ސްރެބްރެނިޓްސާގައި ނަސާރާ ސަރްބުން ހިނގި ގަތުލުއާންމުގެ ހަނދާންތައް އާކޮށްދިނުމަށް ތުރުކީގެ އެހީތެރިކަމާއެކު ބިނާކުރި 'ސްރެބްރެނިޓްސާ ޖެނޮސައިޑް މިއުޒިއަމް' ހުޅުވިތާ އެއް އަހަރު ފުރިއްޖެއެވެ. މި މިއުޒިއަމް މިހާރު ވެފައިވަނީ ސްރެބްރެނިޓްސާ-ޕޮޓޮޗާރީ މެމޯރިއަލް ސެންޓަރުގެ އެންމެ މުހިންމު އެއް ތަނަށެވެ. މިއީ 8،000 އަށްވުރެ ގިނަ ބޮސްނިއާ މުސްލިމުން ޖެނޮސައިޑްގައި މަރާލި ހަނދާންތައް އައުކޮށް، އެ މީހުން ބޭނުންކުރި ތަކެއްޗާއި، ސަލާމަތްވި މީހުންގެ ހެކިބަހާއި، މަލްޓިމީޑިއާ އެގްޒިބިޓްތައް މެދުވެރިކޮށް ދިރުވައި ރައްކާތެރިކުރާ ތަނެކެވެ.
މި މިއުޒިއަމް ގާއިމުކޮށްފައިވަނީ 1995 ވަނަ އަހަރުގެ ޖުލައި މަހު އދ. އިން ރައްކާތެރި ސަރަހައްދެއްގެ ގޮތުގައި ކަނޑައެޅި ސްރެބްރެނިޓްސާގެ ދިފާއު ކުރުމަށް ޔޫރަޕްގެ ސިފައިން ދެއްކި ދޯދިޔާ ކަމުން ފައިދާނަގައިގެން ހާހުން ބޮސްނިއާ މުސްލިމުން ރައްކާތެރިކަން ހޯދަން ދިޔަ ކުރީގެ ބެޓެރީ ފެކްޓްރީގައެވެ.
ގަތުލުއާންމުގެ ހަނދާންތައް ދިރުވުން
ސްރެބްރެނިޓްސާ ގަތުލުއާންމުގެ 30 ވަނަ އަހަރީ ދުވަހާ ދިމާކޮށް ހުޅުވި މި މިއުޒިއަމަކީ، އެތައް އަހަރެއް ވަންދެން ތާރީޚީ ލިޔެކިއުންތަކާއި ތަކެތި އެއްކޮށްގެން ހެދި ތަނެކެވެ. މިއުޒިއަމްގެ ދާއިމީ އެގްޒިބިޝަނުން ގަތުލުއާންމާ ހަމައަށް ކަންކަން ދިޔަ ގޮތާއި، އެ ވޭނީ ދުވަސްތަކާއި، ގެއްލުނު މީހުން ހޯދުމަށް ކުރި މަސައްކަތް އަދި އާއިލާތަކުން ލޯބިވާ މީހުންގެ ހަށިގަނޑުތައް ހޯދައި އިއްޒަތާއެކު ވަޅުލުމަށް ކުރި ދިގު ދަތުރު ފެނިގެންދެއެވެ.
ކޮންމެ އަހަރަކު ޖުލައި 11 ވަނަ ދުވަހު ބޮސްނިއާ އެންޑް ހަރްޒެގޯވީނާގައި މި ގަތުލުއާންމު ފާހަގަކުރެއެވެ. މިއަހަރު ވެސް އަލަށް ފެނުނު 10 ޝަހީދެއްގެ ހަށިގަނޑު ވަޅުލުމުގެ ކަންކަން ޕޮޓޮޗާރީ މެމޯރިއަލް ސެންޓަރުގައި ކުރިއަށްދާނެއެވެ.
އިހުސާސްތައް ބަޔާންކޮށްދޭ ތަކެތި
މިއުޒިއަމްގައި ހުރި އެންމެ ހިތްދަތި އެއް އެގްޒިބިޓަކީ ހަނގުރާމައިގެ ތެރޭގައި މުސްލިމުން އެރި ފައިވާންތަކެވެ. "އެ ފައިވާންތައް ފެނުމުން ސްރެބްރެނިޓްސާގެ ރައްޔިތުން އުފުލި ވޭން ކޮންމެވެސް ވަރަކަށް މީހުންނަށް އިހުސާސް ކުރެވޭ. މިފަދަ ތަފްސީލުތައް ބަހަށްވުރެ ބާރަށް ވާހަކަ ދައްކާ،" މެމޯރިއަލް ސެންޓަރުގެ ކިއުރޭޓަރު އަޒީރު އޮސްމާނޮވިޗް ވިދާޅުވިއެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި، މި މިއުޒިއަމަކީ ތައުލީމު ދިނުމުގެ މުހިންމު ވަސީލަތެކެވެ. މިއުޒިއަމްގެ ތެރެއިން އެތަނުގެ މައުލޫމާތުތައް އާންމުކުރުމަށްޓަކައި، މިހާރު ވެސް އެ ސެންޓަރުން އަންނަނީ 20 ޤައުމަކުން ދަރިވަރުން ބައިވެރިވާ 'އިންޓަނޭޝަނަލް ސަމަރ ސްކޫލް' ޕްރޮގްރާމެއް ހިންގަމުންނެވެ.
މިއުޒިއަމް ބަލައިލި ގިނަ ފަރާތްތަކުން ބުނާ ގޮތުގައި، އެތަނުގައި ހުރި ވީޑިއޯތަކާއި، ކުޑަކުދިންގެ ކުރެހުންތަކާއި، އަދި ސަލާމަތްވި މީހުންގެ ހެކިބަހުން، އެ ޤަތުލުއާންމުގެ ވޭން ވަރަށް ބޮޑަށް އިހުސާސް ކުރެވެއެވެ.
މި މިއުޒިއަމް ޕްރޮޖެކްޓަކީ 2021 ވަނަ އަހަރު ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާންގެ އިރުޝާދުގެ ދަށުން ފެށި، ތުރުކީގެ އެޖެންސީ 'ޓިކާ’ގެ ޚަރަދުގައި ކުރިއަށް ގެންދިޔަ މަސައްކަތެކެވެ.





