އިނގިރޭސި ޕްރިމިއަރ ލީގުގައި މެންޗެސްޓަރ ސިޓީއަށް ކުޅެމުން އަންނަ ނޯވޭގެ ފޯވަޑް އާލިންގ ހާލަންޑް، ޕްރިމިއަރ ލީގުގައި އެންމެ އަވަހަށް 100 ލަނޑު ހަމަކުރި ކުޅުންތެރިޔާގެ މަޤާމާއެކު، ގިނީސް ވާރލްޑް ރެކަޑްސް ފޮތުން އާ 4 ސެޓްފިކެޓް ހޯދައިފިއެވެ. އޭނާ މި ލަނޑު ހަމަކޮށްފައިވަނީ އެންމެ 111 މެޗުގެ ތެރޭގައެވެ.
ޕްރިމިއަރ ލީގުގައި ހާލަންޑުގެ 100 ވަނަ ލަނޑު ކާމިޔާބުކޮށްފައިވަނީ ޑިސެމްބަރު މަހުގެ 2 ވަނަ ދުވަހުއެވެ. މި ކާމިޔާބީއާއެކު އޭނާ ވެފައިވަނީ މި މުބާރާތުގައި އެންމެ އަވަހަށް ފުރަތަމަ 100 ލަނޑު ހަމަކުރި ކުޅުންތެރިޔާއަށެވެ.
މީގެ އިތުރުން، 2022-2023 ވަނަ ސީޒަނުގައި ޕްރިމިއަރ ލީގާ ގުޅިގެން ކުޅުނު ފުރަތަމަ ސީޒަނުގައި އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ މަޤާމުވެސް ހާލަންޑް ވަނީ ހޯދާފައެވެ. އެ ސީޒަނުގައި އޭނާ ވަނީ 38 މެޗުން 36 ލަނޑުޖަހައި، މުޙައްމަދު ޞަލާޙްގެ ތާރީޚީ ރެކޯޑު މުގުރާލާފައެވެ. އަދި ޕްރިމިއަރ ލީގުގެ އެއް ސީޒަނެއްގައި އެންމެ ގނަ ލަނޑުޖެހުމުގެ ރެކޯޑު، އަންޑީ ކޯލް އަދި އެލަން ޝެރަރ ފަދަ ކުޅުންތެރިން ފަހަތަށް ޖައްސާލުމަށްފަހު އޭނާ ވަނީ ހޯދާފައެވެ.





