އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެރިކަމަށް ވަޑައިގެން އުފެއްދެވި ހަމަނުޖެހުންތަކާއި ހަނގުރާމައިގެ ބިރުވެރިކަމުގެ ކުރިން، ދުނިޔޭގެ ވިޔަފާރީގެ އެންމެ މުހިންމު އެއް މަރުކަޒު ކަމަށްވާ ހުރްމުޒް ކަނޑުއޮޅި އޮތީ އެއްވެސް ހުރަހެއްނެތް، މިނިވަން ތަނެއްގެ ގޮތުގައެވެ. ނަމަވެސް، ޓްރަމްޕްގެ ހަރުކަށި އަދި ބަރުބާދު ސިޔާސަތުތަކުގެ ސަބަބުން މިހާރު މި ކަނޑުއޮޅި ބަންދުވެ، ދުނިޔޭގެ ކޮންމެ ގޭބިސީއަކަށް އޭގެ ނޭދެވޭ އަސަރު ފޯރައި، ދިރިއުޅުމުގެ ޚަރަދުތައް އަތްނުފޯރާ ފަށަށް ދާން ވަނީ މަގުފަހިވެފައެވެ.
މިހާރު ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އާގުބޯޓުފަހަރުން ފީ ނެގުމަށް އީރާނާއި އެމެރިކާއިން ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން، ދުނިޔޭގެ ބާޒާރުގައި ތެލާއި ކާބޯތަކެތީގެ އަގުތައް އިންތިހާއަށް އުފުލި، އޭގެ ހިތި ނަތީޖާ ތަހައްމަލުކުރަން ޖެހިފައިވަނީ ނިކަމެތި ކޮންސިއުމަރުންނަށެވެ. އީރާނުން ސަލާމަތީ އަދި ތިމާވެށީގެ ޚިދުމަތްތަކަށް ބުނެ ފީއެއް ނަގަން އުޅޭއިރު، ޓްރަމްޕް ވަނީ މުޅި ދުނިޔެ ސިއްސުވާލައި، އެ ސަރަޙައްދުން ދަތުރުކުރާ ހުރިހާ މުދަލަކުން %20 ގެ ބޮޑު ފީއެއް އެމެރިކާއިން ނަގާނެ ކަމަށް އިއުލާންކުރައްވާފައެވެ.
މިދިޔަ ޖޫން މަހު އެމެރިކާއާއި އީރާނާ ދެމެދު ވެވުނު އެއްބަސްވުމަށް ޓްރަމްޕްގެ ސަބަބުން އިތުބާރު ގެއްލި، މަސްރަޙު އަނެއްކާވެސް މިވަނީ ހޫނުވެފައެވެ.
މި ފީތައް ނަގާނެ ސީދާ އުސޫލެއް އަދި ކަނޑަނޭޅުނު ނަމަވެސް، ވޯލްޑް ސްޓްރީޓް ޖާނަލްއިން ރިޕޯޓްކުރާ ގޮތުގައި ބާޒާރުތަކުން މިހާރުވަނީ މި ނުރައްކަލަށް ތައްޔާރުވެ އަގުތައް މަތިކުރަން ފަށާފައެވެ. މިގޮތުން ބްރެންޓް މަރުކާގެ ސާފުނުކުރާ ތެލުގެ އަގު އިއްޔެ އެކަނިވެސް %9.6 މަތިވެ، ފީފާއެއްގެ އަގު 83.30 ޑޮލަރަށް އެރިއެވެ. އަދި މިއަދު އެ އަގު ވަނީ 85.64 ޑޮލަރަށް އުފުލިފައެވެ. މިއީ ދުނިޔޭގެ ކޮންމެ ގައުމެއްގެ، ކޮންމެ ގެއެއްގެ ކަރަންޓާއި، ދަތުރުފަތުރާއި، އާންމު ދިރިއުޅުމުގެ ޚަރަދު ބޮޑުވެގެންދާނެ ކަމެކެވެ.
އީރާނުން ލަފާކުރާ ގޮތުގައި ކަނޑުއޮޅީގެ ސަލާމަތީ އަދި ތިމާވެށީގެ ކަންކަން ބެލެހެއްޓުމަށް ބޯޓުފަހަރުން ފީ ނަގައިގެން އަހަރަކު 40 ބިލިއަން ޑޮލަރު ލިބޭނެއެވެ. ހަކަތައާ ބެހޭ މާހިރު ހާޝިމް އަގުލް ވިދާޅުވި ގޮތުގައި އީރާނުގެ މި ހުށަހެޅުމުގެ ސަބަބުން ކޮންމެ ބޯޓަކުން މިލިއަނުން ޑޮލަރު ދައްކަން ޖެހިދާނެއެވެ.
އަނެއްކޮޅުން، ޓްރަމްޕް ވިދާޅުވަނީ އީރާނަށް އެ ފުރުސަތު ނުދޭނެ ކަމަށާއި، ނަމަވެސް އެމެރިކާއިން ސަލާމަތްތެރިކަން ފޯރުކޮށްދޭތީ ބޯޓުފަހަރުގައި ހުންނަ މުދަލުގެ އަގުން %20 އެމެރިކާއަށް ދައްކަންޖެހޭނެ ކަމަށެވެ. މިއީ މުޅިން ހަމަނުޖެހޭ އަދި ދުނިޔޭގެ އިޤްތިޞާދު ފުނޑާލާނެ ނިންމުމެކެވެ.
"ފައިނޭންޝަލް ޓައިމްސް" އިން ބުނާ ގޮތުގައި، ޓްރަމްޕް މި ބުނާ %20 ގެ ފީ ތެލުގެ އަގަށް އެކަނި އިތުރުކުރިޔަސް، ތެޔޮ ފީފާއަކުން 16 ޑޮލަރު ބޮޑުވާނެއެވެ. މިއީ އިންޝުއަރެންސްއާއި ބޯޓު ކުލީގެ ޚަރަދާ ނުލައި އެމެރިކާއަށް ދައްކަން ޖެހޭ ޖިޒިޔަ އެވެ.
ޓްރަމްޕްގެ މި ނިންމުމަކީ ކަނޑުދަތުރުފަތުރުގެ އާންމު ފީއެއް ނޫނެވެ. މިއީ ކަނޑުމަތީގައި ނަގާ ބޮޑު ޓެކްސެކެވެ. މީގެ ސަބަބުން އަހަރަކު 100 އާއި 150 ބިލިއަން ޑޮލަރުގެ އާމްދަނީއެއް އެމެރިކާއަށް ލިބުނު ނަމަވެސް، މުޅި ދުނިޔޭގެ ވިޔަފާރި އިނދަޖެހިގެންދާނެއެވެ.
އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައިއެމްއޯ) އިން މިފަދަ ފީތަކާ ދެކޮޅު ހަދަމުންދާއިރު، ޓްރަމްޕްގެ މި ބޯހަރު އަދި އަމިއްލަ އެދުމުން ފުރިގެންވާ ސިޔާސަތުގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދަށް ދެންވާނެ ގޮތަކާމެދު ބޮޑު ބިރުވެރިކަމެއް ވަނީ އުފެދިފައެވެ. ޓްރަމްޕަކީ މުޅި ދުނިޔޭގެ އާންމު ރައްޔިތުންގެ ދިރިއުޅުމަށް ހުރި ބޮޑު މުޞީބާތެކެވެ.





