މަސްވެރިކަމާ ބެހޭ ވުޒާރާއިން ރާއްޖޭގެ މަސް ރައްކާކުރާ ކެޕޭސިޓީ 10،900 ޓަނުން އިތުރުކުރުމުގެ ބޮޑު މަޝްރޫއެއް އިއުލާނުކޮށްފިއެވެ. މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ މަސްވެރިކަމުގެ ސިނާއަތަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުން ކަމުގައިވާ، މަސްވެރިކަން ރަނގަޅު ދުވަސްވަރު މަސްތައް ގިނަ ދުވަހު ތާޒާކޮށް ރައްކާކޮށްފައި ބެހެއްޓުމުގެ ދަތިކަން ހައްލުކުރުމެވެ.
އިންޑިއާގެ އެގްޒިމް ބޭންކާއި، ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓް އަދި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް ފަދަ ބައިނަލްއަގްވާމީ މާލީ އިދާރާތަކުގެ އެހީގައި ހިންގާ މި މަޝްރޫއު ރާއްޖޭގެ ހަތް ރަށެއްގައި ކުރިއަށްދެއެވެ. މި މަޝްރޫއުގެ ސްޓްރެޓެޖިކް އަމާޒަކީ، ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ދަށް ދުވަސްވަރު މަސްތައް ރައްކާކޮށް، އަގު ބޮޑުވާ ދުވަސްވަރު އެކްސްޕޯޓްކުރުމުގެ ފުރުސަތު މަސްވެރި ކުންފުނިތަކަށް ހޯދައިދިނުމެވެ. މީގެ ސަބަބުން މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރުވެގެންދާނެއެވެ.
މި މަޝްރޫއުގެ މައުލޫމާތުތަކަށް ބަލާއިރު، މަސައްކަތްތައް ކުރިއަށްދާ ގޮތް:
2026 ވަނަ އަހަރު ނިމޭނެ ފެސިލިޓީތައް:
- •
ފެލިވަރު: 4،000 ޓަނުގެ މި ފެސިލިޓީގެ މަސައްކަތުގެ 78 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. - •
ކޫއްޑޫ: 4،000 ޓަނުގެ މި ފެސިލިޓީގެ މަސައްކަތުގެ 25 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. - •
ގދ. ތިނަދޫ: 1،000 ޓަނުގެ މި ފެސިލިޓީގެ މަސައްކަތުގެ 75 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. - •
މ. މުލަކު: 500 ޓަނުގެ މި ފެސިލިޓީގެ މަސައްކަތުގެ 20 އިންސައްތަ މިހާރު ވަނީ ނިމިފައެވެ.
2027 ވަނަ އަހަރު ނިމޭނެ ފެސިލިޓީތައް:
- •
ހއ. އިހަވަންދޫ: 1،000 ޓަނުގެ މި ފެސިލިޓީގެ އަމަލީ މަސައްކަތް ފެށިފައިވާއިރު، މިހާތަނަށް ނިމިފައިވަނީ 2 އިންސައްތައެވެ. - •
ކަނޑުއޮތްގިރި: 200 ޓަނުގެ މި ހާއްސަ ފެސިލިޓީގެ މަސައްކަތުގެ 10 އިންސައްތަ ނިމިފައިވެއެވެ.
2027/2028 ގައި ނިމޭނެ ފެސިލިޓީ:
- •
ތ. ހިރިލަންދޫ: 200 ޓަނުގެ މި ފެސިލިޓީގެ މަސައްކަތުގެ 5 އިންސައްތަ ނިމިފައިވާއިރު، 2027 ވަނަ އަހަރު ނިންމުމަށް ވަނީ ހަމަޖެހިފައެވެ.
މި ފެސިލިޓީތަކާއެކު ރާއްޖޭގައި ކަނޑުމަސް ގަނޑުކުރުމުގެ ގާބިލުކަން އެތައް ގުނައަކުން އިތުރުވެގެންދާނެއެވެ. މަސްތައް ހަލާކުވުމުގެ ކުރިން އަގު ހެޔޮކޮށް ބޭރުގެ ބާޒާރުތަކަށް ވިއްކާލަން ޖެހޭ ޖެހުން ނިމުމަކަށް އައިސް، ދައުލަތަށާއި އަމިއްލަ ކުންފުނިތަކަށް ސަޕްލައި ޗޭން ފުރިހަމައަށް މެނޭޖުކޮށް، އެކްސްޕޯޓުން ލިބޭ އާމްދަނީ އެންމެ މަތީ ދަރަޖައަކަށް ގެންދެވޭނެއެވެ.





