ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދު އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފުން ހިތާމަ ފާޅުކުރައްވައިފިއެވެ. ރައީސް ސިފަކުރެއްވި ގޮތުގައި މިއީ ޤައުމީ ފެންވަރުގެ ބޮޑު ހިތާމައެކެވެ.
ޝައިޚް އިސްމާޢީލް މުޙައްމަދަކީ ދިވެހިރާއްޖޭގައި ދީނީ ޢިލްމު ފެތުރުއްވުމަށާއި، ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ފުޅާ ދާއިރާއެއްގައި މަސައްކަތްޕުޅު ކުރެއްވި ބޭފުޅެކެވެ. ރައީސްގެ ޕޯސްޓުގައި ފާހަގަކުރެއްވި ގޮތުގައި، ދިވެހި އެތައް ދަރިވަރުންނަކަށް ރާއްޖެއިން ބޭރުން ދީނީ މަތީ ތަޢުލީމު ހާސިލުކުރުމުގެ ފުރުސަތު ހޯދައިދެއްވުމުގައި އެ ޝައިޚް ވަނީ މުހިންމު ދައުރެއް އަދާކުރައްވާފައެވެ. އަދި މިއަދު ރާއްޖޭގެ ދީނީ ޚިދުމަތުގެ އިސް ސަފުގައި ހަރަކާތްތެރިވާ ގިނަ ބޭފުޅުންނަކީ އެ ޝައިޚްގެ ދަރިވަރުންކަން ރައީސް ފާހަގަކުރެއްވިއެވެ.
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ
އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި، ދީނަށް ޚިދުމަތްކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންފައިވާ މައްޗަންގޮޅީ ފީރޯޒްވާދީ ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދު އަވަހާރަވުމަކީ، ބޮޑު ހިތާމައަކާއި ފުން އަސަރުތަކެއް އަޅުގަނޑަށް އިޙްސާސް ކުރުވި ކަމެއް. ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދަކީ ރާއްޖޭގައި ދީނީ ޢިލްމު ފެތުރުއްވުމަށްޓަކައި ވަރަށްފުޅާ ދާއިރާއެއްގައި މަސައްކަތްޕުޅު ކުރައްވައިފައިވާ އަދި ރާއްޖެއިން ބޭރުގައި ދީނީ ރޮނގުން މަތީ ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތު ދިވެހި އެތައް ދަރިވަރުންނަކަށް ހޯއްދަވައިދެއްވައިފައިވާ ބޭފުޅެކެވެ. މީގެއިތުރުން، ދިވެހި ޤައުމަށް މަތިވެރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި މިހާރުވެސް ޚިދުމަތުގެ އިސް ސަފުގައި ޚިދުމަތްކުރައްވަމުން ގެންދަވާ އެތައް ބޭފުޅެއްގެ އުސްތާޛެއްވެސްމެ. ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދަކީ، ދީނީ އެކިއެކި ފޮތްތައް ދިވެހިބަހަށް ތަރުޖަމާކުރައްވައި، ޝާއިޢު ކުރައްވަމުން ގެންދަވައިފައިވާ ބޭފުޅެއްވެސްމެ. ދ. މީދޫ އަށް އުފަން ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދަކީ، ރާއްޖޭގައި އުފެދުނު ދީނީ ޢިލްމުވެރިންގެ ތެރެއިން ވަރަށްކުރީ ސަފުގައި ހިމެނިވަޑައިގަންނަވާ ބޭފުޅެއް. އަޅުގަނޑުގެ އިޚުލާޞްތެރި ތަޢުޒިޔާ، މަރުހޫމް ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދުގެ ލޮބުވެތި ޢާއިލާއަށް ދަންނަވަން. މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި އަދި ސުވަރުގޭގެ މަތިވެރި ނިޢުމަތާއި ރަޙްމަތުގައި މަރްޙޫމް ލަހައްޓަވާށި! އާމީން
މީގެ އިތުރުން، ދީނީ ފޮތްތައް ދިވެހިބަހަށް ތަރުޖަމާކުރައްވައި ޝާއިޢުކުރެއްވުމުގެ މަސައްކަތްޕުޅާއި، ރާއްޖޭގެ އެންމެ ކުރީ ސަފުގެ ދީނީ ޢިލްމުވެރިންގެ ތެރޭގައި އެ ޝައިޚް ހިމެނިވަޑައިގަންނަވާކަން ރައީސް ހަނދާން އާކުރެއްވިއެވެ.
ރައީސް ވަނީ މަރްޙޫމްގެ ޢާއިލާއަށް އިޚްލާޞްތެރި ތަޢުޒިޔާ ފޮނުއްވައި، މާތްﷲގެ ރަޙްމަތާއި ސުވަރުގޭގެ މަތިވެރި ނިޢުމަތް މަރުޙޫމަށް ދެއްވުން އެދި ދުޢާކުރައްވާފައެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މައުލޫމާތު ދިން ގޮތުގައި، ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދުގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައެވެ.





