1983 ވަނަ އަހަރުގެ ޖުލައި މަހު "ދަ ކްލޭޝް އޮފް ލޯޔަލްޓީސް" (The Clash of Loyalties) ނުވަތަ "އަލްމަސްއަލަތުލް ކުބްރާ"ގެ ނަމުގައި ފިލްމެއް ފުރަތަމަ ފަހަރަށް ދައްކާލިއެވެ. އެއީ އެ ފިލްމު ދެއްކި މަދު ފަހަރުތަކުގެ ތެރެއިން އެއް ފަހަރެވެ. 2020 ވަނަ އަހަރު ބީބީސީއަށް ދިން ބަސްދީގަތުމެއްގައި އެ ފިލްމުގެ ޕްރޮޑިއުސަރު ލަތީފް ޖަރީފާނީ ވަނީ، އެ ފިލްމު އުފެއްދުމުގައި ދިމާވި ބިރުވެރި ހާދިސާތަކާއި، މީހުން މަޖުބޫރުން ފިލްމަށް ލުމާއި، އަދި ފިލްމުގެ މައި ތަރި އޮލިވާ ރީޑް ބަނގުރާ ބޮއެގެން ހިންގި ހުތުރު އަމަލުތަކުގެ ސަބަބުން ފިލްމު ހުއްޓެން ދިޔަ ގޮތުގެ ވާހަކަތައް ކިޔައިދީފައެވެ.
1980 ވަނަ އަހަރު އީރާނާއި ޢިރާޤާ ދެމެދު ހަނގުރާމަ ފެށުނުއިރު، ބަޣުދާދު ކައިރީގައި ފިލްމުގެ ޝޫޓިން ފެށިތާ ހަފުތާތަކެއް ވެސް ނުވެއެވެ. މިއީ ހަމައެކަނި ފިލްމުގެ މައްސަލައެއް ނޫނެވެ. ފިލްމުގެ ކްރޫ މެންބަރުން ހަނގުރާމައަށް ދާންޖެހުމާއި، ހަނގުރާމައިގެ ބޭނުންތަކަށް ޖެހި ޝޫޓިންތައް މެދުކެނޑުން ފަދަ އެތައް މައްސަލަތަކެއް ކުރިމަތިވިއެވެ.
ތުރުކީ ބޯޑަރުން ފިލްމަށް ބޭނުންވާ ހަތިޔާރުތައް ގެންދިއުމުގެ ތެރޭގައި، އެއީ ހަގީގީ ހަތިޔާރު ކަމަށް ހީކޮށް ތުރުކީގެ ކަސްޓަމުން އެތަކެތި ހިފެހެއްޓިއެވެ. ފިލްމުގެ ޕްރޮޑިއުސަރު ޖަރީފާނީ ބުނާ ގޮތުގައި އެއީ ހަމައެކަނި ފިލްމަށް ބޭނުންކުރާ ސާމާނު ކަމަށް ވިސްނައިދިނުންވީ ބޮޑު ކަމަކަށެވެ.
ފިލްމުގެ މައި ތަރި އޮލިވާ ރީޑް ބަނގުރާ ބޮއެގެން ހޮޓަލެއްގެ ރެސްޓޯރަންޓެއްގައި ހިންގި އަމަލަކީ ޢިރާޤުގެ އޮފިޝަލުން އިންތިހާއަށް ރުޅި އައި ކަމެކެވެ. އޭނާ ބަނގުރާ ފުޅިއަކަށް ކުޑަކަމުދިޔުމަށްފަހު، އެ ފުޅި އެހެން މޭޒެއްގައި އިން ބަޔަކަށް ދިނުމަށް ވެއިޓަރު ގާތު ބުންޏެވެ. މިކަމާ ގުޅިގެން ޢިރާޤުގެ މިނިސްޓަރުން ޖަރީފާނީއަށް ފޮނުވި މެސެޖުތަކުގައި "މި މީހާ މިތަނުން ބޭރުކުރޭ" ކަމަށް އެންގިއެވެ. ނަމަވެސް 30 މިލިއަން ޑޮލަރުގެ (މިއަދުގެ އަގުން 100 މިލިއަން ޑޮލަރު) ފިލްމެއްގެ މެދުތެރެއިން މައި ތަރި ބަދަލުކުރުމަކީ ވާނެ ކަމެއް ނޫން ކަމުން، ޖަރީފާނީ ވަނީ އެކަން ހުއްޓުވާފައެވެ.
ޞައްދާމް ޙުސައިން ވެރިކަމަށް ވަޑައިގަތުމަށްފަހު، ޢިރާޤަކީ ފިލްމު އުފެއްދުމުގެ ބައިނަލްއަޤްވާމީ މަރުކަޒަކަށް ހަދަން ބޭނުންވިއެވެ. އޭނާގެ ހުވަފެނަކީ ބަޣުދާދަކީ ދިޖުލާއާއި ފުރާތު ކޯރުގެ "ދެ ކޯރުގެ މެދުގައި އޮތް ބޮލީވުޑް" ކަމަށް ހެދުމެވެ. މި ފިލްމަކީ 1920 ގައި އިނގިރޭސިންގެ އިސްތިއުމާރާ ދެކޮޅަށް ޢިރާޤުގެ ރައްޔިތުން ކުރި ހަނގުރާމައިގެ މައްޗަށް އުފެއްދި، ޞައްދާމްގެ "ލޯރެންސް އޮފް އަރޭބިއާ" ފަދަ ބޮޑު ފިލްމެކެވެ.
ޝޫޓިން ކުރިއަށް ދިޔައިރު ވެސް، ޢިރާޤުގެ ވައިގެ ސަރަހައްދަށް ވަންނަ މަތިންދާ ބޯޓުތަކަށް ހަމަލާދޭނެތީ ބޯޓުތައް ދަތުރުކުރަނީ އަލި ނުނިއްވައެވެ. ފިލްމުގައި ބޭނުންކުރި ރޭލެއް ގޮއްވާލި މަންޒަރު ޝޫޓް ކުރުމުން، އެއީ ޢިރާޤުގެ ރޭލެއް ކަމަށް ހީކޮށް އީރާނުގެ މީޑިއާއިން އެއީ އެމީހުން ދިން ހަމަލާއެއް ކަމަށް ބުނެ ދޮގު ޚަބަރު ވެސް ފެތުރިއެވެ.
ފިލްމު ނިމުމަށްފަހު، ޞައްދާމްގެ ވެރިކަން ވެއްޓެންދެން ވެސް މި ފިލްމު ދައްކާފައިވަނީ މަދު ފަހަރަކުއެވެ. ޖަރީފާނީ ބުނާ ގޮތުގައި، ޢިރާޤުގެ ރައްޔިތުން އުއްމީދުކުރި ގޮތަށް ކަންތައް ވީނަމަ، މިފަދަ ހަ ފިލްމު ނުވަތަ ހަތް ފިލްމު އެމީހުން އުފެއްދީސްކަމަށެވެ. ނަމަވެސް އެތައް އަހަރެއްގެ ހަނގުރާމައާއި ބޮން އެޅުމާއި، ޤައުމު ހަލާކުވެގެން ދިއުމުގެ ކުރިމަތީގައި ފިލްމީ ސިނާއަތް ހަލާކު ވެގެން ދިޔައީއެވެ.
![]()




