ދުނިޔޭގެ މަސްވެރި ސިޔާސަތު ކަނޑައަޅާއިރު ރާއްޖެއަށް މަޑުން ތިބެވެން ނެތްކަމަށް ވަޒީރު ވިދާޅުވެއްޖެ

ދުނިޔޭގެ މަސްވެރި ސިޔާސަތު ކަނޑައަޅާ ބައިނަލްއަޤްވާމީ މަންސަތަކުގައި ދިވެހިރާއްޖެއަކީ ވަރަށް ހަރަކާތްތެރި އަދި ނުފޫޒުގަދަ އަޑެއް އިއްވާ ޤައުމެއް ކަމަށާއި، އެފަދަ މަންސަތަކުގައި ބައިވެރިވެގެން ރާއްޖެއިން އަންނަނީ މުހިންމު ނަތީޖާތަކެއް ނެރެމުން ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގެ މަހަށް ހަމައަގެއް ހޯދުމަށްޓަކައި މިފަދަ ބައިނަލްއަޤްވާމީ މައިދާންތަކަކީ ކޮންމެހެން މުހިންމު ތަންތަން ކަމަށެވެ.

ވަޒީރު ޝިޔާމް ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގެ މަހަށް ރަނގަޅު އަގެއް ހޯދުމަށް ކުރަންޖެހޭ އެންމެ މުހިންމު މަސައްކަތަކީ ބޮޑެތި ޓެރިފްތައް ނުވަތަ ޑިއުޓީތައް ނަގާ ޤައުމުތަކާއެކު މަޝްވަރާކޮށް، އެ ޓެރިފްތައް ކުޑަކުރުން ނުވަތަ އެއްކޮށް އުވާލުމެވެ.

"ދުނިޔޭގައި ވަކިން ހާއްސަކޮށް މަސްވެރި ޕޮލިޓިކްސްގައި ދިވެހިރާއްޖޭގެ އަޑަކީ ވަރަށް ވަރުގަދަ އަޑެއް،" ވަޒީރު ވިދާޅުވިއެވެ. އަދި ދުނިޔޭގެ މަސްވެރިކަމުގެ ސިޔާސަތުތައް ކަނޑައެޅިގެންދާއިރު، ރާއްޖެއިން މަޑުން ތިބެގެން ބޭނުންވާ މަޤްޞަދުތައް ހާސިލް ނުކުރެވޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އައިއޯޓީސީގެ 30 ވަނަ ބައްދަލުވުން ކާމިޔާބުކަމާއެކު ނިންމާލުން

ދާދި ފަހުން ރާއްޖޭގައި ބޭއްވި އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައިއޯޓީސީ) ގެ 30 ވަނަ ބައްދަލުވުމަކީ ރާއްޖެއަށް ލިބުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ. މި ބައްދަލުވުމުގެ ރިޔާސަތުވެސް ބެލެހެއްޓީ ރާއްޖެއިންނެވެ. މި ބައްދަލުވުމަށް ހުށަހެޅުނު ކަންކަމުގެ ތެރެއިން 7 ހުށަހެޅުމެއް ފާހަގަކުރެވުނުއިރު، އޭގެ ތެރެއިން 3 ހުށަހެޅުމަކީ ސީދާ ރާއްޖޭގެ ހުށަހެޅުންތަކެވެ. މި ހުރިހާ ހުށަހެޅުމެއްވެސް ވަނީ ބައްދަލުވުމުން ފާސްވެފައެވެ.

މި ބައްދަލުވުމުގައި ދުނިޔޭގެ އެކި ޤައުމުތަކުން 250 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވިއެވެ. މީގެ ތެރޭގައި ރާއްޖެއިން މަސްވިއްކާ ޤައުމުތަކާއި، މަސްވެރިކަމުގެ ސިނާޢަތުގައި ރާއްޖެއާ ވާދަވެރި ޤައުމުތައްވެސް ހިމެނެއެވެ. ރާއްޖޭގައި މިފަދަ ބައްދަލުވުމެއް ބޭއްވުމުން، ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތުގެ މުހިންމުކަމާއި ރާއްޖެއިން ބޭނުންވާ ކަންކަން އެހެން ޤައުމުތަކަށް ވަރަށް ބޮޑަށް ހާމަވެގެން ދިޔަކަމަށް ވަޒީރު ވިދާޅުވިއެވެ.

މިފަހަރުގެ ބައްދަލުވުމުގައި ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާ އެންމެ އިސްކަމެއް ދެއްވި އެއް ކަމަކީ އިންޑިއާ ކަނޑުން ރާއްޖެއަށް ލިބިފައިވާ ބޮޑު ކަންނެލީގެ ކޯޓާ ދަށްވިޔަނުދީ ހިފެހެއްޓުމެވެ. ވަޒީރު ވިދާޅުވި ގޮތުގައި ރާއްޖެއިން ވަނީ އެކަން ކާމިޔާބުކޮށްފައެވެ. މިއީ ރާއްޖޭގެ ބޮޑު ކަންނެލީގެ މަސްވެރިކަން ތަރައްޤީކުރުމަށް ރޭވިފައިވާ މަޝްރޫޢުތަކަށް ލިބުނު ވަރަށް ބޮޑު ބާރެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވިއެވެ.

ހިއްސާ ކުރައްވާ!