ޖަޕާނު އަލުން ވަރުގަދަވަމުން ބިރުގަންނަން ޖެހޭނެ ތަ؟

އޮގަސްޓް 1945 ގެ މެދުތެރޭގައި ޖަޕާނުގެ އެމްޕަރަރ ހީރޯހީތޯ، ދެވަނަ ބޮޑުހަނގުރާމައިގައި އެގައުމު ބަލިވެ، އަމާންދިންކަން އިއުލާން ކުރެއްވީ "އަހަންނަށް އަމިއްލައަށް ވާނެ ގޮތަކާމެދު ފަރުވާލެއް ނެތެވެ. ނަމަވެސް ބޭނުންވަނީ މަގޭ އެންމެހާ ރައްޔިތުން ސަލާމަތްވުމަށެވެ،" މިފަދައިންވިދާޅުވަމުންނެވެ. އެމެރިކާއިން ޖަޕާނުގެ ހީރޯޝީމާ އަދި ނަގަސާކީއަށް ނިއުކްލިއަރ ބޮން އެޅިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ދެއްވި މި ހިތާމަވެރި މެސެޖާއެކު ދެވަނަ ބޮޑުހަނގުރާމަ ނިމުމަކަށް އައެވެ.

މި އަމާންދިނުމާއެކު ދެވަނަ ބޮޑުހަނގުރާމަ ނިމުނު ނަމަވެސް، މިއީ ޖަޕާނުގެ ޒަމާނީ ތާރީޚުގައި އެގައުމަށް ލިބުނު ފުން އަދި ހަނދާން ބުނެދޭ ފަދަ ބޮޑު ޒަޚަމެކެވެ. މިއީ އޭގެ ފަހުން އައި އަހަރުތަކުގައި، އެކި ސިފަސިފައިގައި ފެންމަތިވަމުން އައި ކަމެކެވެ. ބައެއް ފަހަރު ހަރުކަށި ގައުމީ ފިކުރުގެ މެސެޖުތަކުގެ ސިފައިގައި އަދި އަނެއްބައި ފަހަރު އަބަދަށްޓަކައި ހަނގުރާމައިން ދުރުހެލިވުމަށް ގޮވާލާ ގޮވާލުންތަކުގެ ސިފައިގައެވެ.

މި ކަންކަމަކީ އެއްވެސް ހާލެއްގައި ފަސޭހަ ކަންކަމެއް ނޫނެވެ. ހީރޯޝީމާއަށް ދިން ބޮމުގެ ހަމަލާގައި 140،000 މީހުން މަރުވިިއިރު، ނަގަސާކީއަށް ދިން ހަމަލާގައި 80،000 މީހުންގެ ފުރާނަ ދިޔައެވެ. ދެވަނަ ބޮޑުހަނގުރާމައިގެ ކުރިން ސަރަހައްދީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ބޮޑު ބާރަކަށް ވެފައިވާ ގައުމަކަށް މީގެ ސަބަބުން ކުރިމަތިވި ނޭދެވޭ އަސަރުތައް އިންތިހާއަށް ބޮޑެވެ.

19 ވަނަ ގަރުނުގެ ފަހުކޮޅާއި 20 ވަނަ ގަރުނުގެ ކުރީކޮޅު ޖަޕާން ވެގެންދިޔައީ ސިނާއީ އަދި ސިފައިންގެ ބާރުގަދަ، އެހެން ގައުމުތަކަށް ވެރިވެގަތުމުގެ ރޫހު ހުރި ގައުމަކަށެވެ. އެގޮތުން 1894 އާއި 1895 އާ ދެމެދު ކުރެވުނު ފުރަތަމަ ހަނގުރާމައިގައި ޗައިނާ ބަލިކޮށް، 1904-1905 ގެ ހަނގުރާމައިގައި ރަޝިއަން އެމްޕަޔަރ ބަލިކޮށް މުޅި ދުނިޔެ ސިއްސުވާލިއެވެ.

ފުޅާވި އުންމީދުތަކާއި ސަރަހައްދީ ބާރު، އަދި އެއަށްފަހު ބަލިވުމާއި އަމާންދިނުން

މި ކާމިޔާބީތަކާއެކު އިރުމަތީ އޭޝިއާއަށް ވެރިކަން ކުރުމުގެ އުންމީދު ޖަޕާނުގައި ބޮޑުވެގެންދިޔައެވެ. އެގޮތުން 1910 ގައި ކޮރިއާ އެގައުމުގެ ބަޔަކަށް ހެދިއެވެ. އަދި 1931 ގައި ޗައިނާގެ މަންޗޫރިއާ ސަރަހައްދު ހިފުމަށްފަހު، 1937 ގައި ޗައިނާއާ ދެކޮޅަށް ފުޅާ ދާއިރާއެއްގައި ހަނގުރާމަ ފެށިއެވެ. އަދި އޭގެ އަހަރެއްހާ ދުވަހުގެ ތެރޭގައި ޝަންހާއީ އާއި ބީޖިންގ ހިމެނޭހެން ޗައިނާގެ ބޮޑެތި ރަށްތައް ހިފައި، އެގައުމުގެ ކަނޑުގެ ބަނދަރުތައް ބަންދުކޮށްލިއެވެ.

ނަމަވެސް ދެވަނަ ބޮޑުހަނގުރާމައިގައި ލިބުނު ނިކަމެތި ބަލިވުމާއެކު މި ހުރިހާ ކަމެއް ބޭކާރުވެގެންދިޔައެވެ. އަވަށްޓެރި ގައުމުތަކަށް ވެރިވެގަތުމަށްފަހު، ޖަޕާން ވެގެންދިޔައީ އެމެރިކާގެ އަޅުވެތިކަމުގެ ދަށުގައި އަހަރުތަކެއް ވަންދެން އޮތް ގައުމަކަށެވެ. މީގެއިތުރުން ޖަޕާނުގެ ސފައިން އުވާލައި، ހަމަލާދިނުމުގެ ގާބިލުކަން ހުރި ސިފައިންގެ ބާރެއް އުފެއްދުން އެގައުމަށް މަނާކުރެވުނެވެ.

މި ހާލަތު ދިގު ދެމިގެންދިޔައީ ގަރުނުތަކަކަށެވެ. އެ ދުވަސްވަރު ޖަޕާނުން އިސްކަންދިނީ ސިނާއީ އަދި ޓެކްނޮލޮޖީގެ ކުރިއެރުމަށެވެ. ނަތީޖާއެއްގެ ގޮތުން އެގައުމު ވެގެންދިޔައީ ސިނާއީ ގޮތުން އިންތިހާއަށް ބާރުގަދަ ގައުމަކަށެވެ. އެންމެ ފަހުގެ ހިސާބުތަކުން ދައްކާގޮތުގައި ޖަޕާނަކީ ޖީޑީޕީގެ ގޮތުން ދުނިޔޭގެ 4 ވަނައަށް އެންމެ ބޮޑު އިގްތިސާދެވެ. އެގައުމުގެ ކުރީގައި އޮތީ އެމެރިކާ، ޗައިނާ އަދި ޖަރުމަނުވިލާތެވެ.

ފަހުގެ އަހަރުތަކުގައި ޖަޕާނުގެ އަސްކަރީ އަދި ސްޓްރެޓީޖިކް ސިޔާސަތުތަކަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވެއެވެ. އެގޮތުން 2022 ގެ ފަހުކޮޅު، ހަމައެކަނި "ދިފާއީ" ސިޔާސަތު ދޫކޮށް، އަމިއްލަ ދިފާއުގެ އައު މުއާހަދާގެ ދަށުން "ރައްދު ހަމަލާދިނުމުގެ" ގާބިލުކަން ހޯދުމަށް އެގައުމުން ވަނީ ނިންމާފައެވެ. މިއާއެކު ދިރާސާކުރާ ފަރާތްތަކުން ބުނަމުންދަނީ، ޖަޕާނުން 80 ވަރަކަށް އަހަރު ވަންދެން ހިފެހެއްޓި އަމަންއަމާންކަމުގެ ދައުރު ނިމުމަކަށް އަންނަނީ ކަމަށެވެ.

މި ބަދަލުތަކާއެކު، އެގައުމުގެ ދިފާއީ ޚަރަދުތައް ވަނީ ޖީޑީޕީގެ 2 އިންސައްތައަށް އިތުރުކޮށްފައެވެ. އަދި ހަމަލާދޭނެ ހަތިޔާރު އުފެއްދުމުގެ މަސައްކަތް ފަށާފައިވާއިރު، ދެން އެގައުމުން ތައްޔާރުވަމުންދަނީ އިންޓެލިޖެންސްގެ ދާއިރާއިން ކުރިއެރުންތައް ހޯދުމަށެވެ.

ހިއްސާ ކުރައްވާ!