ތ. ގުރައިދޫ އެއާޕޯޓަށް ހިއްކި ސަރަހައްދުތައް ހިލަޖެހުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

ތ. ގުރައިދޫގައި ސަރަހައްދީ އެއާޕޯޓެއް އެޅުމަށްޓަކައި ހިއްކާފައިވާ ބިން ހިމާޔަތްކުރުމަށް، ގިރާ ސަރަހައްދުތަކުގައި ބޮޑެތި ހިލަ ޖެހުމުގެ އަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން  ކުރިއަށްގެންދަން ފަށައިފިއެވެ. އެއާޕޯޓުގެ އުމްރާނީ ބިންގާ ސަލާމަތްކުރުމަށް ހިންގާ މި މަޝްރޫއުގެ ދަށުން، މިހާރު ކުރިއަށްދަނީ އަތިރީގެ ވަށައިގެން ހިލަ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތްތަކެވެ. އެމްޓީސީސީން ހާމަކުރި ގޮތުގައި، މި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ބޭނުންވާ 17 ހާސް ޓަނުގެ ހިލަ މިހާރު ވަނީ އެ ރަށުގެ މަސައްކަތު ސައިޓަށް ބާލާފައެވެ.

ޖުމްލަ 106.2 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގާ މި މަޝްރޫއުގެ ދަށުން، އެއާޕޯޓުގެ ރަންވޭއާއި ޓާމިނަލް އެޅުމަށްޓަކައި ފަރުގެ ތެރެއިން 13.80 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ ހިއްކާ ނިންމާފައެވެ. މި ހިއްކި ބިން ހިމާޔަތްކުރުމަށްޓަކައި 979 ސަރަހައްދެއްގައި ހިލަ ރިވެޓްމެންޓް ޖެހުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ބާރުގަދަ އޮއިވަރު ހުންނަ ދިމާތަކުން ބިންގަނޑު ދެމިގެންދިޔުން ހުއްޓުވުމަށްޓަކައި 609 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތްވެސް މި މަޝްރޫއުގެ ތެރެއިން ކުރިއަށްދާނެއެވެ.

ދެ ހާހަށްވުރެ ބޮޑު އާބާދީއެއް އޮންނަ ތ. ގުރައިދޫއަކީ އެ އަތޮޅުގެ ވިޔަފާރިއާއި އިގްތިސާދުގެ މައި މަރުކަޒެވެ. މަސްވެރިކަމާއި ދަނޑުވެރިކަމުގެ އިތުރުން ފަތުރުވެރިކަމުގެ ވަޒީފާތަކުން އާމްދަނީ ހޯދާ ގިނަ ބަޔަކު ދިރިއުޅޭ މި ރަށުގައި އެއާޕޯޓެއް ގާއިމުވުމަކީ ދަތުރުފަތުރުގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމެކެވެ. މި އެއާޕޯޓުގެ ސަބަބުން ރަށާއި އަތޮޅުގެ ގެސްޓްހައުސް ވިޔަފާރި ވަރަށް ބޮޑަށް ފުޅާވެ، ދިގު މުއްދަތަކަށް ރަށުގެ ޒުވާނުންނަށް ވަޒީފާގެ އައު ފުރުސަތުތަކެއް ހުޅުވިގެންދާނެއެވެ.

ހިއްސާ ކުރައްވާ!