ލިއޮނަލް މެސީއަކީ ޒަޔަނިސްޓެއް ހެއްޔެވެ؟ އިސްރާއީލު ނޫހަކުން އެކަން ސާބިތުކޮށްދޭ

ލިއޮނަލް މެސީއަކީ ޒަޔަނިސްޓެއް ކަމަށް ބުނެ ފެތުރެމުންދާ ވާހަކަތަކާ ގުޅޭގޮތުން، އިސްރާއީލުގެ "ޖެރޫސަލަމް ޕޯސްޓް" ނޫހުން ވަނީ ތަފްސީލީ ރިޕޯޓެއް ގެނެސްދީފައެވެ. މި ރިޕޯޓުގައި މެސީއާއި އިސްރާއީލާ އަދި އާޖެންޓީނާގައި އުޅޭ ޔަހޫދީންނާ އޮތް ގުޅުމުގެ މުހިންމު ބައިތައް ފާހަގަކޮށް، ޚާއްސަކޮށް މިސުރާއި އަލްޖީރިއާގެ ފަރާތްތަކުން އޭނާއަށް އަމާޒުކޮށްފައިވާ ތުހުމަތުތަކަށް އަލިއަޅުވާލާފައިވެއެވެ.

މެސީއާއި އިސްރާއީލާ އޮތް ގުޅުން ކަމަށް ބުނާ ބައެއް ކަންކަން:

  • 2011: ބިއުނަސް އައިރެސްގައި 1994 ވަނަ އަހަރު ޔަހޫދީ މަރުކަޒަކަށް ދިން ބޮމުގެ ހަމަލާގައި މަރުވި މީހުންގެ ހަނދާނުގައި ބޭއްވި ހަރަކާތެއްގައި އޭނާ ބައިވެރިވުން.

  • 2013: އިސްރާއީލުގައި ބޭއްވި ޔަހޫދީ އޮލިމްޕިކްސްގައި ބައިވެރިވި އާޖެންޓީނާގެ ވަފުދަށް ހިތްވަރު ދިނުމުގެ މެސެޖެއް ފޮނުވުން.

  • 2013: ބާސެލޯނާ ޓީމާއެކު އިސްރާއީލަށް ކުރި "ސުލްހައިގެ ދަތުރު"ގައި ބައިވެރިވެ، ހިފާފައިވާ ގުދުސްގައި ބުރާގު ފާރު ކައިރީގައި އަޅުކަން ކުރުމާއި، އިސްރާއީލުގެ އޭރުގެ ރައީސް ޝިމޮން ޕެރޭޒް އަދި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ބައްދަލުކުރުން.

  • 2014: އިސްރާއީލީންނާއި ފަލަސްތީނު މީހުންނާ ދެމެދު ސުލްހަ ގާއިމުކުރުމަށް ޕޯޕް ފްރެންސިސް ގޮވާލެއްވި "މެޗު ފޯ ޕީސް" ގައި ތާއީދު ކުރުން.

  • 2017-2020: އިސްރާއީލުގެ ދެ ކުންފުންޏެއް ކަމަށްވާ "ސިރިން ލެބްސް" އަދި "އޯކޭމް" އާއެކު ޕްރޮމޯޝަނަލް އެއްބަސްވުންތަކެއް ހެދުން.

  • 2019: އިސްރާއީލުގައި ބޭއްވި އެކުވެރިކަމުގެ މެޗެއްގައި އާޖެންޓީނާ ޓީމާއެކު ކުޅެ، ލަނޑެއް ޖެހުން.

މެސީއަށް އަމާޒުވި ފާޑުކިޔުންތައް:

މެސީ ޒަޔަނިސްޓުންނާ އެކު ބާއްވާފައިވާ ގުޅުމާއި އެމީހުންނަށް ހަމްދަރުދީ ވުމުން މިސްރު މީހުން މާކުރިންވެސް އޭނާ ފާހަގަ ކޮށް ފާޑު ކިޔާފައި ވެއެވެ.، އެގޮތުން،

  • 2016: މެސީ މިސްރު ފަގީރުންނަށް ޚައިރާތަށް އޭނާގެ ބޫޓު ހަދިޔާ ކުރުމުން، މިސުރުގެ ފުޓްބޯޅަ އިއްތިހާދުގެ އޮފިޝަލަކު، މެސީއަކީ "ޔަހޫދީއެއް" އަދި "ސައިއޮނިސްޓެއް" ކަމަށް ސިފަކޮށް، އޭނާގެ އެހީތެރިކަން މިސުރުގެ ފަގީރުންނަށް ބޭނުން ނުވާ ކަމަށް ބުނެފައިވެއެވެ.

  • 2018: އާޖެންޓީނާއާއި އިސްރާއީލާ ދެމެދު ކުޅެން ހަމަޖެހުނު މެޗު، ބޮއިކޮޓް ކުރުމުގެ ހަރަކާތްތަކާއި ބީޑީއެސްއިން މެސީއަށް ލިބުނު އިންޒާރުތަކާ ގުޅިގެން އެމެޗު ކެންސަލް ކުރަން ޖެހުނެވެ. މި ދަނޑިވަޅުގައި ފަލަސްތީނުގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ޖިބްރީލް ރަޖޫބް، ވަނީ މެސީ ކުޅެފިނަމަ އޭނާގެ ފޮޓޯތަކާއި ޖާޒީތައް އަންދާލުމަށް ގޮވާލުމުން ފީފާއިން އޭނާ ސަސްޕެންޑް ކުރުމަށް އެދިފައެވެ.

މެސީއަކީ ފަލަސްޠީނު ޖެނޮސައިޑާ ދެކޮޅަށް ވާހަކަ ދެއްކުމަށް އިންކާރު ކުރާ މީހެކެވެ. އަދި އޭނާގެ ފަރާތުން ފަލަސްޠީނުގެ މިނިވަންކަމުގެ ހަރަކާތަށް އެއްވެސް ހަމްދަރްދީއެއް ފެނިފައެއް ނުވެއެވެ. އޭގެ އިތުރުން ދުނިޔޭގެ އެންމެ ބޮޑު ޒަޔަނިސްޓު ރައީސް ކަމަށް ބުނާ އާޖެންޓީނާގެ ހާވިއާ މިލީ ރައީސަށް މެސީ ސަޕޯޓު ކުރެއެވެ. އާޖެންޓީނާއަކީ މެލީގެ ވެރިކަމުގައި ހިފާފައިވާ ގުދުސްއަށް އެމްބަސީ ބަދަލު ކުރި ގައުމެކެވެ.

"ޖެރޫސަލަމް ޕޯސްޓް" ގެ ރިޕޯޓުގައި މެސީއަކީ ޒަޔަނިސްޓެއް ކަމަށް ނުބުނެ އޭނާ ޒަޔަނސިްޓުންނަށް ހިތްވަރުދޭ ކަން ކިޔައިދީފައި ވެއެވެ.

ހިއްސާ ކުރައްވާ!