ދިވެހިރާއްޖޭގެ މިނިވަން ދުވަސް ފަދަ ގައުމީ މުނާސަބަތުތަކާ ދިމާކޮށް، ގައުމީ ފޯރިއާއެކު ހަނދާނީ ސްވެނިއަރތަކާއި ތަކެތި އުފައްދައި ވިއްކުމަކީ ދިވެހި ކުދި ވިޔަފާރިވެރިންނަށް ލިބޭނެ ރަނގަޅު ފުރުސަތެކެވެ. މިކަން ކުރާ މީޙުން މިހާރު ރާއްޖޭގައިވެސް މަދެއް ނޫނެވެ. ނަމަވެސް، މި ފުރުސަތުގެ ބޭނުން ހިފައި، ރާއްޖެއިން ބޭރުގައި ހިންގާ ބޭރު މީހުންގެ ކުންފުނިތަކުން ދިވެހި ބާޒާރަށް ނުފޫޒު ފޯރުވަމުންދާ މިންވަރު މިހާރު މިވަނީ ކަންބޮޑުވާންޖެހޭ ހިސާބަކަށް ގޮސްފައެވެ.
ސްރީލަންކާގެ ކުންފުންޏަކުން މިނިވަން ދުވަހުގެ ސްވެނިއަރތައް އުފައްދައިދޭން ކަމަށް ބުނެ ޓޫރިޒަމާ ބެހޭ ގްރޫޕަކަށް ލައިގެން އެމީހުންގެ އުފެއްދުން އިޝްތިހާރު ކުރަމުންދާއިރު، އެފަދަ ވިޔަފާރިތަކުން ދިވެހި އިގްތިސާދަށް ކުރާ ނޭދެވޭ އަސަރުތައް ވަރަށް ބޮޑެވެ. މިފަދަ ވިޔަފާރިތަކުން އެމީހުންގެ ޚިދުމަތްތައް ފޯރުކޮށްދެނީ ރާއްޖެއިން ބޭރުގައި ތިގެން އެތަންތާނގެ ފޯނު ނަންބަރުތަކާއި ޕްލެޓްފޯމްތައް މެދުވެރިކޮށެވެ. މީގެ އެންމެ ބޮޑު ކަންބޮޑުވުމަކީ، މިފަދަ މުއާމަލާތްތަކުން ދިވެހި ދައުލަތަށް ލިބެންޖެހޭ އެއްވެސް ޓެކްސްއެއް ނުވަތަ މީރާއަށް ދައްކަންޖެހޭ ލޯލާރިއެއްވެސް ނުލިބުމެވެ.
މިފަދަ ހާމަކަން ބޮޑު ގޮތެއްގައި ބޭރުގެ ކުންފުނިތަކުން ދިވެހި ބާޒާރަށް ކެރިގެން ވަދެގަނެ، ގައުމީ މުނާސަބަތުތަކުގެ ފައިދާ ނަގަމުންދާއިރު، މިކަމުގެ ސަބަބުން ދިވެހި އުފެއްދުންތެރިންނަށް ލިބޭ މާލީ ގޮންޖެހުންތައް ދަނީ އިތުރުވަމުންނެވެ.

އަދި ހަމައެއާއެކު، ރާއްޖޭގެ ރިސޯޓުތަކަށް ބޭނުންވާ ތަކެތި ވެސް މިފަދަ ކުންފުނިތަކުން އުފައްދައިގެން ޑިއުޓީއާ ޓެކްސް ނުދައްކައި އެތެރެކުރުމަކީ ރާއްޖޭގައި މިފަދަ މަސައްކަތްކުރާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލިބޭ ވަރަށް ބޮޑު ގެއްލުމެކެވެ.
ދިވެހި ވިޔަފާރިވެރިންނަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ހިންގުމަށްޓަކައި، ބޮޑުކޮށް ކަރަންޓު ބިލު ދައްކާ ބައެކެވެ. އަދި، މުވައްޒަފުންގެ މުސާރައާއި، ކުލި އަދި ޓެކްސްގެ ގޮތުގައި ބޮޑު ހޭދައެއް ކުރާ ބައެކެވެ.
ބޭރުގެ ކުންފުނިތަކުން ޓެކްސްއަކާ ނުލައި މާކެޓަށް ވަނުމުން، އެމީހުންނަށް އަގު ހެޔޮކޮށް ތަކެތި ވިއްކެއެވެ. މިއީ ދިވެހި ވިޔަފާރިތަކަށް ވާދަކުރުމުގައި ލިބޭ ވަރަށް ބޮޑު ނުހައްގު ގެއްލުމެކެވެ. މިގޮތަށް ކަންތައްތައް ދިއުމުން، ދިވެހި އުފެއްދުންތެރިންނަށް ވިޔަފާރި ހުއްޓާލަން ޖެހެއެވެ. މީހުންގެ ވަޒީފާތައް ގެއްލި، ބަނގުރޫޓުވުމުގެ ފުރުސަތު ބޮޑުވެއެވެ. އަދި ރާއްޖެއިން ބޭރަށް ޑޮލަރު ފޮނުވުމަށް މަގު ފަހިވެއެވެ.
މިފަދަ ވިޔަފާރިތައް ކޮންޓްރޯލް ކުރުމަށްޓަކައި ދައުލަތުން ވަރުގަދަ ފިޔަވަޅުތަކެއް އަޅަންޖެހެއެވެ.
- ބޭރުގެ ފަރާތްތަކުން ދިވެހި މާކެޓަށް ތަކެތި ވިއްކާއިރު، އެފަރާތްތަކުން ދިވެހި ޓެކްސް ނިޒާމުގެ ތެރޭގައި ރަޖިސްޓްރީވާން ޖެހެއެވެ. އަދި އެމީހުންނަށް ފުރުސަތުތައް ފަހިކޮށްދޭން އޮންނަ ދޮރުތައް ބަންދުވާން ޖެހެއެވެ.
- ޓެކްސްގެ އޮނިގަނޑުގެ ތެރެއަށް އެމީޙުން ވައްދަން ޖެހެއެވެ. އަދި އެކަމަށްޓަކައި މީރާގެ އިންޓެލިޖެންސް ބާރު ބޭނުން ކުރަން ޖެހެއެވެ. އަދި އެކަން ފަހި ކުރުމަށް ގާނޫނުތައް ބަދަލުކުރަންޖެހެއެވެ.
- ރިސޯޓުތަކަށް ބޭނުންވާ ތަކެއްޗާއި އެހެނިހެން ސްވެނިއަރތައް ބޭރުން އަތް ދަބަހުގައި ފޮށީގައި އެތެރެ ކުރާ ކުރުމަށް ނިމުމނެއް ގެންނަން ޖެހެއެވެ.
- ކަސްޓަމްސް އިންވެސް މިކަމަށް ހޭލުންތެރިވެ ރަނުން ރަނަށް ގަވާއިދު ތަންފީޒުކޮށް ކުދި ވިޔަފާރިތައް ހިމާޔަތް ކުރުމަށް މަސައްކަތް ކުރަން ޖެހެއެވެ.
- ފަރުދުން ރިސޯޓްތަކަށާއި އެފަދަ ވިޔަފާރިތަކަށް އެތެރެ ކުރާ ތަކެތީގެ އަގާއި އެއަށް އަރާ ޑިއުޓީއާއި ޓެކްސް ފުރިހަމައަށް ބަލައި، ދައުލަތަށް ލިބެންޖެހޭ އާމްދަނީ ޔަގީންކުރަން ޖެހެއެވެ.
- ދިވެހި ވިޔަފާރިތަކުން އުފައްދާ ތަކެއްޗަށް މި ރާއްޖޭގެ އުޑުދަށުގައި ފުރުސަތު ލިބޭތޯ ސަރުކާރުން ކަށަވަރު ކުރަން ޖެހެއެވެ. ރިސޯޓުތަކާއި ސަރުކާރުގެ މުއައްސަސާތަކުން ދިވެހިންގެ އުފެއްދުމަށް އަދި ރާއްޖޭގައި އުފައްދާފައި ހުންނަ ތަކެއްޗަށް އިސްކަންދޭނެ ނިޒާމެއް ގާއިމުކުރުން މުހިންމެވެ.
ގައުމީ މިނިވަންކަމުގެ އުފާ ފާޅުކުރާއިރު، ރާއްޖޭގެ އިގްތިސާދީ މިނިވަންކަމާމެދު ވެސް ވިސްނަންޖެހެއެވެ. ކުދި ވިޔަފާރިތަކަކީ ރާއްޖޭގެ އިގްތިސާދުގެ މައިބަދައެވެ. މިކަން ހަމައެކަނި ބައްދަލު ވުމެއްގައި ގޮވާލާ ޝިއާރަކުން ފުއްދަލައިގެނެއް ނުވެއެވެ.
ކުދި ވިޔަފާރިތަކަށް ހިމާޔަތް ދީ، ބޭރުގެ ކުދި ވިޔަފާރިތަކުން ރާއްޖޭގެ މާކެޓު ހިސޯރު ކުރުމުގެ ފުރުސަތު ނުދެވޭ ގޮތަށް ގައުމީ ފިކުރެއް ބައްޓަން ކުރަން ޖެހެއެވެ. އަދި، ހަމަ އެއާއެކު އެފަދަ ފަރާތްތަކުން ބޮޑުކޮށް ޓެކްސް ނަގައި ދައުލަތަށް ޓެކްސް ލިބޭނެ ނިޒާމުތަކެއް ގާއިމުކުރުމަކީ ވެސް ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ.
ދިވެހި އުފެއްދުންތެރިން ކުރިއެރުވުމަކީ ގައުމުގެ އިގްތިސާދު ވަރުގަދަކުރުމަށް އެޅޭ އެންމެ މުހިންމު ފިޔަވަޅެވެ. ކެމްޕޭނަށް ގިނަ ވޯޓާއި ފައިސާވެސް ލިބޭނެ ކަމެއްކަން ގަބޫލު ކުރައްވާށެވެ!





