ފުލުހުންގެ ތެރޭގައި އޮތް މަސްތުވާތަކެތީގެ ނުފޫޒުތައް ނައްތާލެވިއްޖެ: ރައީސް މުއިއްޒު

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ދިވެހި ފުލުހުންގެ މުއައްސަސާގެ ތެރޭގައި މަސްތުވާތަކެތީގެ ވިޔަފާރިއާ ގުޅުންހުރި ނުފޫޒުތަކެއް އޮތްކަން ހާމަކުރައްވައި، އެ ނުފޫޒުތައް މުޅިން ނައްތާލެވިފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވެއްޖެއެވެ. ރައީސްގެ ރަސްމީ ޕޮޑްކާސްޓް ސިލްސިލާ، "ދަ ޕަލްސް"ގެ ތިން ވަނަ އެޕިސޯޑުގައި އެ މަނިކުފާނު ވިދާޅުވީ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ދުވަސްވަރު ފުލުހުންގެ ތެރޭގައި ހުރި "ނޭދެވޭ ނުފޫޒުތަކުގެ" ސަބަބުން، ހިންގާ ރޭޑްތަކުން އަތުލައިގަންނަ މަސްތުވާތަކެތި އަނބުރާ މުޖުތަމައުއަށް ނުކުތުމުގެ ފުރުސަތު ބޮޑުވެފައި އޮތް ކަމަށެވެ.

"އެ ކަންކަން ވެސް، އެ ވަކިތައް ވެސް ނައްތާލައި، އިރާދަކުރެއްވިއްޔާ ފުލުހުންގެ އިދާރާތެރޭގައި މިހާރު ވަރަށް ނީވޭނެ މި ދެންނެވި ނުބައި އަމަލުތަކަށް ފުރުސަތު ލިބޭ ވާހަކަ،" ރައީސް ވިދާޅުވިއެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކަށް އަލިއަޅުވާލައްވަމުން، އެ މަނިކުފާނު ވަނީ މިހާރު ގޭންގު ކުށްތަކާއި މަސްތުވާތަކެއްޗާ ގުޅިގެން ހިނގާ މަރުގެ ހާދިސާތައް މަދުވެފައިވާކަން ފާހަގަކުރައްވައިފައެވެ.

މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ގެންގުޅޭ ވިސްނުމަކީ ހަމައެކަނި ފުލުހުންގެ ފިޔަވަޅުތަކަށް ބަރޯސާވުމުގެ ބަދަލުގައި، މައްސަލައިގެ އަސްލު ކަމަށްވާ "ރޫޓް ކޯސްތަކަށް" ފަރުވާ ދިނުން ކަމަށް ރައީސް ވިދާޅުވިއެވެ.

"ސަރުކާރުގެ ސިޔާސަތަކީ ރޫޓް ކޯސްތަކަށް ދިޔުން ކަމަށްވާތީ ހައުސިން މައްސަލަ ހައްލުކުރުމަކީ އެންމެ ބޮޑު އެއް ކަންތައް، އެކަށީގެންވާ ޖޮބް އޮޕަޗިއުނިޓީސް އިތުރުކުރުމަކީ އެއް ކަންތައް، ޒުވާނުންނަށް އެކި ކަހަލަ އާމްދަނީ ހޯދޭނެ ފުރުސަތުތައް ފަހި ކޮށްދިނުމަކީ އޭގެ ތެރޭގައި ހިމެނޭ ކަމެއް،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ތައުލީމީ އަދި ސިއްހީ ނިޒާމުތައް ވެސް މި މަސައްކަތާ ގުޅިފައިވާކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ޒުވާނުންނަކީ މުޖުތަމައަށް ފައިދާހުރި ބަޔަކަށް ހެދުމަކީ ސަރުކާރުގެ އަމާޒު ކަމަށެވެ.

މި ސަރުކާރުން މި މައްސަލައާ މެދު ގެންގުޅޭ ހަރުކަށި ސިޔާސަތުގެ ދަށުން، ވަކި ބާވަތެއްގެ މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް ގާނޫނު އިސްލާހުކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

ހިއްސާ ކުރައްވާ!