ޒިމްބާބްވޭގައި ރިއާސީ އިންތިޚާބު ނުބާއްވާ ގޮތަށް ހަމަޖައްސައިފި

ޒިންބާބުވޭގެ ގާނޫނުހަދާ މަޖިލީހުން ވަނީ ރައީސުލްޖުމްހޫރިއްޔާ އިންތިޚާބުކުރުމުގެ ނިޒާމު ބަދަލުކުރުމަށް ހުށަހެޅި ބިލެއް ފާސްކޮށްފައެވެ. މި ބިލުގެ ދަށުން، ރައްޔިތުންގެ ސީދާ ވޯޓަކުން ރައީސަކު އިންތިޚާބުކުރުމުގެ ބަދަލުގައި، ރައީސަކު ކަނޑައަޅާނީ ގާނޫނުހަދާ މަޖިލީހުންނެވެ. މި ބިލު ގާނޫނުހަދާ މަޖިލީހުން ފާސްކޮށްފައިވަނީ 216 މެންބަރުންގެ ވޯޓުންނެވެ.

މި ބަދަލު ގެނައުމަށް ސަރުކާރުން މަސައްކަތްކުރަނީ ގައުމުގެ ސިޔާސަތުތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ކަމަށް ބުނެއެވެ. ނަމަވެސް، އިދިކޮޅު ފަރާތްތަކާއި ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ބުނާ ގޮތުގައި މިއީ ޑިމޮކްރެސީއަށް ދިން ހަމަލާއެކެވެ. އެ ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މިއީ މިހާރުގެ ރައީސް އެމާސަން އެމަންގަގްވާގެ ވެރިކަން ދިގުދަންމާލުމަށާއި، ވެރިކަން ކުރާ ޕާޓީގެ ބާރު މުޅި ގައުމުގެ މައްޗަށް ގަދަކުރުމަށް އަޅާ ފިޔަވަޅެކެވެ.

ޒިންބާބުވޭގެ ޖަސްޓިސް މިނިސްޓަރު ޒިޔަމްބީ ޒިޔަމްބީ ވިދާޅުވީ، މިއީ ގާނޫނުއަސާސީއާ ޚިލާފު ކަމެއް ނޫން ކަމަށާއި، މިއީ ގައުމީ ތަރައްގީއަށް މަގުފަހިކުރުމަށް އަޅާ ފިޔަވަޅެއް ކަމަށެވެ. އަދި މިއީ ރައީސްގެ ވެރިކަމުގެ މުއްދަތު އިތުރުކުރުމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ނަމަވެސް، މި ބިލާ ދެކޮޅަށް އަޑުއުފުލާ ފަރާތްތަކުން ބުނަނީ، ރައީސަކު އިންތިޚާބުކުރުމުގެ ބާރު ރައްޔިތުންގެ އަތުން އަތުލައިފިނަމަ، ވެރިން ޖަވާބުދާރީ ކުރުވުމުގެ ފުރުސަތު ރައްޔިތުންނަށް ގެއްލޭނެ ކަމަށެވެ. އަދި މިއީ އެއް ޕާޓީގެ ވެރިކަމެއް ގާއިމުކުރުމަށް އެޅޭ ބިންގަލެއް ކަމަށް ވެސް އެ ފަރާތްތަކުން ބުނެއެވެ.

މި ބިލު މިހާރު ފޮނުވާފައިވަނީ ސެނެޓަށެވެ. ސެނެޓުން ވެސް މި ބިލު ފާސްކުރާނެ ކަމަށް ބެލެވެނީ، ވެރިކަން ކުރާ ޕާޓީއަށް އެ ތަނުގައި ވެސް މެޖޯރިޓީ އޮތުމުންނެވެ. މި މައްސަލައާ ގުޅިގެން ކޯޓުތަކަށް ވެސް ގިނަ މައްސަލަތަކެއް ހުށަހެޅިފައިވާއިރު، އިދިކޮޅު ފަރާތްތަކުން ގޮވާލަމުންދަނީ ސިޔާސީ ގޮތުން މިކަމާ ދެކޮޅަށް ތެދުވުމަށެވެ.

ހިއްސާ ކުރައްވާ!