އިންޑިއާ އާއި ޖަޕާނާ ދެމެދު އޮންނަ "ސްޕެޝަލް ސްޓްރެޓީޖިކް އެންޑް ގްލޯބަލް ޕާޓްނަރޝިޕް" ގެ ގުޅުން ބަދަހިކުރުމަށްޓަކައި 16 ނުކުތާގެ މުހިންމު މަގުޗާޓެއް، 16 ވަނަ އިންޑިއާ-ޖަޕާން އެނުއަލް ސަމިޓުގައި ބުރާސްފަތި ދުވަހު އިޢުލާންކޮށްފިއެވެ.
އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ބޭއްވި މި ސަމިޓުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއި ޖަޕާނުގެ ބޮޑުވަޒީރު ސަނައޭ ތަކައިޗީ ވަނީ އިގްތިސާދީ ސަލާމަތްތެރިކަމާއި، އާޓިފިޝަލް އިންޓެލިޖެންސް އަދި ހަކަތައިގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ބެހޭ ތިން މުހިންމު ސިޔާސީ ލިޔުމެއްގައި ސޮއިކުރައްވާފައެވެ. މީގެ އިތުރުން ބެޓެރީ، ބޭސްވެރިކަން، މުހިންމު މިނަރަލްތައް އަދި ޑިޖިޓަލް ޓެކްނޮލޮޖީގެ ދާއިރާއިން ވެސް ގިނަ އެއްބަސްވުންތަކެއް ވަނީ އެކުލަވާލާފައެވެ.
އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒްއިން ހާމަކުރި ގޮތުގައި، ދެގައުމުން ސޮއިކުރި އިގްތިސާދީ ސަލާމަތްތެރިކަމާ ބެހޭ ގުޅިފައިވާ ބަޔާނުގައި 5 ދާއިރާއަކަށް ޚާއްޞަ އިސްކަމެއް ދީފައިވެއެވެ. އޭގެ ތެރޭގައި ސެމީކޮންޑަކްޓާ، މުހިންމު މިނަރަލްތައް، އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ސާފު ހަކަތަ އަދި ބޭސްވެރިކަން ހިމެނެއެވެ.
ދުނިޔޭގެ ސަޕްލައި ޗެއިންތަކަށް ބުރޫއަރާ ފަދަ ގޮތްގޮތަށް ބައެއް ގައުމުތަކުން އިގްތިސާދީ ނުފޫޒު ފޯރުވުމާއި، ބޭނުންހާ ގޮތަކަށް އެކްސްޕޯޓް މަނާކުރުން ފަދަ އަމަލުތަކާ މެދު ދެގައުމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
-
ސެމީކޮންޑަކްޓާ: އިންޑިއާގެ "ސެމީކޮންޑަކްޓާ މިޝަން 2.0″ ގައި ޖަޕާނުގެ ކުންފުނިތަކުގެ ބައިވެރިވުން އިތުރުކޮށް، ދިރާސާކުރުމާއި އުފެއްދުންތެރިކަން ފުޅާކުރުން.
-
މުހިންމު މިނަރަލްތައް: އިންޑިއާގެ ޖިއޮލޮޖިކަލް ސާވޭ އާއި ޖަޕާނުގެ ޖޮގްމެކް ގުޅިގެން މަސައްކަތްކުރުމާއި، އީ-ވޭސްޓްގެ އިލެކްޓްރޯނިކް ކުނި ރިސައިކަލްކޮށްގެން މިނަރަލްތައް ހޯދުމުގެ ނިޒާމެއް ގާއިމުކުރުން.
-
ޓެލެކޮމިއުނިކޭޝަން: 5G އެޑްވާންސްޑް، އޯޕަން ރޭން ، ސަބްމެރިން ކޭބަލް، އަދި ކުރިއަށް އޮތް 6ޖީ ޓެކްނޮލޮޖީއަށް ދެގައުމުން އެކުގައި މަސައްކަތްކުރުން.
އިންޑިއާ އާއި ޖަޕާނުން ވަނީ އޭއައިގެ ދާއިރާގެ ގުޅުން، ސްޓްރެޓީޖިކް ރިސާޗް އެންޑް ޑިވެލޮޕްމަންޓް ޕާޓްނަރޝިޕަކަށް ބަދަލުކޮށްފައެވެ. މިގޮތުން އިންޑިއާގެ އައިއައިޓީ ބޮމްބޭގެ ބާރަތުޖެން ޓެކްނޮލޮޖީ ފައުންޑޭޝަނާއި ޖަޕާނުގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އިންފޯމެޓިކްސް ގުޅިގެން ގިނަ ބަސްބަހުން މަސައްކަތްކުރާ ސައިންޓިފިކް ލާޖް ލޭންގުއޭޖް މޮޑެލްތައް އުފެއްދުމަށް ވަނީ އެއްބަސްވެފައެވެ.
އޭއައި ހުނަރުވެރިން ޖަޕާނަށް: އިންޑިއާގައި ހުރި އޭއައިގެ ހުނަރުވެރިކަން ބަލައިގަނެ، 2030 ވަނަ އަހަރުގެ ނިޔަލަށް އިންޑިއާގެ 500 މަތީ ފަންތީގެ އޭއައި ޕްރޮފެޝަނަލުން ޖަޕާނަށް ގެންގޮސް، ވަޒީފާ އާއި ރިސާޗްގެ ފުރުސަތުތައް ހޯދުމުގެ ލަނޑުދަނޑި ދެގައުމުން ވަނީ އަލުން ކަށަވަރުކޮށްފައެވެ.
ހަކަތައިގެ ދާއިރާއިން ދެގައުމުން ވަނީ ތެޔޮ ރައްކާކުރާނެ ނިޒާމުތަކާއި ކަނޑުމަގުން ހަކަތަ އުފުލުމުގެ ރައްކާތެރިކަމާ ބެހޭ ގޮތުން އެއްބަސްވުންތަކެއްލާފައެވެ.
މި ސަމިޓުގައި "އިންޑިއާ-ޖަޕާން ކޯޕަރޭޓިވް ބަޔޯގޭސް ފޯ ގްރޯތް އިނިޝިއޭޓިވް" ވަނީ އިފްތިތާހުކޮށްފައެވެ. މި މަޝްރޫއުގެ ދަށުން ޖަޕާނުގެ އެހީތެރިކަމާއެކު އިންޑިއާގެ އެކި ކަންކޮޅުތަކުގައި 1,000 ބަޔޯގޭސް އަދި ގުދުރަތީ ކާދު އުފައްދާ ކާރުޚާނާ ގާއިމުކުރެވޭނެއެވެ. މީގެ އިތުރުން، އޮޑިޝާގައި ހިންގާ ކްލީން އެމޯނިއާ މަޝްރޫއު ފަދަ ހައިޑްރޮޖަން އަދި އެމޯނިއާގެ ތިމާވެއްޓާ ރައްޓެހި މަޝްރޫއުތައް ކުރިއަށްގެންދިއުމަށް ވެސް ވަނީ ނިންމާފައެވެ.
ސަމިޓް ނިންމާލަމުން ދެގައުމުން ވަނީ ދަތުރުފަތުރާއި އިންފްރާސްޓްރަކްޗާ ކުރިއެރުވުމަށްޓަކައި "ނެކްސްޓް ޖެނެރޭޝަން މޮބިލިޓީ ޕާޓްނަރޝިޕް" އެއްވެސް އުފައްދާފައެވެ. މީގެ ދަށުން ރޭލުވޭ، ވައިގެ ދަތުރުފަތުރު، އަދި ކަނޑުބޯޓު ބަނުމުގެ ދާއިރާއިން އިންޑިއާގެ ގާބިލުކަން އިތުރުކުރުމަށް ޖަޕާނުން އެހީތެރިވާނެއެވެ.






