ސިނގިރޭޓު ޑިއުޓީ ކުޑަކުރުން: ސަރުކާރުގެ ސިޔާސަތު ފެއިލްވުމުގެ ފެށުންތޯ؟

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މިދިޔަ ބުދަ ދުވަހު ފެނިގެންދިޔައީ އާދަޔާ ޚިލާފު ހޫނު މަންޒަރެކެވެ. ސިނގިރޭޓުން ނަގާ ޑިއުޓީ 8 ރުފިޔާ އިން 4 ރުފިޔާ އަށް ކުޑަކުރުމަށް ސަރުކާރުން ހުށަހެޅި ބިލުގެ މަސައްކަތް ކުރިއަށް ދިޔައީ، އިދިކޮޅު ފަރާތްތަކުގެ ގަދަފަދަ ނުރުހުމާއި ވޯޓުދިނުމުގެ މަރުހަލާގައި ފެނިގެންދިޔަ ހުސް ގޮނޑިތަކާއެކުގައެވެ.

މި ބިލު މިހާރު ހުށަހެޅިފައި މިވަނީ، ގިނަ ބައެއްގެ ނުރުހުމާއެކު ވެސް ޕީއެންސީގެ ސުޕަމެޖޯރިޓީ އޮތް މަޖިލީހުން ޑިސެމްބަރު 2024 ގައި ސިނގިރޭޓު ޑިއުޓީ 8 ރުފިޔާ އަށް ބޮޑުކުރި ފަހުންނެވެ. އޭރު ސަރުކާރުން ބުނެފައިވަނީ ވޭޕް މަނާކުރުމާ އެކު، ދުންފަތުގެ އިސްތިއުމާލަށް މީހުން ހިޖުރަކޮށްފާނެތީ އެކަން ހުއްޓުވަން ޑިއުޓީ ބޮޑުކުރީ ކަމަށެވެ. ނަމަވެސް، ސަރުކާރުން ސިފަކޮށްދިން އެ "އިންގިލާބީ ހެޔޮ ބަދަލު" ނުގެނެވި، ހާލަތު ވަނީ ކުރިއަށް ވުރެ ގޯސްވެފައެވެ.

"އެއީ ވޭޕުން މި ލިބެމުންދާ ގެއްލުން، ޖީލެއް ހަލާކުރަމުން މިދާ ދިއުން ބޭންކޮށްފައި އަޅުގަނޑުމެން އޭރު ވިސްނުމަކަށް އައީ ވޭޕް ބޭންކުރީމާ އެ ކޮމިއުނިޓީ ދުންފަތަށް ހިޖުރަކޮށްފާނެތީ އައި ކަންބޮޑުވުން. އެއީ އަޅުގަނޑުމެން މިއަދު ވެސް އޮތް ކަންބޮޑުވުމެއް،" ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު

މިހާރު ޑިއުޓީ 4 ރުފިޔާ އަށް ކުޑަކުރަން ނިންމީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ލަފާގެ ނިވަލުގައެވެ. ނަމަވެސް، ދުންފަތުގެ ޓެކްސް އަބަދުވެސް ބޮޑުކުރަން ބާރުއަޅާ ޑަބްލިއުއެޗްއޯ އިން މިފަދަ ލަފައެއް ދިން ބާވައެވެ؟

މި ވާހަކަ ތިލަވެގެން އަންނަ އިރު ސިގިރޭޓާއި ވޭޕާއި ސްމަގްލިންއާ ގުޅޭ އެތައް މައްސަލައެއް މީޑިއާގައި ފަލަ ސުރުޚީން ޖާގަ ހޯދާފައި ވެއެވެ.

ސަރުކާރުގެ ސިޔާސަތުގެ ސަބަބުން ވޭޕްގެ ކަޅު ބާޒާރެއް އުފެދި، އޭގެ ކަސްޓަމަރުން ދުންފަތަށް ހިޖުރަކުރިއެވެ. މި މައްސަލަތަކުގެ ތެރޭގައި ދުންފަތުގެ ބާވަތްތައް ވަގަށް އެތެރެކުރުމުގެ ބޮޑެތި މައްސަލަތަކެއް މަޖިލީހުން ބަލާފައިވާއިރު، ބޮޑެތި ކުންފުނިތަކުގެ ސްމަގްލިންއާ ގުޅޭ ތަހުގީގުތަކެއް އަދިވެސް ނުނިމި އެބަހުއްޓެވެ. މީގެ އިތުރުން، ދުންފަތުގެ ބޮޑެތި ވިޔަފާރިވެރިންގެ މައްސަލަތަކެއް ޝަރީއަތުގެ މަރުހަލާގައި ވެސް އެބަ ހުއްޓެވެ.

މި ވިޔަފާރީގެ ތެރޭގައި ސަރުކާރުގެ ބައެއް މަޖިލިސް މެންބަރުން ހަރަކާތްތެރިވާކަމަށްވެސް ތުހުމަތުތަކެއް ކޮށްފައި ވެއެވެ. މީގެ އިތުރުން، ބޮޑުކުރި ޑިއުޓީން ސަލާމަތްވުމަށް ގަވައިދާ ހިލާފަށް ސިނގިރޭޓު އެތެރެކުރުމާއި، ކުދި ކެފޭތަކުން ބިޑި ވިއްކުން މިހާރު ވަނީ އާންމުވެފައެވެ.

އިމްޕޯޓް އެކްސްޕޯޓުގެ ގާނޫނަށް ހުށަހެޅި މި ބިލުގައިވާ ގޮތުން، ޑިއުޓީ ބޮޑުކުރުމުން ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކުރި މިންވަރަށް ފައިސާ ލިބިފައެއް ނުވެއެވެ. މި އަހަރު ރާއްޖެއަށް އެތެރެކުރި ސިނގިރޭޓުގެ އަދަދު 21.4 އިންސައްތަ ދަށަށް ގޮސްފައިވާއިރު، 1 ޖުލައި އިން ފެށިގެން ޑިއުޓީ ކުޑަކުރިއަސް، ބަޖެޓުގައި ލަފާކުރި އަދަދަށް ވުރެ 21 މިލިއަން ރުފިޔާ މަދުވާނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.

ވޭޕް މަނާކުރީ މަސްތުވާތަކެތި ބޭނުންކުރަން މަގުފަހިވާތީ ކަމަށް ސަރުކާރުން ބުނާެ ދުނިޔޭގެ ފެންވަރުގައި ރީތި ނަން ހޯދިއެވެ! ވޭޕް މަނާކުރުމުން ޒުވާނުން ޖޫރިމަނާވެ، ކުށްވެރިންނަށް ވެފައިވާއިރު، ދުންފަތުގެ ވިޔަފާރިއަށް ބޮޑު ފައިދާއެއް ވަނީ ލިބިފައެވެ. އެހެންކަމުން، މި ސަރުކާރުން ދުންފަތް ކޮންޓްރޯލުކުރުމަށް އެޅި ފިޔަވަޅުތަކުގެ ޖުމްލަ ނަތީޖާއަކީ، ވޭޕްގެ ވިޔަފާރި ފުނޑި، ދުންފަތުގެ ބާޒާރު އާލާވެ، އާންމު ސިއްހަތުގެ ހާލަތު ކުރިއަށް ވުރެ ބޮޑަށް ބޮއްސުންލައިގެން ދިއުން ބާވައެވެ.

ހިއްސާ ކުރައްވާ!