އިސްރޭލަށް ޖާސޫސްކޮށްދޭން އަހުމަދީ ނީޖާދު ބައިވެރި ކުރަން އުޅުނު

އިޒްރޭލުން އެތައް އަހަރެއް ވަންދެން، އީރާނުގެ ކުރީގެ ރައީސް މަހްމޫދު އަހްމަދީ ނީޖާދު، އެގައުމުގެ ޖާސޫސީ އެޖެންޓެއްގެ ގޮތުގައި ހަމަޖެއްސުމަށް މަސައްކަތްކޮށްފައިވާ ކަމަށް އެމެރިކާ އާއި އީރާނުގެ މަސްއޫލުވެރިންނާ ހަވާލާދީ ނިއު ޔޯކް ޓައިމްސް އިން ރިޕޯޓުކޮށްފިއެވެ. މިއީ އީރާނުގެ ވެރިކަން ބަދަލުކޮށް، ފަހުން އޭނާ އެގައުމުގެ ވެރިއަކަށް ހެދުމަށް ރޭވި ފުޅާ ދާއިރާއެއްގެ ރޭވުމެއްގެ ބައެކެވެ.

މި ރޭވުން ފާޅުވާން ފެށީ 2024 ވަނަ އަހަރުގެ ކުރީކޮޅު، ބުޑަޕެސްޓްގެ "ލޫޑޮވިކާ" ޔުނިވަރސިޓީގެ ރައީސް ގެރްގީ ޑެލީއަށް ހަންގޭރީގެ އިސް މަސްއޫލުވެރިއެއްގެ ފަރާތުން، މޫސުމީ ބަދަލުތަކާ ބެހޭ ކޮންފަރެންސެއް ބާއްވައި އަހްމަދީ ނަޖާދަށް ދައުވަތު ދިނުމަށް އެދުމުންނެވެ.

ޑެލީ ބުނާ ގޮތުގައި، އެ ކޮންފަރެންސަކީ އަހްމަދީ ނީޖާދާއި އިޒްރޭލުގެ ޖާސޫސީ އިދާރާތަކާ ދެމެދު ސިއްރު މަޝްވަރާތައް ކުރުމަށް ފަރުމާކުރި ނާކާމިޔާބު ބައްދަލުވުމެވެ. ޑެލީ ބުނީ، މިކަމުން އޭނާގެ އަދި ޔުނިވަރސިޓީގެ އަބުރަށް ހުރަސްއެޅިދާނެ ކަމެއްކަން އެނގޭ ކަމަށާއި، ނަމަވެސް "އީރާންގައި މީހުންގެ ފުރާނަ ސަލާމަތް ކުރުމުގެ" ކަމެއްގައި ބައިވެރިވެވޭތީ އެކަން ކުރީ ކަމަށެވެ.

އެމެރިކާ އާއި އީރާނުގެ މަސްއޫލުވެރިން ބުނާ ގޮތުގައި، 2024 އާއި 2025 ގައި އޭނާ ކުރި ދަތުރުތަކަކީ އިޒްރޭލުން އޭނާ ބޭނުންކޮށްގެން އީރާނުގެ ވެރިކަން ބަދަލުކުރުމަށް ކުރި މަސައްކަތެކެވެ.

"އަހްމަދީ ނަޖާދު ހޯދުން އިސްކަމެއް!"

އަހްމަދީ ނީޖާދު ހޯދުމަކީ އިޒްރޭލަށް ކިހާ މުހިންމު ކަމެއްކަން ހާމަވެގެން ދިޔައީ، 2024 ވަނަ އަހަރު އޭރުގެ މޮސާޑްގެ ވެރިޔާ ޑޭވިޑް ބަރްނިއާ އަމިއްލައަށް ހަންގޭރީއަށް ގޮސް އޭނާއާ ބައްދަލުކުރުމުންނެވެ. މިކަން އެމެރިކާގެ ޖާސޫސީ އިދާރާ (ސީއައިއޭ) އަށް ވެސް މޮސާޑުން އަންގާފައިވެއެވެ.

އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ހަލުވިކޮށް، އިޒްރޭލު ނައްތާލުމަށް ގޮވާލަމުން އައި ރައީސަކު، އިޒްރޭލުން އެގޮތަށް ބޭނުންކުރަން ފެށުމަކީ ވީ ބޮޑު ބަދަލެކެވެ. ފާއިތުވި އަހަރުތަކުގައި އޭނާގެ ދަތުރުތަކަށާއި ދިރިއުޅުމަށް އިޒްރޭލުން ފައިސާ ހަރަދުކޮށްފައިވެއެވެ.

"ޖެހިލުންކުޑަ" އޮޕަރޭޝަނެއް

މި ރޭވުން އެންމެ ހޫނުވީ މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު، އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށި ދުވަސްވަރުއެވެ. އެފަހަރު އީރާނުގެ ސަލާމަތީ ރައްކާތެރިކަމުގެ ދަށުގައި ހުރި އަހްމަދީ ނީޖާދު، އިޒްރޭލުގެ ހަމަލާއަކަށްފަހު މޮސާޑްގެ އެޖެންޓުން ކާރެއްގައި އޭނާ ސަލާމަތްކޮށް، ރައްކާތެރި ތަނަކަށް ގެންދިޔައެވެ. ނަމަވެސް އެކަމާ ހިތްހަމަނުޖެހިފައި އޭނާ ހުރި ކަމަށް މައުލޫމާތު ލިބެއެވެ.

މިހާރު އޭނާ ހުރީ އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްގެ ބެލުމުގެ ދަށުން ގޭ ބަންދުގައެވެ. އޭނާގެ ފަރާތުން މިކަމާ ގުޅޭގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ވެރިކަން ބަދަލުކުރުމުގެ ފުޅާ ރޭވުން

މި ރޭވުމަކީ އީރާނުގެ ސަރުކާރު ވައްޓާލުމަށް ކުރި މަސައްކަތުގެ ބައެކެވެ. މީގެ ތެރޭގައި އީރާނުގެ އިރާގު ބޯޑަރު ކައިރީގައި ތިބި ކުރުދީ ހަނގުރާމަވެރިން ތަމްރީނުކޮށް އީރާނަށް އެރުވުން ހިމެނެއެވެ.

އަހްމަދީ ނީޖާދު ރައީސްކަމުން ވަކިވި ފަހުން، އޭނާގެ ވިސްނުން ބަދަލުވެ، އިޒްރޭލާ ގުޅުން ރަނގަޅުކުރުމަށް ޝައުގުވެރިވާ ކަމަށް އޭނާގެ ގާތް މީހުން ބުނެއެވެ. އޭނާ ދެކުނީ، ވެރިކަމަށް އެނބުރި އައިސް، އިޒްރޭލާ ގުޅުން ރަނގަޅުކޮށް އިބްރާހީމީ މުއާހަދާގެ ތެރެއިން ގުޅުން ގާއިމުކުރެވޭނެ ކަމަށެވެ.

ސިއްރު ބައްދަލުވުންތައް

އަހްމަދީ ނީޖާދު 2023 ގައި ގުއަޓަމާލާއަށް ކުރެއްވި ދަތުރެއްގައި މިކަމުގެ ފުރަތަމަ ބިންގާ އެޅުނު ކަމަށް ބެލެވެއެވެ. އަދި ބުޑަޕެސްޓްގެ ކޮންފަރެންސްތަކުގައި މޮސާޑްގެ ވެރިންނާ ބައްދަލުކޮށްފައިވެއެވެ. އޭނާގެ ސެކިއުރިޓީ ގާޑުންނަށް ފިލައިގެން އޭނާ ގިނަ ވަގުތުތަކެއް ވަންދެން ގެއްލިފައި ހުރި ކަމަށް ރިޕޯޓުތައް ބުނެއެވެ.

އޭނާ އެންމެ ފަހުން ފެނިފައިވަނީ މިދިޔަ ހޯމަ ދުވަހު އީރާނުގެ ކުރީގެ ލީޑަރު އަލީ ހާމަނާއީގެ ޖަނާޒާގެ ތެރެއިންނެވެ. ފިނި މޫސުމެއް ނޫން ނަމަވެސް ބޯ ޖެކެޓެއް ލައިގެން، މޫނު މަތީގައި މާސްކެއް އަޅައިގެން ހުރި އިރު، ވަށައިގެން ސަލާމަތީ ކަންކަން ވަރަށް ވަރުގަދައެވެ.

އޭނާއަކީ މެތްސ ްޓީޗަރެކެވެ. ރިޕޯޓްގައި ބުނާ ގޮތުން އޭނާ ކުރިން ތަގްރީރުތަކުގައި ގުރުއާނުގެ އާޔަތްތައް ލިޔަވައި އުޅުއްވިނަމަވެސް މޮސަޑާއި ގުޅުން ރަނގަޅު ވުމުން އެކަން ދޫކޮށްލެއްވީ ކަމަށެވެ. އަދި އޭނާ އިނގިރޭސި ބަސްދައް ކުރައްވަންވެސް މަސައްކަތްތަކެއް ކުރެއްވިއެވެ.

ހިއްސާ ކުރައްވާ!