ޑރ. އަބޫ ޞަފިއްޔާ: އަރަބިންނާއި މުސްލިމުން އަޅާ ނުލުމުން ބައިނަލްއަގްވަމީ އެހީއަށް އެދި އާދޭސް ކުރަނީ

އެމެރިކާގެ ޕްރޮކްސީއެއް ކަމަށްވާ ޔަހޫދީ ރެޖީމުގެ ސިފައިން ހައްޔަރުކޮށް، ޖަލުގައި ލާނުސާނީ އަނިޔާތައް ދެމުންދާ ފަލަސްޠީނުގެ މަޝްހޫރު ކުޑަކުދިންގެ ޑޮކްޓަރު، ޑރ. ޙުސާމް އަބޫ ޞަފިއްޔާ އެކަހެރި ގޮޅިއަކަށް ބަދަލުކޮށްފައިވާ ކަމަށާއި، އޭނާގެ ފުރާނައަށް ނުރައްކާވާ ފަދަ ސިއްހީ ހާލަތެއްގައިވާ ކަމަށް އޭނާގެ ވަކީލު ނާޞިރު ޢައުދާ ހާމަކުރައްވައިފިއެވެ.

މީގެ ދެދުވަސް ކުރިން އޭނާއަށް ޑރ. ޙުސާމްއާ ބައްދަލުވިއިރު، ޑޮކްޓަރު ހުންނެވީ އަތާއި ފައިގައި ބޭޑި އަޅުވާފައެވެ. އަދި އޭނާގެ ބޮލަށާއި މޫނަށް ދީފައިވާ އަނިޔާތަކުގެ ސަބަބުން ނޭވާލާން އުނދަގޫވެ، އަމިއްލައަށް ހިނގާބިނގާވެ އުޅުމުގެ ބާރުވެސް ވަނީ މުޅިން ކެނޑިފައެވެ.

ބައްދަލުވުމުގެ ތެރޭގައި ޑރ. ޙުސާމް ވަނީ މިއީ އެންމެ ފަހުގެ ބައްދަލުވުން ކަމަށް ވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ވިދާޅުވެފައެވެ. ވަކީލު ތުހުމަތުކުރާ ގޮތުގައި އިސްރާއީލުގެ ރަމްލާ ސިޓީގައި ހުންނަ، އަދި އިންސާނުން ކަތިލާ ތަނެއްގެ ގޮތުގައި ސިފަކުރާ "ރާކީފީތު" ޖަލުގައި ޔަހޫދީން ޑޮކްޓަރު ބަހައްޓާފައިވަނީ ސީދާ އޭނާ ޖަލު ތެރޭގައި މަރާލުމުގެ ނިޔަތުގައެވެ.

ވަކީލު ހާމަކުރެއްވި ގޮތުގައި، ޑރ. ޙުސާމް އެއް ޖަލުން އަނެއް ޖަލަށް ތަކުރާރުކޮށް ބަދަލުކުރުމަކީ އެމެރިކާގެ ޕްރޮކްސީއެއް ކަމަށްވާ ޔަހޫދީ ރެޖީމުން ރާވައިގެން ހިންގާ ނަފްސާނީ އަދި ޖިސްމާނީ އަނިޔާގެ ބައެކެވެ. މިއީ ބައިނަލްއަޤްވާމީ މުޖުތަމައަށް ގާނޫނީ އިޖުރާއާތްތައް ހިނގާކަން ދެއްކުމަށް ކުރާ ކަމެކެވެ.

އެންމެ ފަހުން ބޭއްވި ކޯޓު އަޑުއެހުމަށްފަހު، 5 ޖަލު ގާޑުން ވެގެން ޑރ. ޙުސާމްގެ ގަޔަށް އަތާއި، މުގުރާއި، އަދި މަރުތޭލައިން ތަކުރާރުކޮށް ހަމަލާދީ ބޮޑެތި ޒަޚަމްތަކެއް ދީފައިވާއިރު، މިހާތަނަށް އެއްވެސް ބޭސްފަރުވާއެއް ދީފައެއް ނުވެއެވެ.

އިސްރާއީލުގެ "ހާއާރެޓްޒް" ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުން، އިސްރާއީލުގެ ސުޕްރީމް ކޯޓުން ވަނީ ޣައްޒާއިން ހައްޔަރުކުރި 14 ޑޮކްޓަރުން ދޫކޮށްލުމަށް އެދި ހުށަހެޅި އިސްތިއުނާފަށް ޖަވާބުދާރީވުމަށް ޕްރޮސެކިއުޝަނަށް މިއަދު އަންގާރަ ދުވަހާ ހަމައަށް މުހުލަތެއް ދީފައެވެ. ނަމަވެސް ވަކީލު ވިދާޅުވީ މިއީ ހަމައެކަނި ދުނިޔެއަށް ދެއްކުމަށް ކުރާ އިޖުރާއީ ކަމެއް ކަމަށާއި، އިސްރާއީލުގެ ޝަރުޢީ ނިޒާމަކީ ޔަހޫދީ ޖެނޮސައިޑް އިސްތިއުމާރީ އަނިޔާވެރިކަން ފޮރުވައިދޭ ހިމާޔަތެއް ކަމަށެވެ.

ޔަހޫދީންގެ އަނިޔާވެރި ގާނޫނީ ނިޒާމުގެ ތެރެއިން އެއްވެސް ކުރިއެރުމެއް ނުލިބުމުންނާއި މުސްލިމުންނާއި އަރަބުިންގެ ފަރާތުން ޑރ. ހުސާމުގެ މައްސަލާގައި އެއްވެސް ކަމެއް ނުކޮށް ބޮލާލައި ޖެހުމުން، ޑިފެންސް ޓީމުން މިހާރު ވަނީ ޔޫރަޕްގެ ގައުމުތަކުގެ ސަފީރުންނާއި ބައިނަލްއަޤްވާމީ އިންސާނީ ހައްގުތަކާ ބެހޭ ޖަމްއިއްޔާތަކަށް އާދޭހަށް އެދި ހުށަހަޅާފައެވެ. ވަކީލު ގޮވާލެއްވީ މާ ލަސްވުމުގެ ކުރިން ޑރ. ޙުސާމްގެ ފުރާނަ ސަލާމަތްކުރުމަށް ޔަހޫދީންނަށް ފިއްތުންތައް ކުރިމަތްކުރުމަށެވެ.

ޣައްޒާގެ ޖެނޮސައިޑް ހަނގުރާމަ ޔަހޫދީން އެމެރިކާގެ ވާގި ވެރިވުމާއެކު ފެށި ފަހުން އެއްވެސް ކުށެއްގެ ތުހުމަތާ ނުލައި ފަލަސްޠީނުގެ 100 އަށްވުރެ ގިނަ ސިއްހީ ޚިދުމަތްތެރިންނާއި ޑޮކްޓަރުން ޔަހޫދީންގެ ޖަލުތަކުގައި ބަންދުކޮށްފައިވެއެވެ. އަދި، ޖުމްލަ 9,000 އަށްވުރެ ގިނަ ފަލަސްޠީނު ރައްޔިތުން މިފަދަ ލާއިނުސާނީ ޔަހޫދީ އަނިޔާތައް ދަނީ ތަހައްމަލު ކުރަމުންނެވެ.

ހިއްސާ ކުރައްވާ!