ސައްހަ ނޫން ޑިގްރީ ބޭނުންކޮށްގެން ސަރުކާރުގެ ވަޒީފާ އަދާކުރި މީހާ ވަކިކޮށް، ފައިސާ އަނބުރާ ދެއްކުމަށް އަމުރުކޮށްފި

އިސްލާމްއާބާދު ހައި ކޯޓުން ވަނީ ޒަމާންތަކެއް ވަންދެން ވަގު ޑިގްރީއެއް ބޭނުންކޮށްގެން ސަރުކާރުގައި ގްރޭޑް 19 ގެ ފެންވަރުގެ އޮފިސަރެއްގެ ވަޒީފާ އަދާ ކުރި މީހާއަށް މުސާރައާއި އިނާޔަތްތައް އަނބުރައި ދައުލަތަށް ދެއްކުމަށް އަމުރުކޮށްފައެވެ.

މިމަހު ކޯޓުން ކުރި ހުކުމުގައި ވަނީ، ވަސީމް އަފްޒަލް ވަރައިޗް ވަނީ އޮޅުވާލުމާއި ފޯޖުކޮށްގެން ސެޓިފިކެޓެއް ހަދާފައިވާ ކަމަށް ކަނޑައަޅާފައިވާ މީހެކެވެ. އެ ހުކުމުގައި ބަޔާންކޮށްފައިވަނީ، އޭނާ ހުށަހެޅި ބީއޭ އަދި އެމްބީއޭގެ ސެޓްފިކެޓްތަކަކީ އޮޅުވާލައިގެން ހޯދާފައިވާ ސައްހަ ނޫން ލިޔެކިޔުންތަކެއް ކަމަށެވެ.

ކޯޓުން ވަނީ އޭނާ ވަޒީފާގައި ހުރިއިރު ހޯދާފައިވާ ހުރިހާ އިނާޔަތްތަކެއް އަނބުރާ ދެއްކުމަށް އަމުރުކޮށް، ވަސީމް އަފްޒަލްއާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އެޅުމަށް ތަހުގީގީ އިދާރާ އެފްއައިއޭ އަށް އިރުޝާދު ދީފައެވެ.

ވަސީމް އަފްޒަލް ވަނީ 1993 ވަނަ އަހަރު ސައްހަ ނޫން ޑިގްރީއެއް ބޭނުންކޮށްގެން އެސްއެމްއީ ބޭންކުން ވަޒީފާ ހޯދާފައެވެ. އަދި 2009 ވަނަ އަހަރު 'ގޯލްޑަން ހޭންޑްޝޭކް' ސްކީމްގެ ދަށުން އޭނާ ވަޒީފާއިން ވަކިވިއެވެ. އޭގެ ފަހުން، 2011 ވަނަ އަހަރު އޭނާ ވަނީ ސައްހަ ނޫން ލިޔެކިޔުންތައް ބޭނުންކޮށްގެން މިނިސްޓްރީ އޮފް ލޭބާ އެންޑް މެންޕަވަރގައި ގްރޭޑް 19 ގެ ވަޒީފާއެއް ހޯދާފައެވެ.

ނަމަވެސް، 2017 ވަނަ އަހަރު އިސްލާމްއާބާދު ހައި ކޯޓުން ވަނީ ވަސީމް އަފްޒަލްގެ ޑިގްރީތަކަކީ ސައްހަ ނޫން އެއްޗެހި ކަމަށް ކަނޑައަޅައި، އޭނާ ވަޒީފާއިން ވަކިކުރުމަށް އަމުރުކޮށްފައެވެ. ކޯޓުގެ އެ ހުކުމާ ގުޅިގެން، މިނިސްޓްރީ އޮފް އޯވާސީޒް ޕާކިސްތާނީން ވަނީ ވަސީމް އަފްޒަލް ވަޒީފާއިން ވަކިކޮށް، އޭނާ ހޯދާފައިވާ އިނާޔަތްތައް އަނބުރާ ހޯދުމުގެ ނޯޓިފިކޭޝަން ނެރެފައެވެ.

މިނިސްޓްރީ އޮފް އޯވާސީޒް ޕާކިސްތާނީން ވަނީ ވަސީމް އަފްޒަލްއާ ދެކޮޅަށް ޖިނާއީ ދައުވާ ކުރުމަށް އެފްއައިއޭއަށް އިތުރަށް އަންގާފައެވެ.

ހިއްސާ ކުރައްވާ!