ޖަލުގައި ބަންދުކޮށްފައިވާ ޕާކިސްތާން ތަހުރީކޭ އިންޞާފް (ޕީ.ޓީ.އައި) ޕާޓީގެ ބާނީ އަދި ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާން ފުރިހަމަ ޞިއްޙީ ފަރުވާއެއް ހޯއްދެވުމަށްޓަކައި، އިސްލާމާބާދުގެ ޝިފާ އިންޓަނޭޝަނަލް ހޮސްޕިޓަލަށް ބަދަލުކުރުމަށް އެ ޤައުމުގެ ސުޕްރީމް ކޯޓުން އަންގަވައިފިއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޝާހިދު ވަޙީދު އަދި ފަނޑިޔާރު ނަޢީމް އަޚްތަރު އަފްޣާންއާއި ފަނޑިޔާރު އިޝްތިާޤު އިބްރާހީމް ހިމެނިވަޑައިގަންނަވާ ތިން މެންބަރުންގެ ބެންޗަކުން މި އަމުރު ނެރުއްވީ ޢިމްރާން ޚާން ހޮސްޕިޓަލަށް ބަދަލުކުރުމަށާއި ޢާއިލާއާ ބައްދަލުކުރުމުގެ ފުރުޞަތު ހޯދައިދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލަތަކާ ގުޅިގެންނެވެ.
މިދިޔަ މެއި މަހު ޢިމްރާން ޚާން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވަނީ ޝިފާ އިންޓަރނޭޝަނަލް ހޮސްޕިޓަލަށް ބަދަލުކޮށްދިނުމަށާއި، އަމިއްލަ ޑޮކްޓަރުންނާއި، ޢާއިލީ މެންބަރުންނަށް އަދި ޤާނޫނީ ވަީލުންނަށް ބައްދަލުކުރުމުގެ ފުރުޞަތު ދިނުމަށް އެދިއެވެ.
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ސުޕްރީމް ކޯޓުން ގިނަ ދުވަސްތަކެއް ވަންދެން ދަންމަމުން ދިޔަ މި މައްސަލަ އެންމެ ފަހުން އަވަސްވީ ތުރުކީގެ ރައީސް ރަޖަބް އެރުދުޣާން ޕާކިސްތާން ބޮޑު ވަޒީރަށް އެކަމަށް ބާރުއަޅުއްވައި ފިއްތެވުމުންނެވެ.
ޝިފާ ހޮސްޕިޓަލުގައި ޚާއްޞަ މެޑިކަލް ބޯޑެއް އެކުލަވައިލުމަށް ކޯޓުން ވަނީ އަންގާފައެވެ. މި ބޯޑުގައި ކާޑިއޮލޮޖިސްޓަކާއި، ޖެނެރަލް މެޑަސިން ޚާއްޞަ ޑޮކްޓަރަކާއި، ލޮލުގެ ޑޮކްޓަރެއްގެ އިތުރުން ޢިމްރާންގެ އަމިއްލަ ޑޮކްޓަރު ޑރ. ފައިޞަލް ސުލްޠާން އަދި އޭނާގެ އުޚުތު ޑޮކްޓަރ ޢުޒްމާ ޚާން ބައިވެރިވެވަޑައިގަންނަވާނެއެވެ.
ޤާނޫނުއަސާސީ ގެ 9 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ފުރާނައިގެ ރައްކާތެރިކަމާއި ޞިއްޙީ ފަރުވާ ލިބުމުގެ ޙައްޤަށް ރިޢާޔަތްކޮށް، ޖަލުގައި ހުންނެވި ކުރީގެ ބޮޑުވަޒީރުގެ ޞިއްޙަތާއި ސަލާމަތް ކަށަވަރުކުރުމަށް މި އަމުރު ނެރެފައިވާ ކަމަށް ފަނޑިޔާރު ޝާހިދު ވަޙީދު ވިދާޅުވިއެވެ.
މި މައްސަލައިގެ އަޑުއެހުމުގައި ސަރުކާރުން ވަނީ ހޮސްޕިޓަލަށ ްބަދަލު ކުރުމަށް ދެކޮޅު ހަދާފައެވެ. ނަމަވެސް ކޯޓުން ވަނީ ޢާއިލާއާއި ވަކީލުންނަށް ޖަލުގައި ހުންނެވި ޢިމްރާންއާ ކޮންމެ ހަފުތާއަކު ބައްދަލުކުރުމުގެ އިންތިޒާމު ހަމަޖެއްސުމަށާއި، އޭނާގެ ދަރިންނާ ފޯނުން ވާހަކަދެއްކޭނެ ގޮތް ހަމަޖެއްސުމަށް ޖަލުގެ ވެރިންނަށް އަންގާފައެވެ.
މި ފުރުޞަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފުން މަނާކުރުމުގެ ގޮތުން ކޯޓުން ވަނީ ހަރުކަށި ޝަރުޠުތަކެއް ކަނޑައަޅާފައެވެ. އެގޮތުން ހޮސްޕިޓަލުން ތައްޔާރުކުރާ މެޑިކަލް ރިޕޯޓް މީޑިއާއާ ނުވަތަ ޢާންމުންނާ ހިއްސާކުރުމާއި، ސިޔާސީ ބޭނުންތަކަށް ބޭނުންކުރުން ވަނީ މަނާކޮށްފައެވެ. އަދި ޝިފާ ހޮސްޕިޓަލުގައި އެއްވެސް ކަހަލަ މުޒާހަރާއެއް ނުވަތަ ޢާންމު އެއްވުމެއް ނުބޭއްވުމަށް ޕީ.ޓީ.އައި ޕާޓީއަށާއި ޢާއިލާގެ މެންބަރުންނަށް ކޯޓުން އިންޒާރުދީފައިވެއެވެ.
އަދި 2023 ވަނަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން ރަވަލްޕިންޑީގެ އަދިޔާލާ ޖަލުގައި ބަންދުކޮށްފައިވާ ޢިމްރާން ޚާންގެ ޞިއްޙީ ޙާލަތާ ގުޅޭގޮތުން ޖަލުގެ ސުޕްރިންޓެންޑެންޓް ސުޕްރީމް ކޯޓަށް އިއްޔެ ރިޕޯޓެއް ހުށަހަޅާފައިވާއިރު، އެ ރިޕޯޓުގައި އޭނާއަށް ބޭނުންވާ ފަރުވާ ދެމުންދާ ކަމަށް ބަޔާންކޮށްފައިވެއެވެ. ނަމަވެސް، ޑޮކްޓަރުންގެ ޓީމުތަކުން ވަނީ ލޮލުގެ މައްސަލަތަކާއި، ލޭގެ ޕްރެޝަރު މައްޗަށް ދިއުމާއި، ބޯއނބުރާ ގޮތްވުމުގެ މައްސަލަތައް އޭނާއަށް ދިމާވަމުންދާކަން ފާހަގަކޮށްފައެވެ.
މި މައްސަލައިގެ ދެން އޮންނަ އަޑުއެހުން އަންނަ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހަށް ކޯޓުން ވަނީ ތާވަލުކޮށްފައެވެ.
އިމްރާން ޚާން ޖަލުގައި ބަހައްޓާފައިވާ އެންމެ ބޮޑު ސަބަބަކީ އޭނާގެ ހަތުރު ފީލްމާޝަލް އާސިމް މުނީރަށް ޕާކިސްތާންގެ އެންމެ ބާރުގަދަ މަގާމު ލިބިވަޑައިގަތުމެވެ.




