ޕާކިސްތާނުގައި ސުކޫލަށް ނުދާ ކުދިންގެ އަދަދު 25 މިލިއަނަށްވުރެ މައްޗަށް

ޕާކިސްތާނުގައި ތަޢުލީމީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރިތާ ދެ އަހަރަށްވުރެ ގިނަ ދުވަސް ވީއިރުވެސް، ސުކޫލަށް ނުދާ ކުދިންގެ މައްސަލަ ޙައްލުނުވެ، ދުނިޔޭގައި މި ފަދަ އެންމެ ބޮޑު ކާރިސާ ކުރިމަތިވެފައިވާ ގައުމުތަކުގެ ތެރޭގައި ޕާކިސްތާނު އަދިވެސް އޮތްކަން ހާމަވެއްޖެއެވެ. ސަރުކާރުން ހިލޭ އަދި މަޖުބޫރު ތަޢުލީމު ދިނުމަށް ޤާނޫނުއަސާސީން ލާޒިމުކޮށް، ފެޑެރަލް އަދި ޕްރޮވިންސް ފެންވަރުގައި އެތައް ސިޔާސަތުތަކެއް އިޢުލާންކުރި ނަމަވެސް، 25 މިލިއަނަށްވުރެ ގިނަ ކުދިން އަދިވެސް ތިބީ ކްލާސްރޫމްތަކުން މަޙްރޫމްވެފައެވެ.

ޕާކިސްތާނުގެ ސިވިލް ސަރވިސަސް އެކަޑެމީ ސީއެސްއޭ އިން ތައްޔާރުކޮށްފައިވާ ދިރާސާ ރިޕޯޓެއްގައި ބުނެފައިވަނީ، ޕާކިސްތާނުގެ ތަޢުލީމީ ކާރިސާއަކީ ހަމައެކަނި ސިޔާސަތުތައް އެކުލަވައިނުލެވުމުގެ މައްސަލައެއް ނޫން ކަމަށާއި، މައިގަނޑު މައްސަލައަކީ އެ ސިޔާސަތުތައް ތަންފީޛުނުކުރެވުން ކަމަށެވެ. ބަލިކަށި ހިންގުމުގެ ނިޒާމުތަކާއި، އިދާރީ މައްސަލަތަކާއި، ބަޖެޓުގެ ދަތިކަމާއި، ސައްހަ ތަފާސްހިސާބު ނެތުމުގެ އިތުރުން ޕްރޮވިންސްތަކުގެ މެދުގައި ހުރި ބޮޑެތި ތަފާތުތަކުގެ ސަބަބުން، ޤާނޫނުއަސާސީގެ މާއްދާ 25-ގެ(ހ) ގެ ދަށުން ކުދިންނަށް ލިބެންޖެހޭ ޙައްޤުތައް ކަށަވަރުކޮށްނުދެވޭ ކަމަށް ރިޕޯޓުގައިވެއެވެ.

ނޭޝަނަލް އެޑިއުކޭޝަން އެކްޝަން ޕްލޭން 2026 ގެ ދަށުން ހުރިހާ ޕްރޮވިންސަކުން ވެސް ތަޢުލީމީ ރޯޑްމެޕްތަކެއް ހަދާފައިވީ ނަމަވެސް، ރޭވުންތަކާއި އަމަލީ މަސައްކަތާ ދެމެދު އޮތް ފަރަގު ވަރަށް ބޮޑެވެ. މި މައްސަލައަށް އަވަސް އަދި ހަރުދަނާ އިޞްލާޙީ ފިޔަވަޅުތަކެއް ނާޅައިފިނަމަ، ތަޢުލީމީ ކުއްލި ނުރައްކަލުގެ ޙާލަތަކީ ހަމައެކަނި ނަމެއްގައި އޮތް އިއުލާނަކަށް ވެގެން ހިނގައިދާނެ ކަމުގެ އިންޒާރު މި ރިޕޯޓުގައި ދީފައިވެއެވެ.

ޕްރޮވިންސްތަކުގެ ނާޒުކު ޙާލަތު

ޕާކިސްތާނު އެޑްމިނިސްޓްރޭޓިވް ސަރވިސް ކެމްޕަހުގެ ޕޮލިސީ އެނަލިސިސް ގުރޫޕުތަކުން އެކުލަވައިލި މި ރިޕޯޓުގައި، ގައުމުގެ އެކި ސަރަހައްދުތަކުގައި ތަޢުލީމީ ޙާލަތު އޮތްގޮތް ވަނީ ވަރަށް ތަފްޞީލުކޮށް ހާމަކޮށްފައެވެ.

1. ޕަންޖާބު

އަދަދުގެ ގޮތުން ބަލާއިރު އެންމެ ބޮޑު ތަޢުލީމީ ބުރައެއް އޮތީ ޕަންޖާބުގައެވެ. އެ ސަރަހައްދުގައި 9.6 މިލިއަނާއި 10.4 މިލިއަނާ ދެމެދުގެ އަދަދަކަށް ކުދިން ސުކޫލަށް ނުދެއެވެ. ޕަންޖާބު ސުކޫލް އެޑިއުކޭޝަން ޑިޕާޓްމަންޓުގެ 2026 ގެ ރިޕޯޓް ބުނާގޮތުން، 6.4 މިލިއަން ކުދިން ދުވަހަކުވެސް ސުކޫލަކަށް ވަދެފައެއް ނުވެއެވެ. އަދި 3.16 މިލިއަން ކުދިން ސުކޫލަށް ވަނުމަށްފަހު ވަނީ ކެނޑިފައެވެ. ރަށްފުށުގެ ސަރަހައްދުތަކުގައި ސުކޫލަށް ނުދާ ކުދިންގެ ނިސްބަތް 24 އިންސައްތައިގައި އުޅޭއިރު، ސިޓީތަކުގައި މިއަދަދު އުޅެނީ 14 އިންސައްތައިގައެވެ. ޚާއްޞަކޮށް ދެކުނު ޕަންޖާބުގެ ރާޖަންޕޫރު (48%) އަދި ދޭރާ ޣާޒީ ޚާން (46%) އަކީ އެންމެ ޙާލަތު ގޯސް ސަރަހައްދުތަކެވެ. މި ޕްރޮވިންސަށް އެކަނިވެސް އިތުރު 35,000 ކްލާސްރޫމް ބޭނުންވެއެވެ.

2. ސިންދު

ސިންދު ޕްރޮވިންސްގައި ސުކޫލަށް ނުދާ ކުދިންގެ އަދަދު 7.4 މިލިއަނަށް އަރައެވެ. މީގެ ތެރެއިން 4.1 މިލިއަނަކީ އަންހެން ކުދިންނެވެ. މިއީ ސުކޫލަށް ދާ ފުރާވަރުގެ އާބާދީގެ 44 އިންސައްތައެވެ. ސިންދުގައި ހުރި މައްސަލައަކީ ޕްރައިމަރީ ތަޢުލީމަށްފަހު ކުރިއަށް ދާނެ ސުކޫލުތައް ނެތުމެވެ. އެ ސަރަހައްދުގައި 36,000 އަށްވުރެ ގިނަ ޕްރައިމަރީ ސުކޫލު ހުރިއިރު، މިޑްލް ސުކޫލުގެ އަދަދަކީ އެންމެ 2,634 އެވެ. އަދި ސެކަންޑަރީ ސުކޫލުތަކުގެ އަދަދަކީ 1,674 އެވެ. މީގެ ސަބަބުން 54 އިންސައްތަ ކުދިން ޕްރައިމަރީ ނިންމުމަށްފަހު ތަޢުލީމު ހުއްޓާލަން ޖެހެއެވެ. މީގެއިތުރުން 2022 އާއި 2024 ގައި އައި ފެންބޮޑުވުމުގެ ކާރިސާތަކުގައި އެތައް ސުކޫލެއް ވަނީ ހަލާކުވެފައެވެ.

3. ޚައިބަރް ޕަޚްތޫންޚުވާ

މި ޕްރޮވިންސްގައި ސުކޫލަށް ނުދާ ކުދިންގެ އަދަދު 4.9 މިލިއަނަށް އަރައެވެ. މި ސަރަހައްދަށް ދިމާވެފައިވާ އެންމެ ބޮޑު ހުރަހަކީ ސަރަހައްދުގެ ގޮތުން ދަތުރުފަތުރުކުރަން އުނދަގޫވުމާއި، ސަލާމަތީ ގޮތުން ހުރި ގޮންޖެހުންތަކާއި، އަދި އަންހެން މުދައްރިސުން އިންތިހާއަށް މަދުވުމެވެ. ބައެއް ކޮންޒަވޭޓިވް ބަސްނާހާ ބޯދާ ސަރަހައްދުތަކުގައި ފިރިހެން މުދައްރިސުން ތިބޭ ސުކޫލުތަކަށް އަންހެން ކުދިން ފޮނުވަން އާއިލާތަކުން ދެކޮޅު ހަދައެވެ.

4. ބަލޮޗިސްތާން

ބަލޮޗިސްތާނަކީ އެންމެ ވަސީލަތްތައް މަދު، އަދި ޖިއޮގްރަފީގެ ގޮތުން އެންމެ ބޮޑު ޕްރޮވިންސެވެ. މިތަނުގައި ކުދިން ޕްރައިމަރީ ސުކޫލަށް ދިއުމަށް 30 ކިލޯމީޓަރު، އަދި ސެކަންޑަރީ ސުކޫލަށް ދިއުމަށް 360 ކިލޯމީޓަރު ދުރަށް ދަތުރުކުރަންޖެހޭ ހާލަތްތައް އެބަހުއްޓެވެ. އެ ސަރަހައްދުގެ 15,270 ސުކޫލުގެ ތެރެއިން 3,617 ސުކޫލަކީ ނަމެއްގައި ހުރި، އެކަމަކު އެއްވެސް ޚިދުމަތެއް ނުދޭ ފަޅު ސުކޫލުތަކެވެ. ހިނގަމުންދާ ސުކޫލުތަކުގެ ތެރެއިންވެސް 79 އިންސައްތަ ސުކޫލުގައި ކަރަންޓެއް ނެތެވެ. 56 އިންސައްތަ ތަނުގައި ފާޚާނާ އެއް ނެތްއިރު، 49 އިންސައްތަ ސުކޫލުގައި ވަށާފާރެއް ވެސް ނެތެވެ.

ބަޖެޓުގެ ދަތިކަމާއި އިދާރީ އިޞްލާޙުތައް

މި ހުރިހާ މައްސަލަތަކެއްގެ އަސްލަކީ ތަޢުލީމީ ދާއިރާއަށް ކުރާ ހޭދަ ކުޑަވުމެވެ. ސިންދު ޕްރޮވިންސްގެ ތަޢުލީމީ ބަޖެޓުގެ 90 އިންސައްތަ، އަދި ބަލޮޗިސްތާން ބަޖެޓުގެ 81 އިންސައްތަ ޚަރަދުވަނީ ހަމައެކަނި މުސާރަދިނުމަށެވެ. ސުކޫލުތައް ތަރައްޤީކުރާނެ ފައިސާއެއް ނުހުރެއެވެ. ޕާކިސްތާނުން ތަޢުލީމަށް ހޭދަކުރަނީ ޖީޑީޕީގެ 1 އިންސައްތައަށްވުރެ ކުޑަ މިންވަރެކެވެ. ނަމަވެސް އދ. އިން ލަފާދެނީ މަދުވެގެން 4 އިންސައްތަ ހޭދަކުރުމަށެވެ.

ސީ.އެސް.އޭ ގެ ރިޕޯޓުގައި މިކަމަށް ބައެއް މުހިންމު ހައްލުތައް ހުށަހަޅާފައިވެއެވެ.

  • ނޭޝަނަލް ސްޓޫޑަންޓް ރެޖިސްޓްރީ: އައިޑީކާދް ބވަލަހައްޓާ އިދާރާ ނާދުރާގެ ބީ-ފޯމް ނިޒާމާ ގުޅުވައިގެން، ކޮންމެ ކުއްޖަކު ސުކޫލަށް ވަންނަ ގޮތާއި ކެނޑޭ ގޮތް ވަގުތުން ބެލޭނެ ޑިޖިޓަލް ނިޒާމެއް ގާއިމުކުރުން.
  • ދެ ދަންފަޅި ސުކޫލުތައް: އާބާދީ ބޮޑު ސަރަހައްދުތަކުގައި ހުރި އިމާރާތްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށްޓަކައި ހެނދުނާއި ހަވީރު ސުކޫލު ހިންގުން.
  • އަންހެން މުދައްރިސުންނަށް އިނާޔަތް ދިނުން: ދުރު ސަރަހައްދުތަކަށްދާ އަންހެން މުދައްރިސުންނަށް ޚާއްޞަ އެލަވަންސްތަކެއް ދިނުން.

ތަޖުރިބާކާރުންގެ ކަންބޮޑުވުންތައް

ތަޢުލީމީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ ޑރ. ޢަބްދުލް ޙަމީދު ވިދާޅުވި ގޮތުގައި، ސުކޫލަށް ނުދާ ކުދިންގެ ތެރެއިން ގާތްގަނޑަކަށް 30 އިންސައްތައަކީ އެކި ކަހަލަ ނުކުޅެދުންތެރިކަން ހުންނަ ކުދިންނެވެ. އާދައިގެ ސުކޫލުތަކުގައި އެކުދިންނަށް ބޭނުންވާ ޚާއްޞަ ވަސީލަތްތައް ނެތުމަކީ އެކުދިން ތަޢުލީމުން މަޙްރޫމްވާ އެންމެ ބޮޑު ސަބަބެވެ. އޭނާ ހުށަހަޅުއްވަނީ ޔުނިވަރސިޓީ ނިންމާ ކުދިން، ސުކޫލަށް ނުދާ 5 ކުދިން ހޯދައި ސުކޫލަށް ވެއްދުމަށް މަސައްކަތްކުރާ ގައުމީ ޕްރޮގްރާމެއް ފެށުމަށެވެ.

ލާހޫރު ޔުނިވަރސިޓީ އޮފް މެނޭޖްމަންޓް ސައިންސަސްގެ އިޤްޠިޞާދީ މާހިރު ޑރ. ފައިޞަލް ބާރީ ވިދާޅުވީ، ޕާކިސްތާނުން 2010 ގައާއި 2024 ގައި ވެސް ތަޢުލީމީ ކުއްލި ނުރައްކާ އިޢުލާންކުރި ނަމަވެސް، އަމަލީ ގޮތުން ބަޖެޓެއް އިތުރެއް ނުކުރެއެވެ. ސުކޫލަށް ވަންނަ ކުދިންގެ ތެރެއިން ޔުނިވަރސިޓީއާ ހަމައަށް ދަނީ އެންމެ 8 ނުވަތަ 10 އިންސައްތަ ކުދިން ކަމަށާއި، ބާކީ ކުދިން މެދުތެރެއިން ކެނޑެނީ ތަޢުލީމުގެ ފެންވަރު ދަށްވުމުން އާއިލާތަކުން ސުކޫލަށް ކުރާ އިތުބާރު ގެއްލުމުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި ކާރިސާއިން ސަލާމަތްވުމަށްޓަކައި، ކުދިންނަށް ހިލޭ ކާނާ ދިނުމާއި، ބޭނަޒީރު އިންކަމް ސަޕޯޓް ފަދަ ޕްރޮގްރާމްތަކުން ފަގީރު އާއިލާތަކަށް މާލީ އެހީތެރިކަންދީ، ކުޑަކުދިން ލައްވައި މަސައްކަތް ކުރުވުން ހުއްޓުވަންޖެހޭ ކަމަށް ތަޖުރިބާކާރުން އެއްބަސްވެއެވެ. ނޫންނަމަ، ޕާކިސްތާނުގެ މިލިއަނުން ފުރާވަރުގެ ކުދިންގެ މުސްތަގުބަލް އަނދިރިވެ، ގައުމުގެ ތަރައްޤީ މުޅިން ހުއްޓުމަކަށް އަތުވެދާނެއެވެ.

ހިއްސާ ކުރައްވާ!