އީރާނާއި އެމެރިކާއާ ދެމެދު ސޮއިކޮށްފައިވާ އިސްލާމްއާބާދު ފަހުމުނާމާ އެއްބަސްވުމަކީ ފުރިހަމައަށް އީރާނުގެ މަސްލަހަތު ހިމެނޭ އެއްޗެއް ކަމަށް އީރާނުގެ ރައީސް މަސްޢޫދު ޕެޒަޝްކިއަން ވިދާޅުވެއްޖެއެވެ.
މި ވާހަކަތައް މި އައީ، ޕާކިސްތާނާއި ގަތަރުގެ މެދުވެރިކަމާއެކު، ސްވިޓްޒަލެންޑްގައި ދެ ގައުމުގެ ދެމެދުގައި ފަންނީ ފެންވަރުގެ މަޝްވަރާތައް ފެށުމާއެކުގައެވެ.
މި މަޝްވަރާތައް ކުރިއަށްދަނީ ބާގަންސްޓޮކްގައެވެ. މި މަރުހަލާގައި މެދުވެރިންގެ ގޮތުން ޕާކިސްތާނާއި ގަތަރު ބައިވެރިވެ، މަޝްވަރާތައް ފަސޭހަކޮށްދިނުމާއި އެއްބަސްވުން ތަންފީޒު ކުރުމަށް އެހީތެރިވަމުންދާ ކަމަށް މައުލޫމާތު ލިބެއެވެ.
ޕާކިސްތާނުގެ ފޮރިން އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، މި މަޝްވަރާތަކުގެ މަގްސަދަކީ އެމެރިކާ-އީރާން އެއްބަސްވުން ތަންފީޒު ކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމާއި، ރަސްމީ ޑިޕްލޮމެޓިކް މަސައްކަތްތަކުގެ ތެރެއިން ސަރަހައްދީ ނުތަނަވަސްކަން ކުޑަކޮށް، ހަމަޖެހުން ގާއިމުކުރުމެވެ.
މިއީ ސޮއިކުރި އެއްބަސްވުމަށްފަހު ބާއްވާ ފުރަތަމަ ރަސްމީ ބައްދަލުވުމެވެ. ކުރިއަށް އޮތް ހަފުތާތަކުގައި ވެސް އިތުރު މަޝްވަރާތައް ބޭއްވޭނެ ކަމަށް އޮފިޝަލުން ކަށަވަރުކޮށްދެއެވެ.
ސްވިޓްޒަލެންޑްގެ ފޮރިން މިނިސްޓަރު ވަނީ ޕާކިސްތާނުގެ ވަފުދަށް މަރުހަބާ ދަންނަވައި، އެމެރިކާއާއި އީރާނާ ދެމެދު އެކުލަވާލި އެއްބަސްވުމުގައި ޕާކިސްތާނުން އަދާކުރާ މެދުވެރިއެއްގެ ދައުރު ފާހަގަކުރައްވާފައެވެ.
ރައީސް ޕެޒަޝްކިއަން ވިދާޅުވީ އީރާނާއި އެމެރިކާއާ ދެމެދު ހެދިފައިވާ މި އެއްބަސްވުމުގެ ހުރިހާ މާއްދާތަކެއް ހިމެނިފައި ވަނީ އީރާނުގެ މަސްލަހަތާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. އަދި ދެ ފަރާތުގެ ދެމެދުގައި އެއްބަސްވުން ތަންފީޒު ކުރުމާ ގުޅޭ މަޝްވަރާތައް ކުރިއަށްދާ ކަމަށާއި، މި ޑިޕްލޮމެޓިކް މަސައްކަތުގެ ނަތީޖާ ވަރަށް އަވަހަށް ފެނިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޕެޒެޝްކިއަން ވިދާޅުވި ގޮތުގައި އެމެރިކާއިން ކަނޑައަޅާފައިވާ މައިގަނޑު ޝަރުތަކީ އީރާނުން ނިއުކްލިއަރ ހަތިޔާރު އުފައްދައިގެން ނުވާނެ ކަމެވެ. އަދި އީރާނުން އެޓޮމިކް ބޮމެއް އުފައްދަން ނޫޅޭ ކަމަށް އެ ގައުމުގެ ލީޑަރު ތަކުރާރުކޮށް ސާފުކޮށްދެއްވާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން، އެމެރިކާއިން އެއްބަސްވުމަކަށް އައުމަށް އެދުމުން، ނިއުކްލިއަރ އެއްބަސްވުމަކަށް އީރާނުން އެއްބަސްވީ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ޕެޒަޝްކިއަން ވިދާޅުވި ގޮތުގައި، މިހާރު ދެ ގައުމު ތިބީ ޑިޕްލޮމެޓިކް މަޝްވަރާތަކުގެ ތެރެއިން އެއްބަސްވުން ތަންފީޒު ކުރުމުގެ މަރުހަލާގައެވެ. މި ކަމުން ދޭހަވަނީ ދެ ފަރާތުގެ ހިޔާލުތަފާތުވުންތައް މެނޭޖްކޮށް، މިހާރު އޮތް އެއްބަސްވުމުގެ ދަށުން ކުރިއަށް ދިއުމަށް ކުރަމުންދާ މަސައްކަތްތަކެވެ.
މި މަޝްވަރާތަކުގައި މެދުވެރިންގެ ގޮތުން ގަތަރާއި ޕާކިސްތާނުގެ މަންދޫބުން ބައިވެރިވާނެއެވެ. އަދި މެދުވެރިކަމުގެ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން ޕާކިސްތާނާއި ގަތަރުގެ ވަފުދުތަކާއެކު ވަކިވަކިން ބައްދަލުވުންތައް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.






