85 މިލިއަން ޑޮލަރުގެ ޚިޔާނާތެއް ބޭޒާރުވެއްޖެ

ޢިރާޤުގެ ޞިއްޙަތާއި ޚިދުމަތުގެ ދާއިރާއިން 85 މިލިއަން ޑޮލަރަށްވުރެ ބޮޑު ޚިޔާނާތެއް ހިންގާފައިވާކަން އެ ޤައުމުގެ ޢަދުލު އިންސާފާ ބެހޭ އިދާރާތަކުން ހާމަކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ޢިރާޤުގެ އޮއިލް މިނިސްޓްރީގެ ކުރީގެ ނައިބު ވަޒީރު ޢަދުނާން އަލްޖުމައިލީ ވަނީ މިދިޔަ މަހު ހައްޔަރުކޮށްފައެވެ.

މި ފައިސާތައް ހޯދާފައިވަނީ ވަރަށް ޚާއްސަ އޮޕަރޭޝަންތަކެއްގެ ތެރެއިންނެވެ. ޢިރާޤުގެ ސުޕްރީމް ޖުޑީޝަލް ކައުންސިލުން ބުނާ ގޮތުގައި، ޚިޔާނާތުގެ ފައިސާތަކުގެ ބޮޑު ބައެއް ފެނިފައިވަނީ އެކި މީހުންގެ ގެތަކުގައި ބަހައްޓާފައި ހުއްޓައެވެ. އަދި ބައެއް ފައިސާތައް ފެނިފައިވަނީ ބިމުގެ ހަތަރު މީޓަރު އަޑީގައި ވަޅުލާފައި ހުއްޓައެވެ. މި ފައިސާތައް ހޯދުމަށް ޚާއްސަ މެޝިނަރީތައް ބޭނުންކޮށްގެން ބިން ކޮނެފައިވެއެވެ.

މި މައްސަލައާ ގުޅިގެން ފިޔަވަޅުތައް އިތުރަށް ހަރުދަނާކޮށް، ޚިޔާނާތްތެރިންގެ މުދާތައް ހިފެހެއްޓުމުގެ މަސައްކަތްތައް ވެސް ދަނީ ކުރަމުންނެވެ. މިގޮތުން 70 ބިމާއި ޢިމާރާތުގެ އިތުރުން 21 ޒަމާނީ ކާރު ވެސް ދައުލަތުގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ. މީގެ އިތުރުން ތިން ކިލޯގެ ރަން ބުރިތަކެއް ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.

މި ތަހުގީގަށް ލިބުނު މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް، ޞަލާހުއްދީން ޕްރޮވިންސްގެ ހެލްތު ޑިޕާޓްމަންޓުގެ ޑިރެކްޓަރު ރާއިދު އަލްޖުބޫރީ ވެސް މިހާރު ވަނީ ހައްޔަރުކޮށްފައެވެ.

ޢިރާޤުގައި ކޮރަޕްޝަނާއި ޚިޔާނާތުގެ މައްސަލަތައް އިންތިހާއަށް ބޮޑުވެފައިވާއިރު، މީގެ ކުރިން 2024 ވަނަ އަހަރު 2.5 ބިލިއަން ޑޮލަރުގެ "ޤަރުނުގެ ވައްކަން"ގެ ނަމުން މަޝްހޫރު ޚިޔާނާތެއް ފަޅާއަރައި، އެކަމުގައި ބައިވެރިވި ފަރާތްތަކަށް ޖަލު ހުކުމްތައް އިއްވާފައިވެއެވެ. ނަމަވެސް، މިފަދަ ބޮޑެތި ކޮރަޕްޝަންތަކުގައި އާންމުކޮށް ހިފާހައްޔަރު ކުރެވެނީ ދަށު ފަންތީގެ މަޤާމުތަކުގައި ތިބޭ މީހުން ކަމަށާއި، ކޮރަޕްޝަންގެ އެންމެ މަތީ ފަންތީގެ ވެރިންނާ ހަމައަށް ފިޔަވަޅުތައް އެޅުން މަދުކަމަށް އެ ޤައުމުގެ އާންމުން ދެކެއެވެ.

ހިއްސާ ކުރައްވާ!