ސިވިލް ސާވިސް މުވައްޒަފުންނަށް ލުޔެއް: ގަޑިޖެހުން ހައްލުކުރަން 30 މިނެޓުގެ "ބަފާ ޓައިމް" ތައާރަފުކޮށްފި

ސިވިލް ސާވިސްގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދިމާވާ ހާއްސަ ހާލަތްތަކުގައި އޮފީހަށް ހާޒިރުވުން ލަސްވިޔަސް، ގަޑިޖެހުނު ކަމަށް ނުބަލައި މަސައްކަތުގެ ގަޑި އެޖަސްޓުކުރެވޭނެ އާ އުސޫލެއް ސިވިލް ސާވިސް ގަވައިދަށް ގެނައި އިސްލާހާއެކު ތައާރަފުކޮށްފިއެވެ. މި އިސްލާހުގެ ދަށުން، ކޮންމެ މުވައްޒަފަކަށް ވެސް ރަސްމީ މަސައްކަތު ގަޑީގެ ފެށުމުން 30 މިނެޓުގެ ވަގުތެއް ލިބޭނެއެވެ. މިއީ މުވައްޒަފަކަށް ދިމާވާ ހާއްސަ ހާލަތެއްގައި އިތުރު ހުއްދައަކާ ނުލައި ވަގުތު އެޖަސްޓުކުރުމަށް ދެވޭ ލުޔެކެވެ.

އާ ގަވައިދުގައިވާ ގޮތުން، މި 30 މިނެޓުގެ ބޭނުން ހިފާނަމަ، އެކަމުގެ ސަބަބު ބަޔާންކޮށް އޮފީހުގެ އެޗްއާރް ސެކްޝަނަށް އަންގަން ޖެހޭނެއެވެ. މި ވަގުތުގެ ބޭނުންކޮށްގެން ހާޒިރުވާ މުވައްޒަފުން، އެ ދުވަހަކު އޮފީހުގައި މަސައްކަތްކުރަން ޖެހޭ ޖުމްލަ ވަގުތު ހަމަކުރުމަށްޓަކައި، އޮފީސް ނިމޭ ވަގުތު ލަސްކުރަން ޖެހޭނެއެވެ.

އެގޮތުން ރަސްމީކޮށް އޮފީހަށް ހާޒިރުވާން ޖެހޭ ގަޑިއަކީ ހެނދުނު 8:00 ކަމަށްވެފައި، މުވައްޒަފު 8:20 ގައި ހާޒިރުވެއްޖެނަމަ، އެ މުވައްޒަފުގެ މަސައްކަތު ގަޑި ހަމަވާނީ 20 މިނެޓު ފަހުން، ނުވަތަ މެންދުރު 2:20 ގައެވެ.

ސިވިލް ސާވިސް ކޮމިޝަނުން މި ލުއި ދިން ނަމަވެސް، މި 30 މިނެޓުގެ މުއްދަތު ހަމަވުމަށްފަހު އޮފީހަށް ހާޒިރުވާ މުވައްޒަފުންނާމެދު އަމަލުކުރާނީ ކުރިއެކޭ އެއްގޮތަށް "ގަޑިޖެހުނު" ކަމަށް ބަލައިގެންނެވެ. އެހެންކަމުން، މި އުސޫލަކީ މުވައްޒަފުންނަށް ލިބޭ ވަގުތީ ލުޔެއް ނަމަވެސް، ރަސްމީ ގަޑިއަށް ހާޒިރުވުމުގެ ޒިންމާ މުވައްޒަފުންގެ ބޮލުގައި އެޅިފައި އޮންނާނެއެވެ.

މި ބަދަލަކީ ސަރުކާރު މުވައްޒަފުންގެ މަސައްކަތުގެ މާހައުލު އިތުރަށް ހަރުދަނާކޮށް، ދިމާވާ ދަތިތަކާއެކު ވެސް ހާޒިރީގެ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން އެޅި މުހިންމު ފިޔަވަޅެއް ކަމަށް ބެލެވެއެވެ. ނަމަވެސް ރަސްމީ ގަޑީގައި ކޮފީ މޭޒުދޮށުގައި ގިނަ ވަގުތު ތިބޭ މައްސަލައަށް އަދިވެސް ހައްލެއް ނެތެވެ!

ހިއްސާ ކުރައްވާ!