ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯގެ މަޤާމު ނުރައްކަލަކަށް ހުށަހެޅިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. އިންފަންޓީނޯގެ މަޤާމު މިވަގުތު ނުރައްކަލުގެ ތެރެއަށް ގޮސްފައިވަނީ، އެމެރިކާގެ ޓްރަމްޕްގެ އައުލާދުންނަށް ފީފާގައި އިންވެސްޓްކުރުމަށް ހުށަހެޅި މަޝްރޫއު ނާކާމިޔާބުވުމާއި، ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވުމުގެ ސަބަބުން ބައެއް ފުޓުބޯލަ އެސޯސިއޭޝަންތަކުން އޭނާއަށް ދެމުން އައި ތާޢީދު އަނބުރާ ގެންދިއުމާ ގުޅިގެންނެވެ.
އަންނަ މާރިޗު 2027 ގައި މޮރޮކޯގެ ވެރިރަށް ރަބާޠުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާގެ އިންތިޚާބުގައި 2027 އިން 2031 އަހަރަށް ރައީސްކަމުގެ ދައުރަށް ކުރިމަތި ލެއްވުމުގެ އިންފަންޓީނޯގެ އުއްމީދުތަކަށް ވަނީ ހުރަސްތައް ކުރިމަތިވެފައެވެ.
ޔޫއެފާ ފަދަ ބޮޑެތި ޖަމުއިއްޔާތަކުންވެސް ވަނީ އިންފަންޓީނޯގެ އިތުބާރު ގެއްލިފައިވާ ކަމަށް ހާމަކޮށްފައެވެ. ފީފާގެ ރައީސްކަމަށް އަލުން އިންތިޚާބުވުމަށްޓަކައި 211 މެންބަރު އިއްތިހާދު ތަކުގެ ތެރެއިން 106 ގައުމުގެ އިއްތިހާދުގެ ވޯޓު ބޭނުންވާއިރު، ފީފާގެ ކައުންސިލުން ކުއްލި ބައްދަލުވުމެއް ބާއްވައި އިންފެންޓީނޯ މަޤާމުން ދުރުކުރުމުގެ ފުރުޞަތު ވެސް އެބަ އޮތެވެ.
އިންފަންޓީނޯ މިވަގުތު ހުންނެވީ މި މަޤާމަށް ކުރިމަތިލައްވާފައިވާ ހަމައެކަނި ކެނޑިޑޭޓުގެ ގޮތުގައެވެ. ނަމަވެސް، އޭނާގެ މަޤާމު ގެއްލިއްޖެނަމަ ވެރިކަމަށް ވަޑައިގަތުމަށް ބެލެވޭ ފަރާތްތަކުގެ ތެރޭރޭގައި ޢަރަބި ދެ ބޭފުޅުން ހިމެނެއެވެ:
1. ބަހުރައިންގެ ޝެއިޚް ސަލްމާން ބިން އިބްރާހީމް އާލަ ޚަލީފާ
- އޭޝިއަން ފުޓްބޯޅަ ކޮންފެޑެރޭޝަން (އޭއެފްސީ) ގެ ރައީސް، ފީފާގެ ސީނިއަރ ނައިބު ރައީސް އަދި ފީފާގެ ޑިވެލޮޕްމަންޓް ކޮމިޓީގެ ރައީސްކަން ކޮށްފައި ވޭ
- 2013 ވަނަ އަހަރުން ފެށިގެން އޭއެފްސީގެ ރައީސްކަން ކުރައްވަމުން ގެންދަވައެވެ. މީގެ ކުރިން 2016 ވަނަ އަހަރު އޮތް ފީފާގެ ރިޔާސީ އިންތިޚާބުގައި އިންފަންޓީނޯއާ ވާދަކުރައްވާފައިވެއެވެ.
- އޭނާއަކީ އިންފަންޓީނޯގެ ބައެއް ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވާ އަދި ވޯލްޑް ކަޕްގައި 64 ޤައުމު ބައިވެރިކުރުމުގެ މަޝްރޫއާ ދެކޮޅު ބޭފުޅެކެވެ.
2. ޤަތަރުގެ ނާޞިރު އަލް ޚުލައިފީ
- އޭނައަކީ ފްރާންސްގެ ޕީއެސްޖީ ކުލަބުގެ ރައީސް، އަދި ޔޫރަޕްގެ އީ.ސީ.އޭގެ ރައީސް، ބެން ސްޕޯޓްސްގެ އިސްވެރިޔާ އަދި ޤަޠަރު އިންވެސްޓްމަންޓް އޮތޯރިޓީގެ މެންބަރެއް.
- ޔޫރަޕާއި އޭޝިއާގެ ފުޓުބޯޅައިގައި ނުފޫޒުގަދަ ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.
- ޔޫރަޕްގެ މީޑިއާއިން އޭނާ ފީފާގެ ރައީސްކަމަށް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރިޕޯޓުކުރި ނަމަވެސް، އޭނާއާ ގާތް ފަރާތްތަކުން ބުނަނީ އެ މަޤާމަށް ވަޑައިގަތުމުގެ އެއްވެސް ޝައުޤުވެރިކަމެއް ނެތް ކަމަށެވެ.





