އިނގިރޭސި ބޮޑުވަޒީރަށް ފާޑުވިދާޅުވަމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ، ސްޓާމަރ އިސްތިއުފާ ދެއްވާނެ ކަމަށް "ޓްރޫތު ސޯޝަލް" ގައި ލިޔުއްވާފައެވެ. ޓްރަމްޕް ފާހަގަކުރެއްވި ގޮތުގައި، ސްޓާމަރުގެ ވެރިކަން ވަނީ ހިޖުރަކުރުމުގެ މައްސަލައާއި، ހަކަތައިގެ ސިޔާސަތުގައި ވަރަށް ބޮޑަށް ފެއިލްވެފައެވެ.
އަމިއްލަ ޕާޓީގެ ތެރެއިން ސްޓާމަރަށް ކުރިމަތިވެފައިވާ ފިއްތުންތައް އިތުރުވީ ލޭބަރ ޕާޓީގެ އެތެރޭން ވާދަވެރިޔާ އާންޑީ ބަރްނަމް، މިކްފީލްޑް ދާއިރާގެ އިންތިޚާބު ކާމިޔާބުކޮށް އަލުން ޕާލަމެންޓަށް ވަޑައިގެންނެވި ހިސާބުންނެވެ. ބަރްނަމް ވަނީ، ސްޓާމަރ އިސްތިއުފާ ދެއްވާނެ ތާރީޚެއް އަންގާރަ ދުވަހުގެ ރޭގެ ކުރިން އިއުލާނު ކުރުމަށް އޭނާއަށް މުހުލަތެއް ދެއްވާފައެވެ.
’ދަ ގާޑިއަން' ނޫހުން ރިޕޯޓްކުރާ ގޮތުގައި، ސްޓާމަރ އޭނާގެ އިސްތިއުފާގެ ޕްލޭން ހޯމަ ދުވަހުގެ ހެނދުނު އިއުލާނު ކުރެއްވުމަކީ އެކަށީގެންވާ ކަމެކެވެ. އެންމެ ބޮޑަށް ބެލެވެނީ، އޭނާ މަގާމުން ވަކިވެވަޑައިގަންނަވާނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު، ލޭބަރ ޕާޓީގެ އަހަރީ ކޮންފަރެންސާ ދިމާކޮށެވެ. މިއީ އައު ލީޑަރަކަށް ޕާޓީގެ ތާއީދު ހޯދުމަށް ފުރުސަތު ދިނުމުގެ ގޮތުން ދެވޭ މުއްދަތެއް ކަމަށް ބެލެވެއެވެ.
ސަރުކާރުގެ 6 ވަޒީރަކު މިހާރުވެސް ސިއްރުން ސްޓާމަރާ ބައްދަލުކޮށް، އޭނާގެ ސިޔާސީ މުސްތަޤްބަލާމެދު އަލުން ވިސްނުމަށް ގޮވާލާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. ސްޓާމަރ މިހާރު ގެންދަވަނީ އޭނާގެ އަރިސް ބޭފުޅުންނާއެކު އިސްތިއުފާގެ ޚިޠާބުގެ ޑްރާފްޓްތައް ތައްޔާރުކުރައްވަމުންނެވެ.
ވެރިކަމަށް ވަޑައިގަތުމަށް ބަރްނަމް އެންމެ ކުރީގައި އުޅުއްވި ނަމަވެސް، ޞިއްޙަތާ ބެހޭ ކުރީގެ ވަޒީރު ވެސް ވަނީ ވާދަކުރައްވާނެ ކަމަށް އިއުލާނުކުރައްވާފައެވެ. ނަމަވެސް، އޭނާއަށް ބޭނުންވާ ވަރަށް ތާއީދު ނުލިބުމުން، އޭނާ ރޭހުން ފޭބުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް މީޑިއާ ބުނެއެވެ.
އިނގިރޭސި ސިޔާސީ މަސްރަހުން ފެންނަމުންދާ މި ބަދަލުތަކަކީ، ވޭތުވެދިޔަ އެއް އަހަރު ތެރޭގައި ސްޓާމަރުގެ ތާއީދު ކުއްލިއަކަށް ދަށަށް ދިއުމާ ގުޅިގެން އައިސްފައިވާ ސިޔާސީ ހަލަބޮލިކަމުގެ ނަތީޖާއެކެވެ. ސްޓާމަރ އަމިއްލަފުޅަށް އިސްތިއުފާ ދެއްވައިފިނަމަ، މިއީ މަދު އަހަރެއްގެ ތެރޭގައި އިނގިރޭސިވިލާތަށް އަންނަ 7ވަނަ ބޮޑުވަޒީރަށް ވެގެންދާނެއެވެ.




