ތެޔޮ ލިބުމަށް ދައްޗެއް ނެތް، ޝިޕްމެންޓްތައް އަންނަނީ ޝެޑިއުލާ އެއްގޮތަށް: މިނިސްޓަރު ސައީދު

"އެއްވެސް ދަތިކަމެއް ނެތި، ތެލާއި ގޭސް އަދި ކާޑުގެ ބާވަތްތަކާއި ރައްޔިތުންނަށް ބޭނުންވާ އަސާސީ ކާބޯތަކެތި ރާއްޖެއަށް ގެނެސް ރައްޔިތުންނަށް ލިބެން ހުންނާނެކަމުގެ ފުރިހަމަ ޔަޤީންކަން އަރުވަމެވެ،" މިނިސްޓަރު ސައީދު

މެދުއިރުމަތީގައި އުފެދިފައިވާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް އުފުލި، ސަޕްލައި ކުރުމުގައި ގޮންޖެހުންތަކެއް ހުރި ނަމަވެސް، ރާއްޖެއަށް ތެޔޮ ލިބުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމުގެ ޔަޤީންކަން އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ދެއްވައިފިއެވެ.

ރާއްޖޭގެ ތެލުގެ ސްޓޮކާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ، އެސްޓީއޯއިން ތެޔޮ ގެންނަނީ ރާއްޖޭގެ ޑިމާންޑަށް ބަލައި، ސަޕްލަޔަރުންނާއެކު ދުރާލާ އެއްބަސްވެފައިވާ ނޮމިނޭޝަން އެރޭންޖްމެންޓުގެ ދަށުން ކަމަށެވެ. މި އިންތިޒާމުގެ ދަށުން މި ހަފުތާގެ ތެރޭގައިވެސް ތެލުގެ އައު ދެ ޝިޕްމެންޓެއް ރާއްޖެ ގެނެސްފައިވާ ކަމަށް މިނިސްޓަރު ހާމަކުރެއްވިއެވެ.

މިނިސްޓަރު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދުނިޔޭގެ ބާޒާރަށް އަންނަ ބަދަލުތަކުގެ އަސަރު ދިވެހި ރައްޔިތުންނަށް ކުރާ މިންވަރު ކުޑަކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ ވިސްނުންފުޅާއެކު ސަރުކާރުން ހަލުވި ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ. އެގޮތުން އެސްޓީއޯއިން ރާއްޖެއަށް ބޭނުންވާ ތެލުގެ ސްޓޮކް ހުސްނުވާނޭ ގޮތަށް ދަމަހައްޓަމުންދާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އެސްޓީއޯއިން ތެޔޮ ގެންނަނީ ރާއްޖޭގެ ޑިމާންޑަށް ބަލައި، އަދި އޭގެ އިތުރަށް ދުރާލާ ސަޕްލަޔަރުންނާއެކު އެސްޓީއޯއިން އެއްބަސްވެފައިވާ "ނޮމިނޭޝަން" އެރޭންޖްމެންޓުގެ ދަށުންނެވެ. މިގޮތުން މި ހަފުތާވެސް މިހާރުވަނީ ތެލުގެ އައު ދެޝިޕްމެންޓެއް ރާއްޖެ ގެނެސްފައެވެ. ހަމަ އެފަދައިން އެސްޓީއޯއިން ސަޕްލަޔަރުންނާއިއެކު އެއްބަސްވެފައިވާ ނޮމިނޭޝަނާއި ތާރީޚުތަކާ އެއްގޮތަށް، ތެލުގެ އިތުރު ޝިޕްމެންޓްތައްވެސް ވަނީ ރާއްޖެއަށް ގެނައުމަށް ޝެޑިއުލް ކުރެވިފައެވެ. މިނިސްޓަރ ސައީދު

މީގެ އިތުރުން، ކުރިއަށް އޮތް ތަނުގައިވެސް އެއްބަސްވެފައިވާ ތާރީޚުތަކާ އެއްގޮތަށް ތެލުގެ އިތުރު ޝިޕްމެންޓްތައް ރާއްޖެއަށް ގެނައުމަށް ޝެޑިއުލް ކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިއީ ރާއްޖޭގެ ހަކަތައިގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރެވެމުންދާ މުހިންމު މަސައްކަތެއްގެ ގޮތުގައި މިނިސްޓަރު ސިފަކުރެއްވިއެވެ.

މިނިސްޓަރު ސައީދު ވަނީ ތެލުގެ އިތުރުން ރައްޔިތުންނަށް ބޭނުންވާ އެހެނިހެން އަސާސީ ބާވަތްތަކާ ގުޅޭގޮތުންވެސް ޔަޤީންކަން ދެއްވާފައެވެ. "އެއްވެސް ދަތިކަމެއް ނެތި، ތެލާއި ގޭސް އަދި ކާޑުގެ ބާވަތްތަކާއި ރައްޔިތުންނަށް ބޭނުންވާ އަސާސީ ކާބޯތަކެތި ރާއްޖެއަށް ގެނެސް ރައްޔިތުންނަށް ލިބެން ހުންނާނެކަމުގެ ފުރިހަމަ ޔަޤީންކަން އަރުވަމެވެ،" މިނިސްޓަރު ވިދާޅުވިއެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކާއެކުވެސް، ސަރުކާރުގެ ރޭވުންތެރިކަމާއެކު ރާއްޖެއަށް ބޭނުންވާ މުހިންމު ބާވަތްތައް މެދުނުކެނޑި ލިބޭނެ އިންތިޒާމުތައް ވަނީ ހަމަޖެހިފައެވެ.

ހިއްސާ ކުރައްވާ!