ޔޫގަންޑާ: ޚަބަރު ލިޔެފައި ރައީސްގެ ދަރީގެ އޮފީހަށް ފޮނުވައިގެން ހުއްދަ ހޯދަން ޖެހޭނެ

ޔޫގަންޑާގެ ސިފައިންގެ އެންމެ އިސްވެރިޔާ އަދި ރައިސް ޔޫރީ މުސޮވީނީގެ ދަރި، މުހޫޒީ ކައިނެރުގަބާ އަމުރުކުރައްވައިގެން، އެ ގައުމުގެ އެންމެ ބޮޑު ދެ މީޑިއާ އައުޓްލެޓް ކަމަށްވާ 'ޑެއިލީ މޮނިޓާ' ނޫހާއި 'އެންޓީވީ ޔޫގަންޑާ' ބަންދުކޮށްފިއެވެ.

ރައީސް ޔޮވެރީ މުސެވެނީގެ ދަރިކަލުން އަދި ޗީފް އޮފް ޑިފެންސް ފޯސަސް މުހޫޒީ އާދީއްތަ ދުވަހު 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އޭނާ "މިނިވަން ނޫސްވެރިކަމަށް ގަބޫލު ނުކުރައްވާ" ކަމަށެވެ. އަދި އޭނާގެ ހުއްދަ ނެތި މި މީޑިއާ  އަލުން ނުހުޅުވޭނެ ކަމަށާއި، ޔޫގަންޑާއާ ގުޅޭ "ނުރަނގަޅު" ހުރިހާ ޚަބަރެއް ޝާއިއުކުރުމުގެ ކުރިން އޭނާގެ އޮފީހަށް ޚަބަރުތައް ފޮނުައިގެން ހުއްދަ ހޯދަން ޖެހޭނެ ކަމަށް އޭނާ އިންޒާރު ދެއްވިއެވެ.

މި މީޑިއާ ހިންގާ 'ނޭޝަން މީޑިއާ ގްރޫޕް’ގެ އޮފީސްތައް ހިމެނޭ ސަރަހައްދުތަކަށް ސިފައިން ވަދެ، އެތަނަށް އެއްވެސް މީހަކަށް ނުވަދެވޭ ގޮތަށް ވަނީ ބަންދުކޮށްގެން ކޮމްޕިއުޓަރުތަކާއި ސާވަރުތަކުގެ ހާޑްޑިސްކުތައް ގެންގޮސްފައިވެއެވެ. މިކަމުގެ ސަބަބުން ނޭޝަން މީޑިއާ ގެ ދަށުން ހިންގާ ޓީވީ ޗެނަލްތަކާއި ރޭޑިއޯ ސްޓޭޝަންތައް ވެސް ވަނީ މުޅިން ހުއްޓުމަކަށް އައިސްފައެވެ.

މުހޫޒީ މިފަދައިން އަމަލުކުރައްވާފައި މިވަނީ 2017 ވަނަ އަހަރު އޭނާގެ އައްޕަ ރައީސް މުސެވެނީ އޭނާއަށް ދެއްވާފައިވާ ބާރުގެ ބޭނުން ހިފައިގެންނެވެ. ޑިކްޓޭޓަރު މުސެވެނީ 1986 އިން ފެށިގެން ޔޫގަންޑާގައި ވެރިކަން ކުރައްވަމުން ގެންދަވާއިރު، މުހޫޒީއަކީ އޭނާގެ ވެރިކަމުގެ ވާރިސު ކަމަށް ނުރަސްމީކޮށް ހަމަޖައްސާފައި ވެއެވެ.

މިކަމާ ގުޅިގެން ޔޫގަންޑާގެ ނޭޝަނަލް އެސޯސިއޭޝަން އޮފް ބްރޯޑްކާސްޓާސް އިން ބުނީ، މިއީ ގައުމުގެ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަމަށް އެޅުނު ހުރަހެއް ކަމަށެވެ. އަދި މިކަމާ މެދު އިންތިހާއަށް ކަންބޮޑުވާކަމަށް ބުނުން ފިޔަވައި އިތުރަށް ކޮށްދެވޭނެ ކަމެއް ނެތް ކަމަށެވެ.

ހިއްސާ ކުރައްވާ!