނު ފަހާ އުޅުއްވި ކަން ބަޔާން ކުރައްވައި އެކަމާ މެދު ކާލައިލް ތައުރީފުކުރެއްވިއެވެ.
ވިކްޓޯ ހޫގޯ: އުމުރުފުޅުގެ އެންމެ ފަހު ދުވަސްތަކުގެ ހައިބަތު
ފްރާންސުގެ މަޝްހޫރު އަދީބު އަދި ލިޔުންތެރިޔާ ވިކްޓޯ ހޫގޯ ގެ "ހިޖުރައިން ނުވަވަނަ އަހަރު" (L’An Neuf de l’Hégire) ނަމަކަށް ކިޔާ ޅެމުގައި ސިފަކޮށްދެއްވާފައިވަނީ ކީރިތި ރަސޫލާ ﷺ ގެ ޙަޔާތްޕުޅުގެ ފަހު ދުވަސްތަކެވެ. ހޫގޯ ވަނީ އެކަލޭގެފާނު ސުވަރުގެ ވަޑައިގަތުމުގެ ވަގުތު ކައިރިވެފައިވީއިރުވެސް ޝަޚުސިއްޔަތުގެ ހައިބަތާއި، ޒުހުދުވެރިކަމާއި އަދި އިންސާނިއްޔަތަށް ދެއްވި މުހިންމު އިރުޝާދުތައް ޅެމެއްގެ ސިފައިގައި ގެނެސްދީފައެވެ. ކީރިތި ރަސޫލާ ﷺ ސުވަރުގެ ވަޑައިގަތް ނަނމަވެސް އެކަލޭގެފާނު ގެނެސްދެއްވި މާތް ރިސާލަތާއި އިރުޝާދާއި ސުންނަތް ދެމިއޮންނާނެކަން ހޫގޯގެ ޅެމުގައި ސާފުކޮށް ބުނެފައި ވެއެވެ.
އުއްމީދީ ސަގާފީ ވާހަކަތަކަކަށް މަގުފަހިވުން
މި އަދީބުންގެ ލިޔުންތަކުން އެނގޭގޮތުގައި، ހުޅަނގުގެ އަދަބިއްޔާތުގައި ކީރިތި ރަސޫލާ ﷺ ގެ ސީރަތަށް ބަލާފައިވަނީ ހަމައެކަނި ދީނީ ބަހުސެއްގެ ތެރެއަކުން ނޫނެވެ. އޭގެ ބަދަލުގައި، އެކަލޭގެފާނުގެ އިންސާނީ ވަންތަ މަތިވެރި ސިފަފުޅުތަކާއި، އިންސާނިއްޔަތަށް ގެނެސްދެއްވި ބޮޑެތި ބަދަލުތަކަށް އިޙްތިރާމު ކުރުމާއެކު ބަލައިގަނެފައިވެއެވެ. މިއީ އިސްލާމީ ތަހުޒީބާއި ހުޅަނގުގެ އަދަބިއްޔާތާ ދެމެދު އުފެދިފައިވާ ސަގާފީ ސުލްހަވެރި ފާލަމެއްގެ ގޮތުގައި ބެލެވޭ މުހިންމު ލިޔުންތަކެކެވެ.
އަލްޖަޒީރާގެ ލިޔުމެއްގެ ޚުލާސާ






