ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރާ އިދާރާގެ ވެރިޔާގެ ގެއިން 30 ލިއަން ޑޮލަރު، 74 ކިލޯ ރަން

ޖަކާޓާގެ އަރިމަތީގައިވާ ސެންތުލްގެ ހަމޭހިމޭން އަވަށުން ފެނުނު މަންޒަރަކީ، ދައުލަތުގެ ނުފޫޒާއި މާލީ ދަހިވެތިކަން ގުޅުވައިދޭ އެންމެ ސާފު ހެކިތަކެވެ. ތަރުތީބުން އަތުރާލާފައިވާ 74 ކިލޯގެ ސާފު ރަން ބުރިތަކެކެވެ. އެމެރިކާ ޑޮލަރާއި ސިންގަޕޫރު ޑޮލަރުގެ އާ ފައިސާ ބޮނޑިތަކުން ފުރިފައިވާ ހަތް ފޮއްޓެވެ. ޖުމްލަ 30 މިލިއަން ޑޮލަރާ ގާތްކުރާ ފައިސާ ހިމެނޭ މި ހޯދުމަކީ ހަމައެކަނި ޖިނާއީ ތަހުގީގެއްގެ ނިމުމެއް ނޫނެވެ. މިއީ އިންޑޮނޭޝިޔާގެ ގާނޫނު ތަންފީޒުކުރުމުގެ ރޫހަށް ދެވުނު ބޮޑު ކެއްސެކެވެ.

މި ތަކެތި ފެނުނީ އާދައިގެ މީހެއްގެ ގެއަކުން ނޫނެވެ. މިތަކެތި ފެނުނީ އެ ގައުމުގެ ކޮރަޕްޝަންއާ ދެކޮޅަށް މަސައްކަތް ކުރާ އިދާރާގެ އެންމެ އިސް މީހާ ޑެޕިއުޓީ އެޓަރނީ ޖެނެރަލް ފޯ ސްޕެޝަލް ކްރައިމްސްގެ މަގާމުގައި ހުންނެވި ފެބްރީ އަދްރިއަންސިޔާގެ އަމިއްލަ ގެއިންނެވެ.

ފެބްރީ އަދްރިއަންސިޔާއަކީ އިންޑޮނޭޝިޔާގެ ގާނޫނީ ދާއިރާގައި "ބިރުކުޑަ" ޝަހުސިއްޔަތެއްގެ ގޮތުގައި މަޝްހޫރުވި ބޭފުޅެކެވެ. ދައުލަތުގެ ބޮޑެތި އިންޝުއަރެންސް ކުންފުނިތަކާއި ސަރުކާރަށް ސަޕްލައިކުރާ މަހުޖަނުންގެ ބޮޑެތި ކޮރަޕްޝަންތައް ފަޅާއަރުވާލުމުގެ މޭސްތިރިއަކީ އޭނާއެވެ. ނަމަވެސް، ބާރުވެރިކަމުގެ އެންމެ މަތީ ފަންތީގައި ހިނގާ ކޮރަޕްޝަން ގިނަ ފަހަރަށް ފޮރުވިފައި އޮންނަނީ ހަމަ އެ ކޮރަޕްޝަނާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ނިވާފަތްގަނޑުގެ ދަށުގައެވެ.

ތަހުގީގީ މަސްދަރުތަކުން އެނގޭ ގޮތުގައި، ފެބްރީގެ މައްޗަށް ތުހުމަތު ކުރެވެނީ އޭނާ ބެލި ބޮޑެތި މައްސަލަތައް ވަކި ގޮތަކަށް ނިންމުމަށް ނުވަތަ ފައިލްތައް ފޮރުވުމަށް ބޮޑެތި އަދަދުތަކުން ރިޝްވަތު ހިފާފައިވާ ކަމުގެ މައްސަލަތަކުގައެވެ. އޭނާ ހޯދައިދިން ކަމަށް ބުނާ އިންސާފަކީ އަގަށް ވިއްކާލެވުނު މުދަލެކެވެ.

މި ހާދިސާ ހަމައެކަނި ޝަރީއަތުގެ މަޖިލިސްތަކަށް ހަނިވެގެންނެއް ނުދެއެވެ.Febrie Adriansyah was head of the Attorney General Office’s Special Crimes Division. Photo: Indonesia Attorney General’s Office ފެބްރީގެ މައްސަލަ ފެންމަތިވި ވަގުތު، އިންޑޮނޭޝިޔާގެ ފުލުހުންގެ ތަހުގީގީ ޓީމުތަކާއި މިލިޓްރީގެ ބައެއް ބާރުތަކުގެ މެދުގައި ނުތަނަވަސްކަން އުފެދުނެވެ. މިއީ ދައުލަތުގެ އެކި ގޮފިތަކުގެ މެދުގައި އޮތް ބާރުގެ ހަނގުރާމައެއް ފެނިގެން ދިޔަ ދަނޑިވަޅެކެވެ.

މި ސިޔާސީ ނުތަނަވަސްކަމުގެ އަސަރު އިންޑޮނޭޝިޔާގެ ބާޒާރުތަކަށް ވަނީ ވަގުތުން ކޮށްފައެވެ.

  • ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި އިންޑޮނޭޝިޔާގެ ރޫޕިޔާގެ އަގު ވަނީ 10 އިންސައްތަ ދަށަށް ގޮސްފައެވެ.
  • ގައުމުގެ އެންމެ އިސް މުއައްސަސާތަކުގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެދުމުން، ބޭރުގެ އިންވެސްޓަރުން ދަނީ އެގައުމުގެ ބޮންޑްތަކުންނާއި މަޝްރޫއުތަކުން ދުރަށް ޖެހެމުންނެވެ.

ފެބްރީ އަދްރިއަންސިޔާ މިހާރު ހުރީ މަގާމުން ވަކިކޮށް، ބަންދުގައެވެ. އޭނާގެ ދިފާއީ ވަކީލުން ބުނާ ގޮތުގައި އެ ގެއިން ފެނުނު ރަނާއި ފައިސާއަކީ އޭނާގެ އަމިއްލަ އެއްޗެއް ނޫނެވެ؛ އެއީ ސިޔާސީ ގޮތުން އޭނާ ދަންތުރައެއްގައި ޖެއްސުމަށް ބަޔަކު ރޭވި ރޭވުމެކެވެ.

ނަމަވެސް، ޖަކާޓާގެ މަގުތަކުގައި ދެކެވޭ ވާހަކަ ތަފާތެވެ. މިއީ ހަމައެކަނި އެކެއްގެ ވެއްޓުމެއް ނޫނެވެ. މިއީ ގައުމެއްގެ އިގްތިސާދީ ކުރިއެރުމާއި، ބޭރުގެ އިންވެސްޓްމަންޓްތަކަށް އޮތް އެންމެ ބޮޑު ހުރަހަކީ ސިސްޓަމްގެ އެންމެ މަތީގައި ތިބި މީހުން ކޮރަޕްޓްވެފައިވާކަން ހާމަކޮށްދިން ހިތްދަތި ހަގީގަތެކެވެ. އިންޑޮނޭޝިޔާއަށް މިހާރު ބޭނުންވަނީ ކޮރަޕްޝަންގެ މައްސަލަތައް ޝިކާރަ ކުރާނެ އައު މީހެއް އެކަންޏެއް ނޫނެވެ؛ މުޅި ނިޒާމަށް އާ ދިރުމެއް ދިނުމަށް ބޭނުން ވެއެވެ.

ހިއްސާ ކުރައްވާ!