ޢިރާޤުގެ ކޮރަޕްޝަން ހުއްޓުވުމަށް އެ ޤައުމުގެ ސަރުކާރުން ފަށާފައިވާ ވަރުގަދަ އޮޕަރޭޝަނުގެ ތެރެއިން، ކޮރަޕްޝަނުގެ މައްސަލަތަކުގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ އަތުން ގިނަ އަދަދެއްގެ ފައިސާ ފެނިއްޖެއެވެ. ޢިރާޤުގެ ސްޕްރީމް ޖުޑީޝަލް ކައުންސިލުން ހާމަކުރި ގޮތުގައި، ޕެޓްރޯލިއަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޢަލީ މުޢާރިޖާ ގުޅޭ ތަހުގީގުތަކުގެ ތެރެއިން 11 މިލިއަން ޑޮލަރާއި 4 ބިލިއަން ޢިރާޤީ ދީނާރު (ގާތްގަނޑަކަށް 3 މިލިއަން ޑޮލަރު) ވަނީ ހިފަހައްޓާފައެވެ. މީގެ އިތުރުން، އޭނާގެ ނަމުގައި ހުރި ގިނަ ޢަދަދެއްގެ ޢިމާރާތްތަކާއި ބިންތައް ވެސް ކަމާބެހޭ ފަރާތްތަކުން ވަނީ ދެނެގަނެފައެވެ.
މި ކޮރަޕްޝަން މައްސަލަތަކާ ގުޅިގެން މިހާތަނަށް 67 މީހަކު ހައްޔަރުކޮށްފައިވެއެވެ. އޭގެ ތެރޭގައި ޤާނޫނު ހަދާ މަޖިލީހުގެ ގިނަ އަދަދެއްގެ މެމްބަރުންނާއި، އިސް މަޤާމުތަކުގައި ތިއްބެވި އޮފިޝަލުން ހިމެނެއެވެ. މި ހައްޔަރުކުރެވުނު މީހުންގެ ތެރޭގައި ޢަޒްމް ކޯލިޝަންގެ ރައީސް މުސައްނާ އައްސާމައްރާއީ، ޢާލިޔާ ނަސީފް، އަދި މުހައްމަދު ކަރްބޫލީ ފަދަ ސިޔާސީ ގޮތުން ނުފޫޒުގަދަ ބޭފުޅުން ހިމެނެއެވެ.
ޢިރާޤުގެ ބޮޑުވަޒީރު ޢަލީ އައްޒައިދީ ވިދާޅުވި ގޮތުގައި، މިހާރު މި ހިންގާ އޮޕަރޭޝަނަކީ ކޮރަޕްޝަނާ ދެކޮޅަށް ފެށުނު ފުރަތަމަ މަރުހަލާއެވެ. އަދި ޤައުމުގެ ފައިސާ ހިމާޔަތްކުރުމަށްޓަކައި އެއްވެސް ފަރާތަކަށް މައާފެއް ނުދޭނެ ކަމަށާއި، މި ކަމުގައި އެއްވެސް ފަސްޖެހުމެއް ނެތި ކުރިއަށް ދާނެ ކަމަށް އޭނާ ވައުދުވެވަޑައިގެންނެވިއެވެ.
މި އޮޕަރޭޝަނުގެ ތެރެއިން ޢިރާޤުގެ ވެރިރަށް ބަޣުދާދުގެ "ގްރީން ޒޯން" އާއި އެހެނިހެން ސަރަހައްދުތަކުގައި ސަލާމަތީ ބާރުތަކުން ވަނީ ވަރުގަދަ ރެއިޑްތަކެއް ހިންގާފައެވެ. އަދި ކޮރަޕްޝަން މެދުވެރިކޮށް ހޯދާފައިވާ ފައިސާތައް އަނބުރާ ދައުލަތަށް ހޯދުމަށްޓަކައި ޚާއްސަ ބޭންކް އެކައުންޓެއް ހުޅުވުމަށް ވެސް ބޮޑުވަޒީރު ވަނީ ފިނޭންސް މިނިސްޓްރީއަށް އަންގަވާފައެވެ.





