ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުނަސް މަސްވެރިންނަށް އެ ބުރަ ނުޖައްސާ ސަރުކާރުން ދަނީ ކަންކަން މަނޭޖުކުރަމުން: ވަޒީރު ޝިޔާމް

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުތަނުން އުފުލިގެން ދިޔަ ނަމަވެސް، ދިވެހި މަސްވެރިންނަށް އެ ބުރަ ނުޖައްސާ، ސަރުކާރުން މިހާތަނަށްވެސް ތެލުގެ ކަންކަން އެންމެ ރަނގަޅު ގޮތުގައި މަނޭޖުކުރަމުންދާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ވަޒީރު ޝިޔާމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި އުނދަގޫ ހާލަތުގައިވެސް ސަރުކާރުން ކަށަވަރުކުރާ އެއް ކަމަކީ މަސްވެރިންނަށް މަސްކަނޑުތަކަށް ނިކުމެވޭނެ މަގު ފަހިވެފައި އޮތުން ކަމަށެވެ. އަދި ސަރުކާރުން ތެލުގެ އަގުތައް ހިފަހައްޓައި، މަސްވެރިންނަށް ލުއި ގޮތްތަކެއް ހޯދައިދިނުމަށް ކުރާ މަސައްކަތް މަސްވެރިންވެސް ޝުކުރުވެރިކަމާއެކު ބަލައިގަންނަ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ، ތެޔޮ ނުލިބިގެން މަސްވެރިކަން ވަޅު ޖެހިފައިވާ ކަމަށް ދައުރު ނޫހުގައި ލިޔުނު ރިޕޯޓަށް ރައްދު ދެއްވަމުންނެވެ.

"މިއީ ރަނގަޅު ޚަބަރެއްނޫން. މި އުނދަގޫ ހާލަތުގައިވެސް ސަރުކާރުން ޔަޤީންކުރާ އެއްކަމަކީ ދިވެހިމަސްވެރިން މަސްކަނޑުތަކަށް ނިކުމެވޭނެކަން ކަށަވަރުކުރުން. ދުނިޔޭގެ ބާޒާރުގައި ތެލުގެއަގު އެހާމައްޗަށް އަރައިގެންދިޔަނަމަވެސް ދިވެހި މަސްވެެރިންނަށް އެބުރަ ނުޖައްސާ ސަރުކާރުން މިއަދާ ހަމައަށްވެސް މިގެންދަނީ ތެލުގެ ކަންކަން ވީއެންމެ ރަނގަޅަށް މަނޭޖުކުރަމުން." މިނިސްޓަރ ޝިޔާމު ވިދާޅުވިއެވެ.

މިނިސްޓަރ އިލްތިމާސް ކުރެއްވީ، ކަމުގެ ހަގީގަތް ހޯދައިގެން މައުލޫމާތު ފެތުރުމަށެވެ. "ނޫހުގައި ތިފަދަ ހެޑްލައިންއެއް ހައްދަވާއިރު ކަންއޮތްގޮތް ރަނގަޅަށް ބައްލަވާލެއްވިނަމަ ހާދަރަނގަޅުވީހޭ ހިތަށްއަރާ." މިނިސްޓަރ ޝިޔާމް ވިދާޅުވިއެވެ.

މީގެ އިތުރުން، ގިނަ ދުވަސްތަކެއް ވަންދެން އެންވެރިކަން ދަށްވެފައި އޮތުމަށްފަހު، މިހާރު މުޅި ރާއްޖެއަށް އެންވެރިކަން ރަނގަޅުވެ، މަސްވެރިކަންވެސް އަންނަނީ ރަނގަޅުވަމުން ކަމަށް ޝިޔާމް ވިދާޅުވިއެވެ. "ގިނަ ދުވަސްތަކެއް ވަންދެން އެންވެރިކަން ދަށްވެފައި އޮތުމަށްފަޖު މުޅިރާއްޖެއަށްވެސް އެންވެެިކަން ރަނގަޅުވާންފެށުމާއި އެކު މަސްވެެރިކަންވެސް އަންނަނީ الله ގެ އިރާދަފުޅުން ވަރަށް ރަނގަޅުވަމުން. އެހެންކަމުން މަސްވެެިކަން ރަނގަޅު ސަރަހައްދުތަކަށް ބޯޓުތައް ފުނުވުނުވުމުގެ މަސައްކަތްތައްވެސް ކުރެވޭނެ." އެކްސްގައި ކުރެއްވި ޕޯސްޓްގައި މިނިސްޓަރ ވިދާޅުވިއެވެ.

އަދި މަސްވެެރި އިންޑަސްޓްރީގައި ހަރަކާތްތެެރިވާ ކުންފުނިތަކަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދުނުމަށްވެސް އިންޑަސްޓްރީގެ މަޝްވަރާއާއެކު ވަރަށްގިނަ މަސައްކަތްތަކެއް ސަރުކާރުންދަނީ ކުރަމުންދާ ކަމުގެ ޔަގީންކަންވެސް މިނިސްޓަރ ދެއްވިއެވެ. "ސަރުކާރުން މިދަނީ މަސްވެެރިންގެ ކަންކަން މިހާލަރުގައިވެސް ގާތުންބަލާ މަސްވެެިންނަށް އެންމެރަގަޅުގޮތްތަކަށް މަސައްކަތް ކޮށްދެމުން." ޝިޔާމް ވިދާޅުވިއެވެ.

ހުރުމުޒު ކަނޑުއޮޅި ބަންދުވުމުން ދުނިޔެއަށް ތެޔޮ ލިބުމުގައި ދަތިކަމެއް އޮތް ނަމަވެސް ރާއްޖެއަށް އެފަދަ ކަމެއް އިހުސާސް ކުރެވިފައެއް ނުވެއެވެ. ރާއްޖެއަކީ، ގަލްފްގައި ހަމަނުޖެހުނުން ފެށުނު ދުވަހުން ފެށިގެން ހާލަތު މޮނީޓަރ ކުރުމުގެ މަސައްކަތް ފަށާފައިވާ ޤައުމެކެވެ. ހަނގުރާމ،ަ އިއުލާން ކުރި ދުވަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ކަމާ ބެހޭ ވަޒީރުންގެ ކޮމިޓީއެއް އެކުލަވާލައި ހާލަތު މޮނީޓަރ ކުރުމުގެ މަސައްކަތް ފަށާފައެވެ. އަދި އަދާހަމަކޮށް ކޮންމެ ހަފްތާއަކު ވަޒީރުން ގެންދަވަނީ ރައްޔިތުންނަށް މީޑިއާ މެދުވެރިކޮށް މައުލޫމާތު ދެއްވަމުންނެވެ.

އެންމެ ފަހު ބައްދަލުވުމުގައިވެސް ތެލާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވެސް ވަނީ ރާއްޖެއަށް ތެޔޮ ލިބުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމުގެ ޔަޤީންކަން ދެއްވާފައެވެ. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ސަޕްލައި ކުރުމުގައި ގޮންޖެހުންތަކެއް ހުރި ނަމަވެސް، އެސްޓީއޯއިން ތެޔޮ ގެންނަނީ ރާއްޖޭގެ ޑިމާންޑަށް ބަލައި، ސަޕްލަޔަރުންނާއެކު ދުރާލާ އެއްބަސްވެފައިވާ "ނޮމިނޭޝަން އެރޭންޖްމެންޓު" ގެ ދަށުން ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ސައީދު ހާމަކުރެއްވި ގޮތުގައި، އެ ހަފުތާގެ ތެރޭގައިވެސް ތެލުގެ އައު ދެ ޝިޕްމެންޓެއް ރާއްޖެ ވަނީ ގެނެސްފައެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް އެއްބަސްވެފައިވާ ތާރީޚުތަކާ އެއްގޮތަށް ތެލުގެ އިތުރު ޝިޕްމެންޓްތައް ގެނައުމަށް ވަނީ ޝެޑިއުލް ކުރެވިފައެވެ. "އެއްވެސް ދަތިކަމެއް ނެތި، ތެލާއި ގޭސް އަދި ކާޑުގެ ބާވަތްތަކާއި ރައްޔިތުންނަށް ބޭނުންވާ އަސާސީ ކާބޯތަކެތި ރާއްޖެއަށް ގެނެސް ރައްޔިތުންނަށް ލިބެން ހުންނާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަރުވަމެވެ،" ސައީދު ވިދާޅުވިއެވެ.

ދުނިޔޭގެ ބާޒާރަށް އަންނަ ބަދަލުތަކުގެ އަސަރު ރައްޔިތުންނަށް ކުރާ މިންވަރު ކުޑަކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ސަރުކާރުން ދަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންނެވެ. ރާއްޖެއަކީ މިފަދައިން ފިޔަވަޅު އެޅި އެންމެ ފުރަތަމަ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ ބާޒާރަށް މި ހަނގުރާމައިގެ އަސަރު ކޮށްފައިވަނީ ވަރަށްވެސް ކުޑަ މިންވަރަކަށެވެ.

ތެޔޮ ލިބުމަށް ދައްޗެއް ނެތް، ޝިޕްމެންޓްތައް އަންނަނީ ޝެޑިއުލާ އެއްގޮތަށް: މިނިސްޓަރު ސައީދު

ހިއްސާ ކުރައްވާ!