ޔަހޫދީ ރެޖީމާއި ޖޯޑަންއާ ދެމެދު ގާއިމުކޮށްފައިވާ ސުލްހައިގެ އެއްބަސްވުމުގެ މައްޗަށް ބިނާވެފައިވާ، ޖޯޑަންއަށް ފޭރިގެންފައިވާ ފަލަސްޠީނުގެ ކޯރުތަކުން އިތުރަށް ފެން ފޯރުކޮށްދިނުމުގެ މުހިންމު އެއްބަސްވުން އާކުރުމަށް އިސްރާއީލުން ދެކޮޅު ހަދަމުންދާ ކަމަށް އިސްރާއީލުގެ ރަސްމީ ބްރޯޑްކާސްޓިންގް ކޯޕަރޭޝަން (ކާން) އިން ހާމަކޮށްފިއެވެ. މިއީ ޖޯޑަންގެ ރައްޔިތުން ފެނަށް ޖައްސައި، އެ ގައުމުގެ އެތެރޭގެ އިގްތިސާދީ އަދި އިޖުތިމާއީ ހަމަޖެހުން ނަގާލުމަށް ޔަހޫދީން ރާވައިގެން ކުރާ ކަމެއް ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވާން ފަށާފައެވެ.
ޔަހޫދީ ރެޖީމުގެ މީޑިއާ ރިޕޯޓްކޮށްފައިވާ ގޮތުގައި، ވޭތުވެދިޔަ އަހަރުތަކުގައި އަމަލުކުރަމުންދިޔަ އުސޫލުން، ހެޔޮ އަގުގައި ޖޯޑަންއަށް ފަލަސްޠީނުގެ ކޯރުތަކުން އިތުރު ފެން ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން މިހާތަނަށް ވަނީ ދެކޮޅު ހަދާފައެވެ. ޖޯޑަންއަކީ ދުނިޔޭގައިވެސް ފެނުގެ ދަތިކަން އެންމެ ބޮޑަށް ކުރިމަތިވެފައިވާ އެއް ގައުމެވެ.
މި މައްސަލައިގެ މައުލޫމާތު އެނގޭ އިސް މަސްދަރުތަކާ ހަވާލާދީ ޔަހޫދީންގެ މީޑިއާއިން ބުނީ، ފެނުގެ އެއްބަސްވުން އާނުކޮށް ދިގުލައިގެންދާ ނަމަ، އޭގެ ރައްދުގައި އިސްރާއީލާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ޖޯޑަންއަށް މަޖުބޫރުވާނެއެވެ. ނަމަވެސް، އެއީ ކޮން ފިޔަވަޅުތަކެއް ކަމެއް ނުވަތަ އަޅާނެ ވަގުތެއް އެ މަސްދަރުތަކުން ހާމައެއް ނުކުރެއެވެ. އަދި އެފަދަ ފިޔަވަޅެއް އެޅުމުގެ ހިތްވަރެއް ޖޯޑަންގެ ކިބައިގައި ނުހުންނާނެ ކަމަށް ބުނެއެވެ.
ޣައްޒާގެ ޖެނޮސައިޑް ހަނގުރާމައާއި ހިފާފައިވާ ފަލަސްޠީނުގެ ބިންތަކުގައި އިސްރާއީލުން ހިންގަމުންދާ ޖަރީމާތަކާ ގުޅިގެން ޖޯޑަންއާއި އިސްރާއީލުގެ ސިޔާސީ ގުޅުން މިހާރުވެސް އޮތީ ރައްޔިތުންގެ ފެންވަރުގައި ވަރަށް ބޮޑަށް ހީނަރުވެފައެވެ. މި ދަނޑިވަޅގައި ފެން ކަނޑާލުމުގެ ބިރު ދެއްކުމަކީ ޖޯޑަންއަށް ސިޔާސީ ގޮތުން ފިއްތުންތައް ކުރިމަތިކުރުވުމަށް އިސްރާއީލުން ބޭނުންކުރާ ހަތިޔާރެއްގެ ގޮތުގައި ސިފަކުރެވެއެވެ.






