ޣައްޒާގެ އުތުރުގައި ހުންނަ ކަމާލް އަދުވާން ހޮސްޕިޓަލުގެ ޑިރެކްޓަރު ޑރ. ހުސާމް އަބޫ ސަފިއްޔާ ވަގަށް ނަގައިގެން ޔަހޫދީ ރެޖީމުން އޭނާއަށް އަނިޔާ ދެމުންދާތީ އެކަމާ ނުރުހުން ފާޅުކޮށް، ޔޫކޭގެ ޚާރިޖީ ވަޒީރު އީވެޓް ކޫޕާ ބުދަ ދުވަހު އެކަން ކުށްވެރިކުރައްވައިފިއެވެ. އަދި މި މައްސަލައާ ގުޅިގެން ޔޫކޭ އިން ކަންބޮޑުވުން ފާޅުކުރާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޔޫކޭ ޕާލަމެންޓުގެ ޚާރިޖީ ކަންކަމާ ބެހޭ ކޮމިޓީގައި ވާހަކަ ދައްކަވަމުން ކޫޕާ ވަނީ، ޣައްޒާގައި އިންސާނީ ހައްގުތަކާއި ބައިނަލްއަގްވާމީ ގާނޫނުތަކާ ޖެނޮސައިޑް ރެޖީމުން ޚިލާފުވަމުންދާ މައްސަލަތަކުގައި އެ ގައުމު ޖަވާބުދާރީ ކުރުވަން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ.
ޑރ. އަބޫ ސަފިއްޔާ 18 މަސް ދުވަސް ވަންދެން އިޒްރޭލުގެ ޖަލުތަކުގައި އެއްވެސް ދައުވާއެއް ނެތި ހައްޔަރުކޮށްފައިވާ އިރު އަރަބި ޝެއިޚުންގެ ފަރާތުން އެކަމަށް މާބޮޑު މަސައްކަތއް ކޮށްފައެެއް ނުވެއެވެ.
ޔޫކޭ ޕާލަމެންޓްގެ ކޮމިޓީގެ މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ކޫޕާ ވިދާޅުވީ، "އިޒްރޭލުން އެއްވެސް ވާހަކައެއް އަޑުއަހާހެނެއް ހިއެއް ނުވޭ. ޑރ. ހުސާމްގެ ހާލަތު ވަރަށް ނާޒުކު، އޭނާ ހައްޔަރުގައި ހުއްޓާ ޝަހީދުވެދާނެ ކަމުގެ ބިރު އެބައޮތް،" ކަމަށެވެ.
މަލްޤޫނު ބެލްފޯރުގެ ވަދުގެ ނަމުން މަޝްހޫރު ޑޮކިއުމެންޓުން ފަލަސްޠީނު ޔަހޫދީންނަށް ހިބަކޮށްދިން އިނގިރޭސިވިލާތުގެ ސަރުކާރުން މި މައްސަލަ ވަރަށް ގާތުން ބަލަމުންދާ ކަމަށާއި، ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތައް މިފަދަ ގޮތަކަށް ހައްޔަރުކޮށްފައި ބޭތިއްބުމާމެދު ކަންބޮޑުވާ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ، "އެއީ ރައްޔިތުންނަށް ފަރުވާ ދެއްވި ޑޮކްޓަރެއް، އޭނާގެ މައްސަލައަކީ ބައިނަލްއަގްވާމީ ފެންވަރުގައި ވެސް ވާހަކަ ދެކެވޭ މައްސަލައެއް، އިޒްރޭލު ސަރުކާރުން މިކަމުގައި ޖަވާބުދާރީ ވާން ޖެހޭނެ،" ކަމަށެވެ.
ޔަހޫދީ ޖެނޮސައިޑް ރެޖީމުގެ ސިފައިން ޑރ. ހުސާމް އަބޫ ސަފިއްޔާ ހައްޔަރުކުރީ 27 ޑިސެންބަރު 2024 ގައި ކަމާލް އަދުވާން ހޮސްޕިޓަލުގައި އޮޕަރޭޝަން ތިއޭޓަރުގައި މަސައްކަތް ކުރައްވަމުން ދަނިކޮށް ދިން ހަމަލާތަކެއްގެ ތެރޭގައެވެ.
ހުޅަނގު އައްސޭރީގެ ޔަހޫދީ އާބާދީތައް
މި ބައްދަލުވުމުގައި، ހުޅަނގު އައްސޭރީގައި އިޒްރޭލުން ބިނާ ކޮށްފައިވާ އަދި ބިނާ ކުރަމުންދާ އާބާދީތަކުގެ މައްސަލަ ވެސް މެންބަރުން ނެގިއެވެ. ބައިނަލްއަގްވާމީ ގާނޫނުތަކާ ޚިލާފު ކަމަށް އެންމެން ގަބޫލުކުރާ މި އާބާދީތަކާއެކު ވިޔަފާރީގެ މުއާމަލާތްތައް ހުއްޓުމަކަށް ނުގެނެސް އޮތުމަކީ ކަންބޮޑުވުމެއް ކަމަށް މެންބަރުން ފާހަގަކުރެއްވިއެވެ.
މިއަށް ޖަވާބު ދެއްވަމުން ކޫޕާ ވިދާޅުވީ، އިނގިރޭސި ސަރުކާރުން މިހާރު ދަނީ އާބާދީތަކާ ގުޅުންހުރި ދަތިކުރުމުގެ ފިޔަވަޅުތައް ފުޅާކުރުމާ މެދު މަޝްވަރާ ކުރަމުން ކަމަށެވެ. އަދި އާބާދީތަކަކީ ގާނޫނާ ޚިލާފު ކަމެއް ކަމަށާއި، ދެ ދައުލަތުގެ ހައްލަށް އެކަމުން ހުރަސް އެޅޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، އިންސާނީ ހައްގުތަކުގެ އިތުރުން ބައިނަލްއަގްވާމީ އިންސާނީ ގާނޫނުތަކާ ޚިލާފުވާ ފަރާތްތަކަށް ވެސް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމާ މެދު ޔޫކޭއިން ވިސްނަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. "ވަގަށް ނެގި ބިމަކުން އެއްވެސް މީހަކު ފައިދާ ހޯދައިގެން ނުވާނެ،" ކަމަށް ކޫޕާ ވިދާޅުވިއެވެ. މިކަހަކަ ކަންކަން އެންމެ ރަނގަޅަށް ދަންނާނީ އިނގިރޭސިންނެވެ.
ޔޫކޭއިން މިހާރު ދަނީ ސްޕޭން، އަޔަލޭންޑް، ނެދަލޭންޑްސް އަދި ސްލޮވީނިއާ ފަދަ ގައުމުތަކުން ޔަހޫދީންގެ ގާނޫނާ ޚިލާފް އާބާދީތަކާއެކު ވިޔަފާރިކުރުމުގައި އަޅާފައިވާ ފިޔަވަޅުތައް ދިރާސާ ކުރަމުންނެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ހަމައެކަނި ޑިޕްލޮމެޓިކް ޕްރެޝަރުން މިކަން ނުނިމޭނެ ކަމަށާއި، މިހާރަށް ވުރެ ވަރުގަދަ ފިޔަވަޅުތަކެއް ބައިނަލްއަގްވާމީ ބައިވެރިންނާއެކު އެޅުމަށް ބްރިޓޭނިއާއިން މަސައްކަތް ކުރަމުންދާ ކަމަށެވެ.




