ޓިކްޓޮކް ލައިވްގައި ލޯބީގެ ގުޅުން ހާމަކުރުމުން ދުއްރައިން ތައުޒީރުކޮށްފި

އިންޑޮނޭޝިއާގެ އަސޭކަރައިގައި ޒުވާން ޖޯޑަކަށް ޢާންމުންގެ ކުރިމަތީގައި ތައުޒީރުކޮށްފިއެވެ. މި ޖޯޑަށް މި އަދަބު ދިނީ، އިސްލާމީ ޝަރީޢަތާ ޚިލާފަށް، ޓިކްޓޮކް ލައިވް ސްޓްރީމެއްގައި ހުއްދަ ނޫން ގޮތަކަށް ލޯބީގެ ގުޅުން ހާމަކުރުމުން، އެ ޕްރޮވިންސުގެ ޝަރީޢާ ކޯޓުން ކުރި ހުކުމެއްގެ ދަށުންނެވެ.

ބަންޑާ އަސޭކަރައިގެ ބުސްތާނުއްސަލާތީން ސިޓީ ޕާކުގައި އޮތް ތައުޒީރު ކުރުމުގައި، 22 އަހަރުގެ ފިރިހެން މީހާއާއި 25 އަހަރުގެ އަންހެން މީހާއަށް އެއްތެލުގެ ދުއްރައިން 21 އެތިފަހަރުން ތައުޒީރުކޮށްފައި ވެއެވެ.

މި ދެ މީހުން ހައްޔަރުކުރީ މިދިޔަ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު ޓިކްޓޮކްގައި ކުރިއަށްދިޔަ ލައިވްއެއްގައި ކާރުގެ ތެރޭގައި ތިބެ ލޯބީގެ ގުޅުން ހާމަކުރުމާ ގުޅިގެންނެވެ. މި ވީޑިއޯ ވައިރަލްވެ، ޝަރުއީ އިދާރާތަކުގެ ސަމާލުކަމަށް އައުމުން، އެމީހުންގެ މައްޗަށް ދައުވާ އުފުލީއެވެ.

އިންޑޮނޭޝިއާގެ އެހެން ސަރަޙައްދުތަކާ ޚިލާފަށް، އަސޭކަރައަކީ އިސްލާމީ ޝަރީޢަތް ތަންފީޒުކުރާ އެގައުމުގެ ހަމައެކަނި ޕްރޮވިންސެވެ. އިސްލާމީ ޝަރީއާގެ ދަށުން ޖުވާ ކުޅުމާއި، ރާ ބުއިމާއި، އަދި އިސްލާމީ މިންގަނޑުތަކާ ޚިލާފު ޢަމަލުތަކަށް 100 އެތިފަހަރާ ހަމައަށް ތައުޒީރު ކުރުމުގެ ބާރު ކޯޓުތަކަށް ލިބިގެންވެއެވެ.

މި ހާދިސާއާ ގުޅިގެން އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކުން ވަނީ ފާޑުކިޔާފައެވެ. އެމްނެސްޓީ އިންޓަނޭޝަނަލް އިންޑޮނޭޝިއާގެ އެގްޒެކެޓިވް ޑިރެކްޓަރު އުސްމާން ހާމިދު ވިދާޅުވީ، ސޯޝަލް މީޑިއާގައި ކުރާ ކަމަކަށް ޖަލު ހުކުމާއި ހައްދު ޖެހުމަކީ މިންފަހަނައަޅައި ދިއުން ކަމަށެވެ.

ނަމަވެސް، އަސޭކަރައިގެ އާންމު ރައްޔިތެއް ކަމަށްވާ އައިނީ ނާދިރާ ބުނާ ގޮތުގައި، މި އަދަބަކީ އެހެން މީހުންނަށް އޮތް އިބުރަތެކެވެ. "މިއީ މުޖުތަމަޢުގެ އަޚްލާޤު ހިފެހެއްޓުމަށްޓަކައި މުހިންމު ފިޔަވަޅެއް. ސޯޝަލް މީޑިއާ ބޭނުންކުރާއިރު ޒިންމާދާރުވާން ޖެހޭކަން މީގެން އެނގިގެންދޭ،" އޭނާ ބުންޏެވެ.

ހިއްސާ ކުރައްވާ!