އެމްޑީޕީން ތަކެތީގެ އަގު ލިސްޓަށް މިނިސްޓަރ ސައީދުގެ ތަފްސީލީ ރައްދު

ރާއްޖޭގެ ބާޒާރުގައި ތެލާއި މުދަލުގެ އަގުބޮޑުވެ، ރައްޔިތުންނަށް ދަތިތަކެއް ދިމާވެފައިވާ ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން ބޮޑު މުޒާހަރާއަކަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައި، އެ ޕާޓީގެ ތުހުމަތުތަކަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ މީސްމީޑިއާ މެދުވެރިކޮށް ރައްދުދެއްވައިފަ އެވެ.

އޮގަސްޓް 12 ވަނަ ދުވަހު މަގުތަކަށް ނުކުމެ މުޒާހަރާކުރުމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއުލާނުކުރެއްވުމާ ގުޅިގެން، މިނިސްޓަރު ސައީދު ސޯޝަލް މީޑިއާ މެދުވެރިކޮށް އާންމުކުރެއްވި ވީޑިއޯ ބަޔާނުގައި ވަނީ ބާޒާރުގައި ތަކެތީގެ އަގު ހުރިގތުގެ ތަފުސީލުތައް ހާމަކުރައްވައިފަ އެވެ. ސައީދު ވިދާޅުވީ އޮގަސްޓް 12 އަދި 13 ވަނަ ދުވަހަކީ ސިޔާސީ ބޭނުންތަކަށްޓަކައި އެމްޑީޕީން އަބަދުވެސް ހަރަކާތްތައް ހިންގާ ދުވަސްތަކެއް ކަމަށެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުބޮޑުވެފައިވާ ގޮތާއި އަދި، ދިވެހިރާއްޖޭގައި ތެޔޮ ވިއްކާ އަގު ބޭރުގެ އެހެން ގައުމުތަކާ އަޅައި ކިޔުމަށް ސައީދު ވަނީ ސިންގަޕޫރާއި ޔޫއޭއީ އަދި އިންޑިއާ އިޚުތިޔާރުކުރައްވާފައެވެ.

ސައީދު ވިދާޅުވީ، ރާއްޖޭގައި ޕެޓްރޯލް ލީޓަރެއް 16.01 ރުފިޔާއަށް ވިއްކަމުންދާއިރު، ސިންގަޕޫރުގައި ޕެޓްރޯލް ލީޓަރެއްގެ އަގު 40.09 ރުފިޔާއަށް އަރާ ކަމަށެވެ. އަދި ދުބާއީގައި 14.07 ރުފިޔާއަށް އަދި އިންޑިއާގައި 18.08 ރުފިޔާއަށް ޕެޓްރޯލް ލިބެންހުރިއިރު، ރާއްޖޭގެ އަގުތައް ހުރީ ކޮންޓލް ކުރެވިފައި ކަމަށް  ފާހަގަކުރެއްވި އެވެ.

މީގެއިތުރުން، ކުޑަކުދިންގެ ކިރާއި ބީފް ފަދަ ތަކެތީގެ އަގުބޮޑުކަމަށް ބުނެ ދައްކާ ވާހަކަތަކަށް ވެސް މިނިސްޓަރު ރައްދުދެއްވި އެވެ. އެގޮތުން ލެކްޓޯޖެން ކިރުދަޅެއް އިމްޕޯޓަރު ކަމަށްވާ ބީއެޗްއެމްއިން 130 ރުފިޔާއަށް ވިއްކަމުންދާ ކަމަށާއި، ބާޒާރުގައި ވިއްކާ ތަކެތީގެ ކޮލިޓީއާއި ބްރޭންޑްތަކަށް ބަލާއިރު އަގުތައް ހުރީ އެކަށީގެންވާ މިންގަނޑެއްގައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އަދި ބީފްފަދަ ބާވަތްތަކަކީ އޭގެ ކަޓާއި އެތެރެ ކުރާ ގައުމާއި ފެންވަރުގެ ގޮތުން އަގު ތަފާތުވާ މާއްދާއެއް ކަމަށް ވިދާޅުވެ، ރާއްޖޭގެ ބާޒާރުގައި ގެރިމަހާއި މީގޮނު މަސް ވެސް ތަފާތު އަގުތަކެއްގައި ލިބެން ހުންނަ ކަމަށް ސައީދު ވިދާޅުވިއެވެ.

ސައީދު ތުހުމަތުކުރެއްވި ގޮތުގައި އިދިކޮޅު ފަރާތްތަކުން މިފަދަ ވާހަކަތައް ދައްކަނީ ހަގީގަތް އޮޅުވާލައި، ސިޔާސީ މަންފާ ހޯދުމުގެ ނިޔަތުގަ އެވެ. އަދި ސަރުކާރުން އިގްތިސާދު ކޮޅަށްޖެހުމަށް ކުރަމުންދާ މަސައްކަތްތައް ބަލައިނުގެން، ކުރީގެ ސަރުކާރުތަކުން ދޫކޮށްލާފައިދިޔަ ބޮޑެތި ދަރަނިތައް ވެސް މި ސަރުކާރުން މިހާރު ދައްކަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އިންސްޓަގްރާމްގައި ސައީދު އާންމު ކުރެއްވި 6 މިނެޓްގެ ވީޑިއޯގައި ބާޒާރުގެ މިހާރު އަގުތައް ހުރި ގޮތާއި އަދި ރެޑްވޭވްއާއި ވިލާމާޓް ފަދަ ބައެއް ތަންތާނގައި އަގުތައް ހުރިގޮތުގެ ތަފްސީލު ދެއްވިއެވެ.

ހިއްސާ ކުރައްވާ!