ހުޅުމާލޭގައި 100 ޓަނުގެ ބޮޑުކަންނެލި ފެކްޓްރީއެއް އެޅުމަށްޓަކައި ބޭނުންވާ އެގްރީމެންޓްގައި އަންނަ ހަފްތާގައި ސޮއިކުރެވޭނެ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރު ވިދާޅުވީ، މި ފެކްޓްރީ އެޅުމަށް ހުޅުމާލެއިން 25،000 އަކަފޫޓުގެ ބިމެއް މިހާރު ހަމަޖެހިފައިވާ ކަމަށެވެ. މިއީ ބޮޑުކަންނެލި މަސްވެރިންނަށް ދިމާވެފައިވާ ޕެކިން ފެސިލިޓީގެ ދަތިކަމަށް ދާއިމީ ހައްލެއް ގެނައުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދާދި ފަހުން ވިދާޅުވެފައިވާ ގޮތުގައި، މި ސަރުކާރުން މަސައްކަތްކުރަމުންދަނީ މިފްކޯ އަލުން ބޮޑުކަންނެލި ވިޔަފާރީގެ ތެރެއަށް ވައްދައި، މަސްވެރިންނަށް ހަމަ އަގު ހޯދައިދިނުމަށެވެ. މިފްކޯއިން ބޮޑުކަންނެލި ގަތުން ހުއްޓާލާފައި އޮތުމަށްފަހު، މަސްވެރިންގެ ކަންބޮޑުވުންތަކާ ގުޅިގެން މި އަހަރުގެ ޖަނަވަރީ މަހު ވަނީ އަލުން އެ ޚިދުމަތް ފަށާފައެވެ. މިހާރު މިފްކޯއިން ބޮޑު ކަންނެލި ކިލޯއެއް ގަންނަ އެންމެ މަތީ އަގަކީ 25 ރުފިޔާއެވެ.




