Image: PSM
Image: PSM

ރިޒޯޓުތަކުގައި ސަގާފީ ތަރިކަ ދައްކުވައިދޭ މިއުޒިއަމްތައް ބިނާކުރުމަށް ގޮވާލައްވައިފި

ދިވެހިރާއްޖޭގެ މުއްސަނދި ސަގާފީ ތަރިކައާއި އާދަކާދަތައް ދައްކުވައިދޭ މިއުޒިއަމްތައް ފަތުރުވެރިކަމުގެ ސިނާއަތުގެ މައި ހަބުތައް ކަމުގައިވާ ރިޒޯޓުތަކުގައި ބިނާކުރުމަކީ ގައުމުގެ އައިޑެންޓިޓީ ރައްކާތެރިކުރުމަށާއި ފަތުރުވެރިކަން ފުޅާކުރުމަށް ކޮންމެހެން ބޭނުންތެރި މުހިންމު ކަމެއް ކަމަށް ފަންނާއި ސަޤާފަތާއި ތަރިކައާބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއެވެ.

ކްރޮސްރޯޑްސް މޯލްޑިވްސްގައި ގާއިމުކޮށްފައިވާ "މޯލްޑިވްސް ޑިސްކަވަރީ ސެންޓަރ" އަށް ކުރެއްވި ޒިޔާރަތެއްގެ ތެރެއިން ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން ވަޒީރު ވަނީ، އަމިއްލަ ފަރާތްތަކުން ހިންގާ ރިޒޯޓުތަކުގައި މިފަދަ ސަގާފީ މަރުކަޒުތައް ގާއިމުކުރުމަށް ބާރުއަޅުއްވާފައެވެ. އަދި އަމިއްލަ ސެކްޓަރުން ބަހާއި، ސަގާފަތާއި، އާދަކާދަތައް ކުރިއެރުވުމަށް ކުރާ މަސައްކަތްތަކަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

ވަޒީރު ހީނާ ވަލީދު ފާހަގަކުރެއްވި ގޮތުގައި، ކްރޮސްރޯޑްސްގައި ހުންނަ މަރުކަޒަކީ ރާއްޖެ އުފެދިގެން އައި ގޮތާއި، ދިވެހިންގެ ކުރީގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި، ކާބަފައިން ބޭނުންކުރި ސަގާފީ ތަކެތީގެ ފުރިހަމަ މައުލޫމާތު ފޯރުކޮށްދޭ ނަމޫނާ މަރުކަޒެކެވެ. މިފަދަ މިއުޒިއަމްތަކުގެ ސަބަބުން ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ދިވެހިންގެ ހަގީގީ ސަގާފަތް ތަޖުރިބާކުރުމުގެ ފުރުސަތު ލިބުމުގެ އިތުރުން، އަންނަން އޮތް ޖީލުތަކާއި ސްކޫލް ކުދިންނަށް ދިވެހި ބަހާއި ތާރީޚަށް ލޯހުޅުވިގެންދާނެއެވެ.

މި މަރުކަޒާ ބެހޭގޮތުން ކްރޮސްރޯޑް މޯލްޑިވްސްއިން ބުނިގޮތުގައި، މިއީ ހަމައެކަނި ބަލާލާފައި ދާނެ ތަނެއް ނޫނެވެ. މިއީ ތައުލީމީ އަދި މުނިފޫހިފިލުވައިދޭ ގޮތަށް ފަރުމާކޮށްފައިވާ، ޒިޔާރަތްކުރާ ފަރާތްތަކާ ފުރިހަމައަށް މުއާމަލާތްކުރެވޭ އާދަޔާޚިލާފު މިއުޒިއަމްއެކެވެ.

ދިވެހި ސަރުކާރުން މިހާރު ވަނީ ތަރިކައިގެ ދާއިރާ ކުރިއެރުވުމަށްޓަކައި ދުރުރާސްތާގެ ތިން ސިޔާސަތެއް އެކަށައަޅާފައެވެ. އެއީ ތަރިކައިގެ ޒަރީއާއިން އާމްދަނީ ހޯދުމާއި، ތަރިކައަކީ ދިވެހީންގެ ދިރިއުޅުމުގެ ތަޖުރިބާގެ ބަޔަކަށް ހެދުމުގެ އިތުރުން، ޒަމާނީ ކުރިއެރުންތަކާއެކު ތަރިކަ މުޅިން ޑިޖިޓަލައިޒް ކުރުމެވެ.

މި ސިޔާސަތުތަކުގެ ދަށުން، ވިޒިޓް މޯލްޑިވްސްއިން ވަނީ ރާއްޖޭގެ ވިޝުއަލް އަދި ސަޤާފީ އުފެއްދުންތަކަށް ޚާއްސަ ގައުމީ ޑިޖިޓަލް މާކެޓްފްލޭސްއެއް ކަމަށްވާ "ކްރިއެޓޯލް" ލޯންޗްކޮށްފައެވެ. މި ޕްލެޓްފޯމަކީ ރާއްޖޭގެ "ކްރިއޭޓިވް އިކޮނޮމީ" ކުރިއަރުވައި، ފޮޓޯގްރާފަރުންނާއި، ފިލްމު އުފައްދާ ފަރާތްތަކާއި، ކޮންޓެންޓް ކްރިއޭޓަރުންނަށް އެމީހުންގެ މަސައްކަތުގެ މިލްކުވެރިކަން ހިމާޔަތްކުރަމުން ދުނިޔޭގެ މާކެޓުގައި އުފެއްދުންތައް ވިއްކައިގެން އާމްދަނީ ހޯދުމަށް ހުޅުވައިދިން މުހިންމު ދޮރެކެވެ. ވަޒީރު ވިދާޅުވި ގޮތުގައި، މިއީ ރާއްޖޭގެ ހަގީގީ ވާހަކަތައް އިތުބާރު ހުރި ގޮތެއްގައި ދުނިޔެއަށް ބުނެދިނުމަށާއި ގައުމު އިޝްތިހާރުކުރުމަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.

ހިއްސާ ކުރައްވާ!