ފުޓުބޯޅަ ތަރި މެސީ ކެރެލާ އަށް ނުދިޔައީ ކީއްވެ؟

މެސީ ކެރަލާއަށް ނުދިޔަ ސަބަބު ހޯދުމަށްފަހު ސިއްރު ރިޕޯޓެއް ކެރެލާ ސަރުކާރަށް ހުށަހަޅައިފިއެވެ.

ފުޓްބޯޅަ ތަރި ލިއޮނެލް މެސީ އާއި އާޖެންޓީނާގެ ޤައުމީ ފުޓްބޯޅަ ޓީމު އިންޑިއާގެ ކެރަލާއަށް ޒިޔާރަތްކުރުމަށް ރޭވި ރޭވުންތައް ކެންސަލްވި މައްސަލައިގައި ކެރަލާ ސަރުކާރުން ކުރިއަށްގެންދިޔަ ތަޙްޤީޤު ނިންމައި، އެކަމާ ބެހޭ ޚާއްޞަ ރިޕޯޓެއް ސަރުކާރަށް ހުށަހަޅައިފިއެވެ.

ކެރަލާގެ ސްޕޯޓްސް މިނިސްޓަރު އޯ ޖޭ ޖަނީޝް ވިދާޅުވީ، ލިބެން ހުރި ލިޔެކިޔުންތައް ދިރާސާކުރުމަށްފަހު މި ރިޕޯޓު ތައްޔާރުކުރެއްވީ ސްޕޯޓްސް ޑިޕާޓްމަންޓުގެ ޚާއްޞަ ސެކްރެޓަރީ ކަމަށެވެ. ނަމަވެސް، މިއީ ސިއްރު ރިޕޯޓަކަށްވާތީ، އޭގައިވާ ތަފްޞީލުތައް އަދި އާންމު ނުކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ވަރަށް ސިއްރު ގޮތެއްގައި މި ރިޕޯޓު ވަނީ ސަރުކާރަށް ހުށަހަޅާފައި. މި ވަގުތު އަޅުގަނޑަށް ހާމަކުރެވެން އޮތީ މިވަރު. ސަރުކާރުން މިއާމެދު ގޮތެއް ނިންމުމަށްފަހު އެކަން އެންމެންނަށް އަންގާނެ،" ޖަނީޝް ވިދާޅުވިއެވެ.

މެސީ އާއި އާޖެންޓީނާ ޓީމު ކެރަލާއަށް ގެނައުމަށް ކުރީގެ ސަރުކާރުން ރޭވި ބޮޑު ރޭވުމަށް ނާކާމިޔާބު ވީ ކީއްވެގެންތޯ ސުވާލުކޮށް ފުޓްބޯޅަ ސަޕޯޓަރުންނާއި މީޑިއާން ކެންޑިނޭޅި ސުވާލުކުރަން ފެށުމުން، ސަރުކާރުން ވަނީ މި މައްސަލަ ތަޙްޤީޤުކުރަން އަމުރުކޮށްފައެވެ.

ޖަނީޝް ވިދާޅުވި ގޮތުގައި، ސަޕޯޓަރުންވެސް ތަޙްޤީޤަކަށް އެދެމުންދިޔުމާއި، ފުރަތަމަ ބެލި ބެލުމުން އިތުރަށް ބަލަންޖެހޭ ކަންތައްތަކެއް ހުރިކަމަށް ފެންނާތީ ތަޙްޤީޤު ކުރިއަށްގެންދިޔައީއެވެ.

މި ތަޙްޤީޤުގައި މައިގަނޑު ގޮތެއްގައި ބަލާފައިވަނީ، ބައިނަލްއަޤްވާމީ ފުޓްބޯޅަ ޓީމެއް ނުވަތަ ކުޅުންތެރިއަކު އިންޑިއާއަށް ގެނައުމަށް ފުރިހަމަކުރަންޖެހޭ ޤަވާއިދުތަކާއި އުޞޫލުތަކަށް ޢަމަލުކޮށްފައިވޭތޯއެވެ. ޚަބަރުތައް ބުނާގޮތުން، މެސީ އާއި އާޖެންޓީނާ ޓީމު ކެރަލާއަށް ގެނައުމަށް އެއްވެސް ޞަރީޙަ އެއްބަސްވުމެއް ހަދާފައި ނެތުން ފަދަ ސީރިއަސް މައްސަލަތަކެއް ތަޙްޤީޤަށް ވަނީ ފާހަގަކުރެވިފައެވެ. ނަމަވެސް، މިނިސްޓަރު ޖަނީޝް ވަނީ މި ހޯދުންތަކާ ނުވަތަ މާލީ ތަފްޞީލުތަކާ މެދު އެއްޗެއް ވިދާޅުވާން ދެކޮޅު ހައްދަވާފައެވެ.

މި މައްސަލަ އުފެދުނީ ކުރީގެ ސްޕޯޓްސް މިނިސްޓަރު ވީ ޢަބްދުއްރަޙްމާންގެ ދައުރުގައެވެ. އޭނާ ވަނީ މެސީ އާއި އާޖެންޓީނާ ޓީމު ކެރަލާއަށް ޒިޔާރަތްކުރާނެ ކަން ތަކުރާރުކޮށް އިޢުލާނު ކުރައްވާފައެވެ. އަދި ބޭނުންވާ ހުއްދަތައް ލިބި، ސްޕޮންސަރުން މެޗު ފީވެސް ދައްކާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެ ދަތުރު ނުކުރެވުނީ ކަނޑައެޅި ތާރީޚުގައި ދަތުރުކުރުމަށް އާޖެންޓީނާއަށް ދަތިތަކެއް ހުރުމުން ކަމަށް ފަހުން އޭނާ ވިދާޅުވިއެވެ.

ކުރީގެ މިނިސްޓަރު ޢަބްދުއްރަޙްމާން ވަނީ އޭނާއަށް ކުރާ ތުހުމަތުތައް ދޮގުކުރައްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުން ވަނީ ފުރިހަމަކުރަންޖެހޭ އެންމެހައި އުޞޫލުތައް ފުރިހަމަކޮށްފައެވެ. އަދި ސަރުކާރަށް އެންމެ ރުފިޔާއެއްގެ ގެއްލުމެއްވެސް ވެފައި ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެއްބަސްވުން ހަދާފައިވަނީ އާޖެންޓީނާ ފުޓްބޯޅަ އެސޯސިއޭޝަނާއި އަމިއްލަ ސްޕޮންސަރަކާ ދެމެދު ކަމަށްވާތީ، ސަރުކާރުގެ އެއްވެސް މާލީ މަސްއޫލިއްޔަތެއް ނޯންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އެހެންކަމުން، ސްޕޯޓްސް ޑިޕާޓްމަންޓަށް މި ކަންކަން އެނގިފައި ނުވާކަމަށް ބުނާ ބުނުމަކީ މުޅިން ދޮގު ވާހަކައެއް،" ޢަބްދުއްރަޙްމާން ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ، ފުޓްބޯޅަ އެސޯސިއޭޝަންތަކަކީ އަމިއްލަ އިދާރާތަކަށްވާތީ އަމިއްލަ ސްޕޮންސަރަކު ބައިވެރިކުރީ ކަމަށާއި، އާޖެންޓީނާ ފުޓްބޯޅަ އެސޯސިއޭޝަނުންވެސް އެދުނީ އެގޮތަށް ކަންކަން ކުރިއަށްގެންދިއުމަށް ކަމަށެވެ.

މިނިސްޓަރު ޖަނީޝް ވިދާޅުވި ގޮތުގައި، ސަރުކާރުގެ ބޮޑު މަޤްޞަދަކީ ހަމައެކަނި މެސީ ކެރަލާއަށް ގެނައުމެއް ނޫނެވެ. ނަމަވެސް، ކެރަލާގައި ފުޓްބޯޅައިގެ ހުނަރުވެރިން އުފައްދައި، ގިނަ "މެސީ" ތަކެއް އުފެއްދުމެވެ.

ހިއްސާ ކުރައްވާ!