ރާއްޖޭގައި އިންތިހާއަށް ބޮޑުވެފައިވާ މަސްތުވާތަކެތީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި، އިސްލާމީ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން "ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން" ނިޒާމެއް ގާއިމުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
"ދަ ޕަލްސް" ޕޮޑްކާސްޓުގެ ތިން ވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ފާހަގަކުރެއްވި ގޮތުގައި، މިހާރު އޮތް ރިހެބިލިޓޭޝަން ނިޒާމަކީ ދެކޮޅު ޖެހޭ ނިޒާމެއް ނޫނެވެ. އެމަނިކުފާނު ވިދާޅުވީ، "މިއަދު ރިހެބިލިޓޭޓުކޮށްގެން ނިކުންނަ ކުއްޖާ މާދަމާ އަނެއްކާ މަސްތުވާތަކެތި ބޭނުންކޮށްގެން ބަންދުކުރުމަކީ ދެކޮޅުޖެހޭ ގޮތެއް ނޫން" ކަމަށެވެ.
"މި ގައުމަކީ އިސްލާމްދީނުގެ ހިދާޔަތުގެ މަތީގައި އޮތް ގައުމެއްވީމަ އަޅުގަނޑުމެންގެ އަސާސަކަށް ވާންވާނީ އިސްލާމީ އުސޫލުތަކުގެ މަތިން ދީނީ ކަންކަމަށް ލޯބިކުރާ، ދީނުގައި އޮތް ގޮތް ގަބޫލުކުރާ، މި ނުރަނގަޅު އާދައިން ސަލާމަތްވުމަށް އަޒުމު ކަނޑައަޅާ ރިހެބިލިޓޭޝަން ނިޒާމެއް، އަޅުގަނޑުމެން ބޭނުންވަނީ އިސްލާމީ އުސޫލުތަކަށް ތަބާވާ ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ނިޒާމެއް،" ރައީސް
މަސްތުވާތަކެތީގެ މައްސަލައަކީ ހަމައެކަނި ފަރުވާދީގެން ހައްލުކުރެވޭނެ ކަމެއް ނޫންކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ މިކަމުގެ ފަހަތުގައިވާ އަސްލު ސަބަބުތައް ދެނެގަނެ، އެކަންކަމަށް ފަރުވާދޭން ޖެހޭ ކަމަށެވެ. އެމަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި، ބޯހިޔާވަހިކަމުގެ ދަތިކަމާއި، ވަޒީފާގެ ފުރުސަތުތައް މަދުވުމާއި، އިގުތިސާދީ ގޮންޖެހުންތަކަކީ ޒުވާނުން މި ނުރައްކާތެރި ވަބާގެ ތެރެއަށް ވެއްޓޭ މައިގަނޑު ސަބަބުތަކެވެ.
"މަތިމަތިން ކަމެއް ކޮށްލައިގެން މިކަން ހައްލު ނުކުރެވޭނެ. ސަރުކާރުން މިކަމުގެ ރޫޓްކޯޒްތަކަށް އެޑްރެސްކުރަނީ މާނަހުރި ގޮތެއްގައި، އެކަންކަމުން ހަގީގީ ބަދަލު އަންނާނެގޮތަށް،" ރައީސް ވިދާޅުވި އެވެ.
މި މަސައްކަތުގެ ދަށުން، ކުށްކުރާ ޒުވާނުން އަނބުރާ މުޖުތަމައަށް ގެނައުމަށްޓަކައި، މާލޭގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ އިތުރުން އުތުރުތިލަފަޅުން ހާއްސަ ސަރަހައްދެއް ކަނޑައަޅައިގެން މި މަސައްކަތް ކުރުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.
"އަމިއްލަ ބާރުވެރިކަން ފޯރުކޮށްދިނުމުގެ ކަންކަމާއި އަންހެން ބޭފުޅުންނަށް ގޭގައި ތިބެގެން އާމުދަނީ ހޯދޭނެފަދަ އެކިކަހަލަ ފުރުސަތުތައް ހޯދައިދިނުމާއި ރަނގަޅު ދުޅަހެޔޮ ސިއްހީ ނިޒާމެއް ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތާއި އެކަށީގެންވާ ތައުލީމީ ފުރުސަތުތައް އިތުރު ކުރުމަށް ކުރާ މަސައްކަތް ވެސް ގުޅިފައިވަނީ މަސްތުވާތަކެތީގެ ތެރެއަށް ނުވަތަ ކުށްކުރުމުގެ ތެރެއަށް ޒުވާނުން ވަންނަ ރޫޓްކޯޒްތަކާކަން" ރައީސް
ރައީސް ވިދާޅުވި ގޮތުގައި، މިއީ ޚަރަދު ބޮޑު މަޝްރޫއެއް ކަމުގައިވިނަމަވެސް، މިކަމަށް ހުށަހެޅިފައިވާ ޕްރޮޕޯޒަލްތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. އަދި މި ދައުރުގެ ތެރޭގައި މި މަސައްކަތުގެ ނަތީޖާ ރައްޔިތުންނަށް ފެނިގެންދާނެ ކަމަށް ރައީސް ޔަގީންކަން ދެއްވި އެވެ.




