އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނަށް ކުރިމަތިވެފައިވާ ތާރީޚީ ހޫނުގަދަ ރާޅާއެކު، އެ ސިޓީގެ މަގުތަކާއި އާންމު ސަރަހައްދުތައް ހީވަނީ އުނދުނެއް ހެން ކަމަށް މީޑިއާއިން ސިފަ ކުރެއެވެ. ހޫނުކަން ދައްކާ ތަމަލް ކެމެރާތަކުން ނަގާފައިވާ ފޮޓޯތަކުން ދައްކާ ގޮތުގައި، ލަންޑަންގެ މަގުތަކުގެ ފިނިހޫނުމިން އާންމު ވައިގެ ފިނިހޫނުމިނަށްވުރެ އެތައް ގުނައެއް މައްޗަށް ގޮސް، 62 ޑިގްރީ ސެލްސިއަސްއާ ހަމައަށް ވެސް ވަނީ އަރާފައެވެ.
ބުދަ ދުވަހު ލަންޑަންގެ ވައިގެ ތެރޭގައި ފިނިހޫނުމިން 35 ޑިގްރީ ސެލްސިއަސްގައި ހުރި ނަމަވެސް، މަގުތަކުގެ ހާލަތު އޮތީ މިއަށްވުރެ މާ ނުރައްކާތެރިކޮށެވެ. ތާމަލް އިމޭޖިން ކެމެރާތަކުން ދައްކާ ގޮތުން، ރީޖަންޓް ސްޓްރީޓްގެ މަގުމަތި 57 ޑިގްރީއަށް އަރާފައިވާއިރު، އޮކްސްފޯޑް ސްޓްރީޓާއި ޕިކަޑިލީ ސާކަސްގެ ފިނިހޫނުމިން ވަނީ 56 ޑިގްރީ ސެލްސިއަސްއަށް އަރާފައެވެ.

މި ހޫނުގަދަވުމުގެ އަސަރު އެންމެ ބޮޑަށް ފެނިގެންދިޔައީ ހައިބަރީ އެންޑް އިޒްލިންގްޓަން ރޭލު ސްޓޭޝަނުންނެވެ. އެތަނުގެ އޯވަގްރައުންޑް ޕްލެޓްފޯމްގެ ހޫނުމިން 62 ޑިގްރީ ސެލްސިއަސްއަށް އަރާފައިވެއެވެ. އަދި ކިންގްސް ކްރޮސް ސްކޮއާގެ ގްރަނައިޓް ގަލުގެ މަގުމަތި 54 ޑިގްރީއަށް ހޫނުވެފައިވާއިރު، އިޒްލިންގްޓަންގެ ޕްލޭގްރައުންޑެއް 53 ޑިގްރީއަށް އަރާފައިވާކަން ތަމަލް ފޮޓޯތަކުން ކަށަވަރުވެއެވެ.
ލަންޑަންގެ ދަތުރުފަތުރުގެ ނިޒާމަށް މި ހޫނުގަދަވުމުގެ އަސަރު ވަރަށް ބޮޑަށް ވަނީ ކޮށްފައެވެ. ވިކްޓޯރިއާ ލައިންގެ ރޭލުތަކުގެ އެތެރޭގެ ހޫނުމިން 40 ޑިގްރީއަށް އަރާފައިވާއިރު، ސެންޓްރަލް ލައިންގެ ރޭލުތަކުގެ އެތެރޭގެ ހޫނުމިން 39.4 ޑިގްރީއަށް އަރާ، ދަތުރުވެރިންނަށް އެއީ "ނަރަކައެއްފަދަ" ތަޖުރިބާއަކަށް ވަނީ ވެފައެވެ.
ގްރީންޕީސް ޔޫކޭގެ ހެޑް އޮފް ކްލައިމެޓް، މެލް އެވަންސް ވިދާޅުވި ގޮތުގައި، މި ފަހަރުގެ ހޫނުގަދަވުމަކީ ހަމައެކަނި މޫސުމީ ބަދަލެއް ނޫނެވެ؛ މިއީ ޢާންމު ސިއްހަތަށް ކުރިމަތިވެފައިވާ ކުއްލި ނުރައްކަލެކެވެ.
"ލަންޑަން މިވަނީ ހޫނުކަމުގެ ބޮޑު އުނދުނަކަށް ބަދަލުވެފައި. ފޮސިލް ފިއުލް އުފައްދާ ބޮޑެތި ކުންފުނިތަކުގެ ސަބަބުން ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ ސަބަބުން މިފަދަ ނުރައްކާތެރި ހާލަތެއް މެދުވެރިވެފައި މިވަނީ،" އޭނާ ވިދާޅުވިއެވެ.
ސިޓީ ހޯލުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ލަންޑަންގެ ގާތްގަނޑަކަށް އެއް މިލިއަން ގެއާއި، 1,361 ސްކޫލާއި، 60 ހޮސްޕިޓަލުގެ އިތުރުން 351 ކެއާ ހޯމްތަކަކީ ހޫނުގަދަވުމުގެ ސަބަބުން ނުރައްކަލުގެ ތެރޭގައި ހުރި ތަންތަނެވެ. މި ހޫނުގަދަވުމުގެ ސަބަބުން ސްކޫލްތަކާއި އޮފީސްތައް ބަންދުކުރަން މަޖުބޫރުވެފައިވާއިރު، ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އަޅައި، މީހުން ރައްކާތެރިކުރުމަށް ފުރިހަމަ ޕްލޭނެއް އެކުލަވާލަން ޖެހޭ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.




