ޕާކިސްތާނުގެ އަސްކަރިއްޔާގެ އިސްވެރިޔާ ފީލްޑް މާޝަލް އާސިމް މުނީރު، އެޤައުމުގެ ސިޔާސީ މަސްރަޙަށް އާ ލަފްޒެއް ތަޢާރަފްކުރައްވައިފިއެވެ. އެއީ "ހާޑްސްޓޭޓް" ނުވަތަ ބާރުގަދަ ހަރުކަށި ދައުލަތެއްގެ ސިޔާސަތެވެ. ރަސްމީ ސިފައެއްގައި މި ލަފްޒުގެ މާނައަކީ ޤައުމީ ސަލާމަތާއި، އަސްކަރީ ނިޒާމާއި، އަދި މުއައްސަސާތަކުގެ ވަރުގަދަކަމެވެ. ނަމަވެސް، ޕާކިސްތާނުގެ ބޯޑަރު ސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް މި ސިޔާސަތު އިޙްސާސްވަމުންދަނީ މުޅިން ތަފާތު ގޮތަކަށެވެ. އެމީހުންނަށް މިއީ މަރުކަޒީ ސަރުކާރުގެ އަނިޔާވެރިކަމާއި، އަސްކަރީ ބާރުވެރިކަން ދެއްކުމާއި، އަދި ރައްޔިތުންގެ ޙައްޤުތަކަށް ވަކާލާތުކުރާ އަޑުތައް ކަނޑުވާލުމެވެ.
ފީލްޑް މާޝަލް މުނީރުގެ ބާރުވެރިކަން އިތުރުވެގެންދިޔައީ ވަރަށް އަވަސް މިނެއްގައެވެ. ނޮވެމްބަރު 2022 ގައި އަސްކަރިއްޔާގެ ވެރިޔަކަށް އައްޔަންކުރެވުނު މުނީރު، މޭ 2025 ގައި އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ހިނގި ކުރިމަތިލުންތަކަށްފަހު ފީލްޑް މާޝަލްގެ މަޤާމަށް އުފުލުނެވެ.
މިއީ ވޭތުވެދިޔަ 60 އަހަރުގެ ތެރޭގައި ޕާކިސްތާނުގެ ޖެނެރަލަކަށް މި ލަޤަބު އެރުވުނު ފުރަތަމަ ފަހަރެވެ. މީގެއިތުރުން، އޭނާގެ ދައުރު 5 އަހަރަށް ވަނީ ދިގުކޮށްފައެވެ. މާރޗް 2025 ގައި ބޭއްވުނު ސަލާމަތީ ކޮމިޓީގެ ބައްދަލުވުމެއްގައި އޭނާ ވިދާޅުވީ، ޕާކިސްތާނުން "ސޮފްޓް ސްޓޭޓް" ނުވަތަ މަޑުމައިތިރި ދައުލަތެއްގެ ސިޔާސަތު ދޫކޮށް، ކުރިމަތިވާ ގޮންޖެހުންތަކާ ދެކޮޅަށް "ހާޑް ސްޓޭޓް" އެއްގެ ސިފަ ޚިޔާރުކުރަންޖެހޭ ކަމަށެވެ.
މި ސިޔާސަތުގެ ސަބަބުން ޕާކިސްތާނުގެ އެކި ސަރަޙައްދުތަކުގައި، ޚާއްޞަކޮށް ކަޝްމީރާއި، ބަލޮޗިސްތާނާއި، ޚައިބަރު ޕަޚްތޫންޚްވާއާއި ސިންދުގައި ރައްޔިތުންގެ މެދުގައި ވަނީ ބޮޑު ނުރުހުމެއް އުފެދިފައެވެ. ރައްޔިތުން ޝަކުވާކުރަމުންދަނީ ހަމައެކަނި ފަޤީރުކަމާއި ޚިދުމަތްތައް ދަށްވުމަކުން ނޫނެވެ. އެމީހުން ސުވާލުއުފައްދަނީ ޤައުމުގެ ސިޔާސީ ނިޒާމާ މެދުގައެވެ. ރައްޔިތުންގެ ތުހުމަތަކީ، އަސްކަރިއްޔާއިން އެމީހުންގެ ވަސީލަތްތައް ފޭރިގަނެ، އަމިއްލަވަންތަކަން ނައްތާލައި، ސުލްޙަވެރި މުޒާހަރާތަކަކީ ޖަރީމާއެއްގެ ގޮތުގައި ސިފަކުރަމުންދާ ކަމަށެވެ.
ޕާކިސްތާނުގެ ބަލޮޗިސްތާނަކީ ޤައުމުގެ އެންމެ ބޮޑު، އަދި ގުދުރަތީ ވަސީލަތްތަކުން އެންމެ މުއްސަނދި ސަރަޙައްދެވެ. ނަމަވެސް އެއީ ޤައުމުގެ އެންމެ ނިކަމެތި ހާލަތުގައި އޮތް ސަރަޙައްދެވެ. މާރޗް 2025 ގައި ޑރ. މާހްރަންގް ބަލޮޗް ހައްޔަރުކުރުމަކީ މިކަމުގެ ހެއްކެކެވެ. އޭނާ ވަކާލާތުކުރަމުންދިޔައީ ވަދޫދުކުރެވޭ މީހުންނާއި ޝަރީޢަތެއް ނެތް މަރާލުންތަކާ ދެކޮޅަށެވެ. އެމްނެސްޓީ އިންޓަރނޭޝަނަލްއިން ބުނާގޮތުގައި، އެ މުޒާހަރާތަކުގައި ބާރުގެ ބޭނުންކޮށް ބައެއް މީހުން މަރާލައި، މުވާސަލާތީ ޚިދުމަތްތައް ކަނޑާލައި، އޭނާގެ މައްޗަށް ޓެރަރިޒަމްގެ ދަޢުވާ ވަނީ އުފުލާފައެވެ.
ޚައިބަރ ޕަޚްތޫންޚްވާގެ ޕަޝްތޫން ދަރިކޮޅުގެ މީހުންވެސް ވަނީ މި ސިޔާސަތުގެ ޝިކާރައަކަށް ވެފައެވެ. ޕަޝްތޫން ތަޙައްފުޡު މޫވްމަންޓް (ޕީޓީއެމް) ގެ ބާނީ މަންޒޫރު ޕަޝްތީން ހައްޔަރުކޮށް، އެ ޖަމާޢަތަކީ ޓެރަރިސްޓް ޖަމާޢަތެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. ސަރުކާރުން ބުނަނީ މިއީ ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތެއް ކަމަށެވެ. ނަމަވެސް، އަސްކަރިއްޔާގެ އަމިއްލަ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، 2025 ގައި 75ހާހަށް އަށްވުރެ ގިނަ ކައުންޓަރ-ޓެރަރިޒަމް އޮޕަރޭޝަން ހިންގިނަމަވެސް، ޢާންމުންނާއި ސަލާމަތީ ބާރުތަކުން ގިނަ އަދަދެއްގެ ބަޔަކު ވަނީ މަރުވެފައެވެ. މިކަމުން އެނގެނީ "ހާޑް ސްޓޭޓް" ސިޔާސަތަކީ ޤައުމަށް ހަމަޖެހުން ގެނެސްދެވުނު ސިޔާސަތެއް ނޫން ކަމެވެ. ބިރުވެރިކަން އުފައްދައިގެން ދައުލަތެއްގެ ގަދަރު ހިފެހެއްޓުމަކީ ނާކާމިޔާބު ކަމެކެވެ.

