ޕާކިސްތާނުގެ ހުޅަނގު ދެކުނުގައި ހިންގި ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 42 އަށް އަރައިފި

ޕާކިސްތާނުގެ ހުޅަނގު ދެކުނުގައި އޮންނަ ބަލޮޗިސްތާން ޕްރޮވިންސަށް އަމާޒުކޮށް ހަތަރު ދުވަހުގެ ތެރޭގައި ހަނގުރާމަވެރިން ދިން ތިން ހަމަލާއެއްގައި މަރުވި އާންމުންނާއި ސަލާމަތީ ބާރުތަކުގެ މީހުންގެ އަދަދު 42 އަށް އަރާފައިވާ ކަމަށް އެ ގައުމުގެ ސިފައިން  ހާމަކޮށްފިއެވެ.

ޕާކިސްތާނު ސިފައިންގެ ތަރުޖަމާނު އަޙްމަދު ޝަރީފް ޗައުދަރީ ދައުލަތުގެ ޓީވީ މެދުވެރިކޮށް ވިދާޅުވި ގޮތުގައި، މަރުވި މީހުންގެ ތެރޭގައި ހަތަރު އާންމުންގެ އިތުރުން ފުލުހުންނާއި ސިފައިން ހިމެނެއެވެ. މިއީ އަންގާރަ ދުވަހު ކަށަވަރު ކުރެވުނު ސަލާމަތީ ބާރުތަކުގެ 9 މީހުންނަށް ވުރެ މާ މަތީ އަދަދެކެވެ.

އަސްކަރީ ތަރުޖަމާނު އިތުރަށް ވިދާޅުވީ، ސަލާމަތީ ބާރުތަކުން ރައްދުގައި ހިންގި އޮޕަރޭޝަންތަކުގައި ހަނގުރާމަވެރިންގެ 54 މީހަކުވެސް މަރާލާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އަސްކަރީ އޮޕަރޭޝަންތައް އިތުރަށް ވަރުގަދަކުރާނެ ކަމުގެ އިންޒާރު އޭނާ ދެއްވިއެވެ.

"އަހަރެމެން އެމީހުން ހޯދައި، ކޮންމެ ތަނެއްގައި ތިއްބަސް ތިޔަބައިމީހުންނަށް އަދަބުދޭނަން،" ހަނގުރާމަވެރިންނަށް އަމާޒުކޮށް ޗައުދަރީ ވިދާޅުވިއެވެ.

އަފްޣާނިސްތާނާއި އީރާނާ ބޯޑަރު ހިއްސާކުރާ، އަދި ގުދުރަތީ މައުދަންތަކުން މުއްސަނދި ބަލޮޗިސްތާން ޕްރޮވިންސްގައި ވަކިވެގަންނަން މަސައްކަތްކުރާ ހަނގުރާމަވެރިން ދަނީ އެ ގައުމުގެ ސަރުކާރުގެ ސަލާމަތީ ބާރުތަކަށާއި، ބޭރުގެ އިންވެސްޓްމަންޓްތަކަށް އަދި އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް އަމާޒުކޮށް ގިނަ އަހަރުތަކެއް ވަންދެން ހަމަލާތައް ދެމުންނެވެ.

ޕްރޮވިންސްގެ އޮފިޝަލުން ވިދާޅުވި ގޮތުގައި އަންގާރަ ދުވަހު ހަތިޔާރުއެޅި ބަޔަކު ވަނީ "މާންގީ ޑޭމް" މަޝްރޫއުގެ ރައްކާތެރިކަން ބަލަހައްޓާ ޗެކްޕޯސްޓަކަށް ވަދެގަނެ، ފުލުހުންގެ ނުވަ މީހަކު މަރާލާފައެވެ. އަދި ބައެއް ފުލުހުން ގެއްލިފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ޕާކިސްތާނުގެ ބޯޑަރު ސަރަހައްދުތަކުގައި ފަހަކަށް އައިސް މިފަދަ ހަމަލާތައް ވަރަށް ބޮޑަށް އިތުރުވެފައިވާއިރު، އިސްލާމްއާބާދުން ތުހުމަތުކުރާ ގޮތުގައި މި ހަމަލާތައް ރާވަނީ އަފްޣާނިސްތާނުގެ ފަސްގަނޑުގައެވެ. ނަމަވެސް ކާބުލްގައި އޮތް ތާލިބާން ސަރުކާރުން ވަނީ މި ތުހުމަތުތަކަށް ތަކުރާރުކޮށް އިންކާރުކޮށްފައެވެ.

ހިއްސާ ކުރައްވާ!