އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކަމުން ކިއާ ސްޓާމާ އިސްތިއުފާ ދެއްވުމާ ގުޅިގެން، އެ މަޤާމަށް ވަޑައިގަންނަވާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ އާންޑީ ބާންހަމްއާ ގުޅޭގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފުރަތަމަ ފަހަރަށް ވާހަކަފުޅު ދައްކަވައިފިއެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި ބާންހަމް އަކީ އިންތިހާއަށް ލިބަރަލް ބޭފުޅެކެވެ.
ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ ބާންހަމްއާ ބެހޭގޮތުން މާ ބޮޑު މަޢުލޫމާތެއް ނޭނގޭ ކަމަށާއި، ނަމަވެސް އޭނާ އަކީ މީގެ ކުރިން މެންޗެސްޓާގެ މޭޔަރުކަން ކުރެއްވި ބޭފުޅެއްކަން އެނގޭ ކަމަށެވެ. ޓްރަމްޕް އިތުރަށް ވިދާޅުވީ އޭނާ އަކީ އިންތިހާއަށް ލިބަރަލް ބޭފުޅެއް ކަމަށާއި، އެހެންކަމުން ނޯތު ސީގައި ތެޔޮ ހޯދުމުގެ މަސައްކަތްތަކަށް އޭނާ ހުޅުވާލާނެ ކަމަކަށް ނުބެލެވޭ ކަމަށެވެ. އަދި އިނގިރޭސިވިލާތް މިހާރު ދަނީ ހުލިވަމުން މަރުވަމުން ކަމަށް ވެސް ޓްރަމްޕް ސިފަކުރެއްވިއެވެ.
ބާންހަމްއަކީ މީގެ ކުރިން ވެސް ޓްރަމްޕްގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވާ ބޭފުޅެކެވެ. އެގޮތުން އެމެރިކާގެ ސިޔާސީ މަސްރަހަކީ ބައިބައިވެފައިވާ އަދި ވިހަ ސިޔާސަތުތަކެއް ގެންގުޅޭ ތަނެއް ކަމަށް އޭނާ ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
2021 ވަނަ އަހަރު އެމެރިކާގެ ކެޕިޓަލް ހިލްއަށް މުޒާހަރާކުރި މީހުން ވަންނަން މަސައްކަތް ކުރި ދުވަސްވަރު، ޓްރަމްޕަށް ތާއީދުކުރާ އެއްވެސް އިނގިރޭސި ސިޔާސީ ބޭފުޅަކު ލަދުގަންނަން ޖެހޭނެ ކަމަށް ވެސް ބާންހަމް ވިދާޅުވެފައިވެއެވެ.




