އީރާނުގެ އުމްރާނީ ވަސީލަތްތަކަށް ދިން ހަމަލާތަކަކީ ހަނގުރާމައިގެ ޖަރީމާއެއް: ރައީސް ޕެޒެޝްކިއަން

އީރާނުގެ މަދަނީ އުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށް އެމެރިކާއިން ދީފައިވާ ވައިގެ ހަމަލާތަކަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފު އަދި ހަނގުރާމައިގެ ޖަރީމާއެއް ކަމަށް އީރާނުގެ ރައީސް މަސްއޫދު ޕެޒޭޝްކިއަން ވިދާޅުވެއްޖެއެވެ.

މިނިސްޓްރީ އޮފް ރޯޑްސް އެންޑް އާބަން ޑިވެލޮޕްމަންޓްގެ އިސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޕަޒެކްޞިއަން ވިދާޅުވީ، ބޯޑަރު ޓާމިނަލްތަކާއި، ކަސްޓަމްސް ފެސިލިޓީތަކާއި، އެއްގަމާއި ރޭލާއި ކަނޑު އަދި ވައިގެ ދަތުރުފަތުރުގެ ނިޒާމަށް ލިބިފައިވާ ގެއްލުންތަކަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. އަދި މި އަމަލުތަކާ ގުޅިގެން ބައިނަލްއަގްވާމީ ކަމާބެހޭ މުއައްސަސާތައް މެދުވެރިކޮށް އެމެރިކާއާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އެޅުމަށް އޭނާ ގޮވާލެއްވިއެވެ.

ދައުލަތުގެ މަސައްކަތްތައް

ރައީސް ޕެޒޭޝްކިއަން ވިދާޅުވީ، އީރާނުގެ ރައްޔިތުންނާއި ސަރުކާރުގެ އެއްބާރުލުމާއެކު، އާންމު ހިދުމަތްތަކަށް ބުރޫއެރުވުމަށް ދުޝްމަނުން ރާވާފައިވާ ހުރިހާ ރޭވުންތަކެއް ނާކާމިޔާބު ކުރައްވާނެ ކަމަށެވެ. އަދި ހަލާކުވެފައިވާ ވަސީލަތްތައް އަލުން ބިނާކުރުމުގައި އެންމެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރުމަށާއި، އަވަށްޓެރި ގައުމުތަކާއެކު ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން އިތުރަށް ފުޅާކުރުމަށް މިނިސްޓްރީއަށް އިރުޝާދު ދެއްވިއެވެ.

ހަމަލާތަކުގެ ހަގީގަތް

ފެބްރުއަރީ 28 ގައި ފެށުނު އީރާން-އެމެރިކާ/އިޒްރޭލުގެ ސޮލީބީ ސަހުޔޫނީ ހަނގުރާމަ، އެޕްރީލް މަހު ހުއްޓާލުމަށްފަހު އަލުން މި ހޫނުވީ، ޕާކިސްތާނުގެ މެދުވެރިކަމާއެކު ހެދި "އިސްލާމްއާބާދު އެމްއޯޔޫ" އާ ރައީސް ޑޮނަލްޑް ޓްރަމްޕް ޚީލާފްވުމާ ގުޅިގެންނެވެ.

އެމެރިކާއިން ދިން ހަމަލާތަކުގައި:

  • ހައިވޭ ނެޓްވޯކްތަކާއި، ބޯޑަރު ކަސްޓަމްސް ޕޯސްޓްތަކާއި، ކަރަންޓް އަދި ފެނުގެ ނިޒާމުތަކަށް ވަނީ އަމާޒުކޮށްފައެވެ.
  • މި ހަމަލާތަކުގައި 50 އަށްވުރެ ގިނަ އާންމު ރައްޔިތުން ވަނީ ޝަހީދުވެފައެވެ.

ބައިނަލްއަގްވާމީ ގާނޫނުތައް

ބައިނަލްއަގްވާމީ އިންސާނީ ގާނޫނުތަކާއި (1949 ގެ ޖެނީވާ ކޮންވެންޝަން)، އަދި އޭގެ އެޑިޝަނަލް ޕްރޮޓޮކޯލް I ގައި ބަޔާންކުރާ ގޮތުން، އަސްކަރީ އަމަލުތަކުގައި އާންމުންގެ ބޭނުމަށް ބޭނުންކުރާ އުމްރާނީ ވަސީލަތްތަކަށް ހަމަލާ ދިނުން މަނަ ވެގެން ވެއެވެ. އަސްކަރީ ބޭނުމަކަށް ނޫން ގޮތަކަށް، އާންމުންގެ ދިރިއުޅުމަށް ކޮންމެހެން ބޭނުންވާ ތަންތަނަށް ގަސްތުގައި ހަމަލާ ދިނުމަކީ ބައިނަލްއަގްވާމީ ގާނޫނުގެ ދަށުން ސީދާ "ހަނގުރާމައިގެ ޖަރީމާއެއް" ކަމަށް ކަނޑައެޅިފައިވެއެވެ.

ހިއްސާ ކުރައްވާ!