ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުން ހިއްސާވާ ގޮތަށް ސަރުކާރުން ތަރައްގީކުރާ "ރިސޯޓް ހިއްސާ" މަޝްރޫއުގެ ދަށުން، ފަތުރުވެރިކަމަށް ކަނޑައަޅާނެ ރަށްތަކާއި ފަޅުތައް ދެނެގަތުމުގެ ފަހުގެ މަރުހަލާ ކުރިއަށްދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބަޔާންކުރައްވައިފިއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، މި ޝަރަފުވެރި މަޝްރޫއަށް އެންމެ އެކަށީގެންވާ ރަށްތަކާއި ފަޅުތައް ކަނޑައެޅުމުގެ މަސައްކަތް މިނިސްޓްރީ އޮފް ފިނޭންސް ހިމެނޭހެން ޚާއްޞަ ކޮމެޓީއަކުން ބާރަށް ކުރިއަށްގެންދާ ކަމަށެވެ. އަދި އެ ތަންތަން ބެލުމުގެ މަސައްކަތް މިހާރު ވަނީ ނިމުމަކާ ގާތްވެފައި ކަމަށާއި، މި މަޝްރޫއު ކުރިއަށްދަނީ ރޭވިފައިވާ ތާވަލާ އެއްގޮތަށް ކަމަށް އެމަނިކުފާނު ކަށަވަރުކޮށްދެއްވިއެވެ.
މި އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ޑރ. މުއިއްޒު ފުރަތަމަ ފަހަރަށް އިއުލާންކުރެއްވި މި މަޝްރޫއުގެ ދަށުން، ސަރުކާރުގެ ކުންފުންޏެއް މެދުވެރިކޮށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި މަދުވެގެން 10 ރިސޯޓް ތަރައްގީކުރާނެއެވެ. އަދި އެ ރިސޯޓްތަކުން ލިބޭ ބޮޑު ފައިދާ، އެއްވެސް ރައްޔިތަކު ބާކީނުކޮށް، ކޮންމެ ދިވެއްސެއްގެ ބޭންކު އެކައުންޓަށް އަހަރަކު އެއްފަހަރު ޑޮލަރުން ހަމަހަމަކަމާއެކު ޖަމާކޮށްދޭނެއެވެ.
ރައީސް ވިދާޅުވި ގޮތުގައި، 2030 ވަނަ އަހަރުން ފެށިގެން މި ހިއްސާގެ ފައިދާ ރައްޔިތުންނަށް ލިބެން ފަށާއިރު، ކޮންމެ ދިވެއްސަކަށް އަހަރަކު މަދުވެގެން 400 ޑޮލަރު ލިބޭނެއެވެ. ރައީސް ވަނީ މިއިން އާއިލާތަކުގެ އިގްތިސާދަށް އަންނާނެ ބޮޑު ބަދަލުގެ މިސާލެއްވެސް ދައްކަވާފައެވެ. އެގޮތުން، 5 މެންބަރުން ތިބޭ އާއިލާއެއްގެ ކޮންމެ މެންބަރަކީ 10 ރިސޯޓުގެ ހިއްސާދާރަކަށް ވުމުގެ އިތުރުން، އެ އާއިލާއަކަށް އަހަރަކު މަދުވެގެން 2,000 އެމެރިކާ ޑޮލަރުގެ ސާފު އާމްދަނީއެއް ޑޮލަރުން ލިބިގެންދާނެއެވެ.
މި މަޝްރޫއުގެ ދަށުން ރަށްތަކާއި ފަޅުތައް ކަނޑައަޅައި ނިމުމުން، ދެން އޮންނަ މަރުހަލާތައް ކުރިއަށްގެންދާނީ ސަރުކާރުން ކަނޑައަޅާ ޚާއްޞަ ކުންފުންޏެއްގެ ދަށުންނެވެ. ރައީސް ޑރ. މުއިއްޒު އިތުރަށް ވިދާޅުވީ، ސަރުކާރުގެ ސިޔާސަތަކީ ފަތުރުވެރިކަން ފުޅާކުރުމުގެ ގޮތުން މިހާރު ރިސޯޓުތައް ނެތް ސަރަހައްދުތަކަށް އިސްކަންދީގެން މި ރިސޯޓުތައް ބިނާކުރުން ކަމަށެވެ.




