އުރީދޫއަށް 172 މިލިޔަން ރުފިޔާ ސާފު ފައިދާއެއް

މިއަހަރުގެ 2 ވަނަ ކުއާޓަރުގައި އުރީދޫއަށް ސާފު ފައިދާގެ ގޮތުގައި 172 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް އެ ކުންފުނީގެ މާލީ ހިސާބުތަކުން ދައްކައިފިއެވެ. މިއީ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު %3.9 ދަށް އަދަދެކެވެ.
އުރީދޫއިން އާންމުކޮށްފައިވާ އެ ކުންފުނީގެ މާލީ ހިސާބުތައް ދައްކާގޮތުން 2026 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި ފައިދާގެ ގޮތުގައި 172 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެ ކުންފުންޏަށް ލިބިފައިވަނީ 179 މިލިޔަން ރުފިޔާއެވެ.
އުރީދޫއިން އާންމުކޮށްފައިވާ މިއަހަރުގެ ދެވަނަ ކުއާޓަރުގެ މާލީ ރިޕޯޓުގައިވާގޮތުން މޯބައިލް ޚިދުމަތްތައް ފޯރުކޮށްދީގެން އެ ކުންފުނިން ވަނީ 380 މިލިޔަން ރުފިޔާގެ އާމްދަނީއެއް ހޯދާފައެވެ. މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި މޯބައިލް ޚިދުމަތްތަކުން އެ ކުންފުންޏަށް ލިބިފައިވަނީ 394 މިލިޔަން ރުފިޔާއެވެ.
މޯބައިލް ޚިދުމަތްތަކުން ލިބުނު އާމްދަނީ ދަށްވެފައިވީނަމަވެސް ފިކްސްޑް ބްރޯޑްބޭންޑު ޚިދުމަތުން ލިބުނު އާމްދަނީއަށް ވަނީ ކުރިއެރުން ލިބިފައެވެ. ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ދެވަނަ ކުއާޓަރުގައި ފިކްސްޑް ބްރޯޑްބޭންޑު ޚިދުމަތްތަކުން 155 މިލިޔަން ރުފިޔާ ލިބިފައިވެއެވެ. އަދި މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ފިކްސްޑް ބްރޯޑްބޭންޑް އާމްދަނީގެ ގޮތުގައި އުރީދޫއަށް ލިބިފައިވަނީ 152 މިލިޔަން ރުފިޔާއެވެ. އެހެންކަމުން މިއީ %2 އިތުރު އަދަދެކެވެ.

އުރީދޫއިން އާމްދަނީ ހޯދަނީ މައިގަނޑު 2 ދާއިރާއަކުންނެވެ. އެއީ މޯބައިލް ޚިދުމަތްތަކާއި ބްރޯޑްބޭންޑް އިންޓަނެޓާއި އެންޓަޕްރައިޒް ވިޔަފާރިތައް މެދުވެރިކޮށެވެ.

މިއަހަރުގެ 2 ވަނަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި އުރީދޫއަށް ލިބިފައިވަނީ 536 މިލިޔަން ރުފިޔާއެވެ. އެ ކުންފުނީގެ މާލީ ރިޕޯޓުން ދައްކާގޮތުން އަހަރުގެ ފުރަތަމަ ކުއާޓަރުގައި އުރީދޫއަށް ލިބިފައިވަނީ 547 މިލިޔަން ރުފިޔާއެވެ.
މި ކުއާޓަރުގައި އުރީދޫއަށް ޓެކްސްއަށް ކެނޑުމުގެ ކުރިން ލިބިފައިވަނީ 203 މިލިޔަން ރުފިޔާއެވެ. އަދި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުންޏަށް ޓެކްސްއަށް ކެނޑުމުގެ ކުރިން ލިބިފައިވަނީ 210 މިލިޔަން ރުފިޔާއެވެ.
ހިއްސާ ކުރައްވާ!
ގުޅުންހުރި ލިޔުންތައް